ޖެޓުގައި މައްސަލައެއް ދިމާވެ، ލިއޮނާޑޯ ރާއްޖޭގައި ތާށިވެފައި!

ލިއޮނާޑޯ ޑިކެޕްރިއޯ ---

ޗުއްޓީ ހޭދަކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯގެ ޕްރައިވެޓު ޖެޓަށް މައްސަލަ ޖެހުމުގެ ސަބަބުން ފުރޭގޮތް ނުވެ، އޭނާ ރާއްޖޭގައި ތާށިވެއްޖެ އެވެ.

ލިއޮނާޑޯ ރާއްޖެ އައީ ޖުލައި 30 ވަނަ ދުވަހު، ކޯސްޓްލައިން އިންވެސްޓްމެންޓްސްއިން ބ. ކަނުފުށީގައި ހިންގާ "ފިނޮޅު" ރިސޯޓަށެވެ.

ޕްރައިވެޓް ޖެޓުގައި ރާއްޖެ އައި ލިއޮނާޑޯ މިއަދު ފުރަން ހަމަޖެހިފައި އޮތް ނަމަވެސް، ވެލަނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ބާއްވާފައި އޮތް ޖެޓަށް އިއްޔެ ވަނީ މައްސަލައެއް ޖެހިފައެވެ. ޖެހުނީ ކޮން މައްސަލައެއްކަން އެނގޭ ގޮތެއް ނުވި އެވެ.

ލިއޮނާޑޯއަށް އޭނާގެ ޖެޓުގައި މިއަދު ފުރޭ ގޮތް ނުވުމުން، އޭނާއަށް ފުރޭނެ ގޮތެއް ވޭތޯ އެހެން މަގުތަކުން ބަލާފައިވެއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އަށް ވިދާޅުވި ގޮތުގައި، 1997 ވަނަ އަހަރުގެ "ޓައިޓޭނިކް" ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ޑިކެޕްރިއޯ ރާއްޖެއިން ފުރުމަށްޓަކައި އެއާލައިންތަކުން ޖާގަ ލިބޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

"ސަން"އަށް އެނގުނު ގޮތުގައި، އެމިރޭޓްސް އަދި ގަތަރު އެއާވޭސް ފަދަ އެއާލައިންތަކުން ޖާގަ ލިބޭތޯ ލިއޮނާޑޯ ދަނީ މަސައްކަތް ކުރަމުންނެވެ. ލިއޮނާޑޯ ހިމެނޭ ގޮތަށް، އޭނާގެ ޓީމުގައި ނުވަ މީހަކު ހިމެނޭ އިރު، އެ ނުވަ މީހުންނަށް އެއްވެސް ފްލައިޓެއްގެ ފަސްޓް ކްލާހުން ސީޓު ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

އެހެން ނަމަވެސް މިރޭ ރާއްޖެއިން ފުރޭނެ ގޮތެއް ހަމަޖެއްސޭތޯ، ޑިކެޕްރިއޯގެ އޯގަނައިޒަރުން އަދިވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މުޅި ދުނިޔެއަށް ވެސް މަޝްހޫރު މި ތަރީގެ 27 އަހަރުގެ ފިލްމީ ކެރިއަރުގައި 50 އެވޯޑަކާއި، 167 ނޮމިނޭޝަން މިހާތަނަށް ލިބިފައިވާ އިރު، ފިލްމީ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އޮސްކާ އެވޯޑެއް އޭނާއަށް ލިބުނީ ކެރިއަރުގެ 26 ވަނަ އަހަރު، 2016 ވަނަ އަހަރުގައެވެ. އޭނާއަށް އަހަރުގެ ބެސްޓް އެކްޓަރގެ އެވޯޑު ލިބުނީ ފިލްމު "ދަ ރެވެނަންޓް"އިންނެވެ

comment ކޮމެންޓް