ބްރަދާސްއާ އެކު ވި އެއްބަސްވުން އުވާލައި، ޕެވިލިއަން ހަދަން އާ ބަޔަކު ހޯދަނީ

ރަސްފަންނުގެ ޕެވިލިއަން --- ސަން ފައިލް ފޮޓޯ

މާލޭ ހުޅަނގު ފަރާތު ރަސްފަންނުގައި ތަރައްގީ ކުރާ ޕެވިލިއަން ހެދުމަށް ބްރަދާސް ކޭޓަރިންގްއާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހެދި އެގްރިމެންޓް އުވާލައި، އެތަން ތަރައްގީ ކުރާނެ އެހެން ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ރަސްފަންނުގެ ޕެވިލިއަން ތަރައްގީކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީން ބްރަދާސް ކޭޓަރިންގްއާ ހަވާލުކުރީ 31 އޮކްޓޯބަރ 2016ގައެވެ.

އެހެން ނަމަވެސް އެތަން ތަރައްގީކުރުމަށް މާ ބޮޑު މަސައްކަތެއް ކުރެވިގެން ދިޔަތަނެއް ފެނިފައެއް ނުވެއެވެ.

ޕެވިލިއަންގެ ފުރަތަމަ ބުރީގައި ފުޑް އައުޓްލެޓްތަކެއް ހުޅުވަން ޖެހޭއިރު، ބްރަދާސްއިން ބުނީ އެތަނަށް ކޭއެފްސީ އަދި ޕިއްޒާހަޓް ފަދަ ތަންތަން ގެންނާނެ ކަމަށެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޕެވިލިއަން ހިންގައި ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލާ ކަމަށެވެ.

އެ ބިޑަށް ކުރިމަތިލުމަށް ބީލަން ފޮތް 2،500 ރުފިޔާއަށް ގަންނަން ޖެހެއެވެ. ބީލަން ފޮތަށް ފައިސާ ބަލައިގަތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ އިރު، އޯގަސްޓް 13 އަދި 14 ވަނަ ދުވަހު ބީލަން ފޮތް ދޫކުރުންވެސް އޮންނާނެއެވެ.

ޮޕްރީބިޑް މީޓިންގް އޯގަސްޓް 15 ވަނަ ދުވަހު ހެނދުނު އޮންނަ އިރު، ބިޑު ހުށަހެޅުން އޮންނާނީ އޯގަސްޓް 21 ވަނަ ދުވަހުއެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑު އެވޯޑުކުރާ ފަރާތަކުން ޕަފޯމަންސް ގެރެންޓީގެ ގޮތުގައި 250،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.

comment ކޮމެންޓް