'ރޭސް 3'ގައި ފެނިގެންދާނީ ސަލްމާން!

ކާމިޔާބު ފިލްމު ސީރީޒް 'ރޭސް'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި ސައިފް އަލީ ޚާންގެ ބަދަލުގައި ފެނިގެން ދާނީ ސުޕަރސްޓާ ސަލްމާން ޚާން ކަމަށް ޚަބަރުތައް ބުނެފިއެވެ.

'ރޭސް'ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2008 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުއެވެ. ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެން ދިޔައީ ސައިފްއެވެ.

އެހެން ނަމަވެސް 'ރޭސް 3'ގައި ސައިފްގެ ބަދަލުގައި ފެނިގެން ދާނީ ސަލްމާން ކަމަށާއި، ފިލްމަށް ސަލްމާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަލްމާންގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމު 'ޓިއުބްލައިޓް' އަށް ބޮލީވުޑް ބޮކްސްއޮފީހުގައި ފިނި ތަރުހީބެއް ލިބިގެން ދިޔަ އިރު 'ރޭސް 3' އަކީ ގެއްލުން ފޫބައްދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.

ފިލްމު ސީރީޒްގެ ލީޑުގެ އިތުރުން، ފިލްމުގެ ޑައިރެކްޓަރު ވެސް ބަދަލުވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ފުރަތަމަ ދެ ފިލްމު ވެސް ޑައިރެކްޓުކޮށްފައި ވަނީ މުސްތާން އާއި އައްބާސް އެވެ.

ނަމަވެސް 'ރޭސް 3' ޑައިރެކްޓު ކުރާނީ ރޭމޯ ޑިސޫޒާއެވެ. ޕްރޮޑިއުސް ކުރާނީ ރަމޭޝް ޓޯރާނީއެވެ. ޚަބަރުތައް ބުނާގޮތުން ފިލްމަށް ސަލްމާން ހަމަޖެއްސުމަށް ރަމޭޝް ވަނީ ހަތަރު އަހަރު މަސައްކަތް ކޮށްފައެވެ.

ރޭމޯ އާއި ސަލްމާން މިހާރު ވެސް އަންނަނީ އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް 'ރޭސް 3' އަށް ވަގުތު ދިނުމަށް ރޭމޯ ވަނީ އެ ފިލްމުގެ މަސައްކަތް ފަސްކޮށްލައިފައެވެ.

comment ކޮމެންޓް