ކުޅުދުއްފުށީ ''ހޮނިހިރު ބާޒާރު''ގައި އިމްޕޯޓު މުދާ ވިއްކުން މަނާކޮށްފި

ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ވިއްކުމަށް ތަކެތި ބަހައްޓާފައި --- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކުވެސް އޮންނަ "ހޮނިހިރު ބާޒާރު"ގައި އިމްޕޯޓު މުދާ ވިއްކުން މަނާކޮށްފިއެވެ.

ހޮނިހިރު ބާޒާރަކީ ދަނޑުވެރިކަމުގެ އެކި ބާވަތްތައް ވިއްކުމަށް އެކި ރަށްރަށުން މީހުން ކުޅުދުއްފުއްޓަށް އައިސް ބާއްވާ ބާޒާރެކެވެ. ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި، ކޮންމެ ހޮނިހިރު ދުވަހެއްގައި މި ބާޒާރު ބާއްވާތާ ގާތްގަނޑަކަށް 20 ވަރަކަށް އަހަރު ވެދާނެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން "ސަން"އަށް ވިދާޅުވީ، ދަނޑުވެރިކަމުގެ ބާވަތްތައް ފަދަ މުދާ ވިއްކާ "ހޮނިހިރު ބާޒާރު"ގައި އިމްޕޯޓު މުދާ ވިއްކަމުންދާ ކަމުގެ ޝަކުވާ، ރަށުގައި ވިޔަފާރި ހިންގާ ވިޔަފާރިވެރިން ކުރަމުން އަންނަ ކަމަށެވެ.

"މިރަށުގައި ވިޔަފާރިވެރިން ވިޔަފާރި ކުރަނީ ތަންތަން ބޮޑު އަގުގައި ކުއްޔަށް ހިފައިގެން. އެމީހުން އިމްޕޯޓު މުދާ ވިއްކަނީ ވަކި ހުއްދައެއްގެ ދަށުން. އެކަމަކު ހޮނިހިރު ބާޒާރުގައި އާންމުން އިމްޕޯޓު މުދާ ވިއްކާތީ ވިޔަފާރިވެރިންގެ ޝަކުވާ ދަނީ އަންނަމުން،" ލަތީފް ވިދާޅުވިއެވެ.

ހުއްދައާ ނުލައި އިމްޕޯޓު މުދާ ވިއްކުމަކީ މަނާކަމެއް ކަމަށް ވުމާ، އަދި ހުއްދައާ ނުލައި ބައެއް މީހުން އިމްޕޯޓު މުދާ ވިއްކާ ޝަކުވާ ލިބޭތީ، ކުޅުދުއްފުށި ކައުންސިލުން އިއްޔެ ވަނީ އެއީ މަނާކަމެއްކަން އަންގައި، އިއުލާނެއް ކޮށްފައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ހޮނިހިރު ބާޒާރަކީ ރާއްޖޭގެ އުފެއްދުންތައް ވިއްކާ ބާޒާރެއް ކަމަށް ވާތީ، އެތަނުގައި އިމްޕޯޓު މުދާ ވިއްކުމުގެ އިތުރުން، އެފަދަ މުދަލާ ގުޅޭ ޕްރޮމޯޝަންތައް ބޭއްވުމަކީ ވެސް މަނާކަމެއް ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ، ހުއްދައާ ނުލައި އިމްޕޯޓު މުދާ ވިއްކުމަކީ މަނާކަމެއްކަން ބައެއް މީހުންނަށް ނޭނގޭ ކަމަށެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އޮންނަނީ އެރަށުގެ ހޮސްޕިޓަލް ކައިރީގައެވެ. ކައުންސިލުން ބުނީ، އެ ބާޒާރަކީ "އޮޓޮމެޓިކުން" އަބަދުވެސް ހިނގަމުން އަންނަ ކަމެއް ކަމަށާއި، އެ ބާޒާރު ރެގިއުލޭޓު ކުރުމަށް ކައުންސިލުން ރަސްމީކޮށް އެއްވެސް ކަމެއްވެސް ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން އެތަނަށް ގޮސް ބަލަނީ މަގުމައްޗަށް ނުނުކުމެ، ވިޔަފާރި ކުރުމުގެ ކަންކަން ކުރޭތޯ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ ބާޒާރު ހިނގާ ސަރަހައްދުގައި ސަރުކާރުން މިހާރު ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަން ހެދުމުން ހޮނިހިރު ބާޒާރު ރެގިއުލޭޓުކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ލޯކަލް މާރުކޭޓު ހިޔާކުރުމުގެ މަސައްކަތް މިހާރު ކުރަނީ. އެތަން ނިމުމުން ހޮނިހިރު ބާޒާރުގެ ކަންކަން ތަރުތީބުވެގެން ދާނެކަމަށް މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް