ސިދާރްތު ޕްރޮޑިއުސަރަކަށް ވުމުގެ އުންމީދުގައި

ފިލްމެއް ޕްރޮޑިއުސް ކުރުމުގެ އުންމީދުގައި ހުރި ކަމަށް ބޮލީވުޑް އެކްޓަރު ސިދާރްތު މަލޯތުރާ ބުނެފިއެވެ.

ސިދާރްތު ބޮލީވުޑް ކެރިއަރު ފެށީ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. ސިދާރްތު ވަނީ ކަރަންގެ ފިލްމު 'މައި ނޭމް އިޒް ޚާން'ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އެއަށްފަހު އެކްޓަރެއްގެ ގޮތުގައި ވެސް ސިދާރްތު ފެނިގެން ދިޔައީ ކަރަންގެ ފިލްމު 'ސްޓޫޑެންޓް އޮފް ދަ އިޔަރ' އިންނެވެ.

ފިލްމީ ދާއިރާގައި އޭނާގެ ކުރިމަގާ ގުޅޭގޮތުން ވާހަކަ ދައްކަމުން ސިދާރްތު ބުނީ ޕްރޮޑިއުސް ކުރުމުގެ އިތުރުން ޑައިރެކްޓު ވެސް ކުރަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ޑައިރެކްޝަން އަކީ އަދި ދުރުގައި އޮތް ކަމެއް ކަމަށާއި، ފުރަތަމަ ބޭނުން ވަނީ ޕްރޮޑިއުސް ކުރަން ކަމަށެވެ.

ސިދާރްތު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖެކްލީން ފާނަންޑޭޒް އާއެކު، ފިލްމު 'އަ ޖެންޓްލްމޭން' އިންނެވެ. އެއީ ސިދާރްތު އަދި ޖެކްލީން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.

މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ރާޖް އަދި ޑީކޭ އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ފޮކްސް ސްޓާ ބެނާގެ ދަށުންނެވެ.

comment ކޮމެންޓް