އާމިރު ޚާނާއި އޭނާގެ އަންހެނުން ކިރަންއަށް ސްވައިން ފްލޫ ޖެހިއްޖެ

ބޮލީވުޑް ސުޕަސްޓާ އާމިރު ޚާން އާއި އޭނާގެ އަންހެނުން ކިރަން ރާއޯއަށް ސްވައިން ފްލޫ ޖެހިއްޖެއެވެ.

އާމިރު ޚާން ވަނީ އެކަން ޔަގީންކޮށްދީފައެވެ. އާމިރުއާއި ކިރަންއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.

ފްލޫގެ ސަބަބުން އާމިރުއަށް ވަނީ މިދިޔަ ހަފްތާގައި ބޭއްވި ސަތުޔަމޭވްޖަޔާތޭ ވޯޓާ ކަޕްގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގައި ވެސް ބައިވެރިވެވޭ ގޮތް ނުވެފައެވެ. އާމިރުގެ ފަރާތުން އެ ހަފްލާގައި ބައިވެރިވީ ޝާހްރުކް ޚާންއެވެ.

ނަމަވެސް އާމިރު ވަނީ ވީޑިއޯ މެސެޖެއް ފޮނުވައި، ހަފްލާގައި ބައިވެރި ނުވެވުމުން އެކަމަށް މައާފަށް އެދިފައެވެ.

"ވަރަށް ފަހުން ކުރި ޓެސްޓަކުން އެނގުނީ އަހަންނަށް ސްވައިން ފްލޫ ޖެހިފައިވާ ކަން. ޑޮކްޓަރުން ވަނީ އެއްގޮތަކަށް ވެސް ބޭރަށް ނުދިއުމަށް އަންގާފައި،" އާމިރު ބުނެފައިވެއެވެ.

އިންޑިއާގައި އެންމެ ބާރަށް ސްވައިން ފްލޫ ފެތުރެމުން އަންނަނީ މަހާރާޝްތުރަ ހިސާބުގައެވެ. އެ ބަލީގައި މަހާރާޝްތުރައިން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މަހާރާޝްތުރައިގެ އިތުރުން ސްވައިން ފްލޫ ފެނިފައި ވަނީ މުމްބާއީ، ތާނޭ، ޕޫނޭ އަދި ނާޝިކް އިންނެވެ. އެ ހިސާބުތަކުގައި ގިނަ ބަޔަކު އަންނަނީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

comment ކޮމެންޓް