ދިޝާ ޕަޓާނީ އާއެކު 'ބާޣީ 2'ގެ ޝޫޓިން ފަށައިފި

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ބާޣީ' ގެ ދެވަނަ ބައި، 'ބާޣީ 2'ގެ ޝޫޓިން އާ ދިޝާ ޕަޓާނީ ވެސް ގުޅިިއްޖެ އެވެ.

ޓައިގާ ވަނީ މީގެ ކުރިން ފިލްމުގެ ބައެއް މަންޒަރުތައް ނަގައިފައެވެ. އެހެން ނަމަވެސް ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށާފައި ވަނީ އިއްޔެ އެވެ. ފިލްމުގެ މަސައްކަތް ފެށިކަން ޓައިގާ އަދި ދިޝާ ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައެވެ.

ދިޝާ އާއި ޓައިގާ އެކުގައި ހަފްލާތަކުންނާއި ރެސްޓޯރެންޓުތަކުން ފެނުނު ނަމަވެސް މިއީ ދެމީހުން އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެމީހުން ވަނީ މީގެ ކުރިން 'ބޭފިކްރާ' ކިޔާ ވީޑިއޯ ލަވައެއްގައި އެކުގައި ފެނިގެން ގޮސްފައެވެ.

ފުރަތަމަ ފިލްމުގައި ޓައިގާ އަދި ޝްރައްދާ ކަޕޫރުގެ ފަރާތުން ރަނގަޅު އެކްޓިން އެއް ފެނިގެން ދިޔަ ނަމަވެސް، ފިލްމުގެ ދެވަނަ ބަޔަށް ދިޝާ ހަމަޖެއްސީ ވެސް ދެމީހުންގެ އޮންސްކްރީން ކެމިސްޓްރީ ރަނގަޅުވުމުންނެވެ.

ފިލްމު ޑައިރެކްޓު ކުރަނީ ކޮރެއޮގްރާފަރު އަހްމަދު ޚާން އެވެ. އަދި ފިލްމުގެ އެކްޝަން ބައިތައް ކޮރިއޮގްރަފް ކުރަނީ 'ކްރިޝް' އަދި 'ކްރިޝް 3'ގެ އެކްޝަން މަންޒަރުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ޓޯނީ ޗިންގް އެވެ.

'ބާޣީ'ގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ފިލްމުގެ ސްޕިންއޯފް އަކަށެވެ. ފުރަތަމަ ބައިގައި ޓައިގާ ކުޅެފައި ވަނީ ލޯތްބަށްޓަކައި ހަނގުރާމަ ކުރަމުން ދާ މީހެއްގެ ރޯލެވެ. 'ބާޣީ 2'ގައި ޓައިގާ ފެނިގެން ދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

'ބާޣީ 2' ރިލީޒް ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް