މިއަހަރު ރާއްޖޭން ހައްޖަށްދާ މީހުން ފުރަން ފަށައިފި

ރާއްޖޭން މިއަދު ހެނދުނު ހައްޖަށް ފުރި ބައެއް ހައްޖުވެރިންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ބައްދަލުކުރައްވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަހަރު ރާއްޖޭން ހައްޖަށްދާ ހައްޖުވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ފުރައިފި އެވެ.

ރާއްޖޭން މިއަހަރު 1،000 ހައްޖުވެރިން ހައްޖަށް ދާއިރު، ސްރީލަންކަން އެއާލައިންސްގައި މިއަދު ހެނދުނު ފުރާފައި ވަނީ ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި ދާ 95 ހައްޖުވެރިންނެވެ.

ރާއްޖޭން ހައްޖުވެރިން މިއަދުން ފެށިގެން ފުރަން ހަމަޖެހިފައިވާއިރު، ޒައީ ގްރޫޕުގެ އިތުރުން މިއަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ސިސިލްފަރާއި ހަރަމައިންގެ އިތުރުން ހައްޖު ކޯޕަރޭޝަނަށެވެ.

އެ ގްރޫޕްތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 693 މީހުން ހައްޖަށްދާއިރު، ހަރަމައިން ގްރޫޕުން 98 މީހުން، ސިސިލްފަރުން 96 އަދި ޒައީ ގްރޫޕުން 97 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާނެއެވެ.

އަދި ހުރިހާ ގްރޫޕެއްގެ އެޑްވާންސް ޓީމުތައް މިހާރު ވަނީ ސައުދީ އަށް ގޮސްފައެވެ.

ރާއްޖެއިން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަށް ބަލާއިރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ހައްޖަށް ދާ 214 މީހަކާއި ހަރަމައިންގެ ހަވާލުގައި ދާ 94 މީހަކު މާދަމާ ފުރާނެއެވެ.

ރާއްޖެއިން ހައްޖަށް ދާ އެންމެ ފަހު ގްރޫޕް ސައުދީއަށް ފުރާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

comment ކޮމެންޓް