ޞަޙާބީންގެ މަތިވެރިކަން -6

25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖާހިލިއްޔަތުގެ ބޮޑާކަމުން އެއްކިބާވެ ވަޑައިގަތުން

ރަސޫލާގެ ޞަޙާބީންނަށް ލިބިވަޑައިގެންފައިވާ މާތްﷲ ގެ ޚާއްޞަ ނަޞްރުގެ ވާހަކަ ވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް ފަތުޙުގައި ބަޔާންކުރައްވައިފައެވެ. އެފަތަޙައިގެ ނަތީޖާއެއްގެ ގޮތުން އެބޭކަލުންނަށް ސީދާ ތެދުމަގު ލިބިވަޑައިގެންނެވިއެވެ. އެބޭކަލުންނަށް ދުޝްމިނުންގެ ކިބައިން މިނިވަންކަމާއި، ރައްކައުތެރިކަން ލިބިވަޑައިގެންނެވިއެވެ. ބިންމަތީގައި މާތްﷲގެ ދީން ފާޅުވިއެވެ. ދެކޮޅުވެރީން އެދިތިބި ގޮތާ ޚިލާފަށް އެބޭކަލުންނަށް ބާޔާންވެގެންހުރި ފަތަޙަ ލިބިވަޑައިގެންނެވިއެވެ. މާތްﷲ ގެ މި ޚާއްޞަ ރަޙްމަތާއި ނަޞްރުގެ ޙައްޤުވެރީން ކަމުގައި ރަސޫލާގެ ޞަޙާބީން ވެވަޑައިގަތީ އެބޭކަލުންގެ ކޮން ޢަމަލުފުޅުތަކެއްގެ ނަތީޖާއެއްގެ ސަބަބުންތޯއެވެ؟ އާދެ، ސޫރަތުލް ފަތުޙުގެ ތަފާތު އާޔަތްތަކުގައި އެކަމުގެ ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. އޭގެތެރެއިން އެއް އާޔަތެއްގައިވެއެވެ.

" ކާފިރުވި މީހުން، އެބައިމީހުންގެ ހިތްތަކުގެ ތެރެއަށް ބޮޑާކަން ވައްދައިފިހިނދެވެ. އެއީ ޖާހިލިއްޔަ ޒަމާނުގެ ބޮޑާކަމެވެ. ފަހެ، ﷲ ، އެކަލާނގެ ރަސޫލާގެ މައްޗަށާއި، މުއުމިންތަކުންގެ މައްޗަށް އެކަލާނގެ ޙަޟުރަތުން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި ތަޤުވާގެ ކަލިމަ، އެބައިމީހުންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެބައިމީހުން އެކަލިމައަށް ޙައްޤުކަން ބޮޑުވެފައި، އަދި އެކަލިމައިގެ އަހުލުވެރީން ކަމުގައިވިއެވެ. ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި މާތްﷲ ވޮޑިގެންވެއެވެ." (ސޫރަތުލް ފަތުޙު : 26)

މަތީގައި ބަޔާންކުރެވުނު އާޔަތުގައި، އަރަހުށި މާތްﷲ ވަޙީކުރައްވައިފައި އެވަނީ ޙުދައިބިއްޔާގެ އެގްރިމެންޓުގައި ސޮއިކުރެވުނު ވަގުތު ޞަޙާބީން ގެންގުޅުއްވި ގޮތްކޮޅުގެ ވާހަކައެވެ. އެގޮތް ކޮޅަކީ އެއްނަޒަރަކުން ބަލާއިރު ކެތްތެރިކަން ޚިޔާރުކުރެއްވުމެވެ. ކޯފާ އިސްކުރުވާން އުޅުމުންވެސް ކޯފާ އިސްނުކުރެއްވުމެވެ. ޖާހިލިއްޔަތުގެ ބޮޑާކަމުން އެއްކިބާވެވަޑައިގަތުމެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިޖްރައިން ހަވަނަ އަހަރު އެކަލޭގެފާނުގެ ޞަހާބީންކުރެ ގާތްގަޑަކަށް ސާދަސަތޭކަ ބޭކަލުންނާއިގެން މަދީނާއިން މައްކާއަށް ދަތުރުކުރެއްވިއެވެ. މައްކާއަށް ވަޑައިގެން ޢުމްރާވެ ވަޑައިގަތުމުގެ މަޤްޞަދުގައެވެ. އިތުރު ސާހިބާއަށް މައްކާގެ ކައިރީގައިވާ ހުދައިބިއްޔާއެވެ ކިޔުނުތަނާ ހަމައަށް ވަޑައިގެންނެވޭ އިރަށް މައްކާގެ މުޝްރިކުން ކުރިއަށް ނުކުމެ މުސްލިމުން ހުއްޓުވައިފިއެވެ. އެބައިމީހުން ދެންނެވިއެވެ. އަޅުގަނޑުމެން ކަލޭގެފާނު މައްކާއަށް އަރައިވަޑައިގަތަކަ ނުދޭނޫއެވެ. އެބައިމީހުން އެމައްސަލަ ހެދީ އެބައިމީހުންގެ ޢިއްޒަތާއި ޝަރަފުގެ މައްސަލައެއް ކަމުގައެވެ.

އިތުރު ސާހިބާ ޢުމްރާ ނުކުރައްވައި އެނބުރި ވަޑައިގެންނެވުން މަޖްބޫރުކުރުވުމަށްޓަކައި މުޝްރިކުން އެތައް ގޮތަކަށް މަސައްކަތްކުރިއެވެ. ދެކޮޅުވެރިކަމާއެކު ބާރުގެ ބޭނުން ކުރުމުގެ ތަފާތު ޙަރަކާތްތައް ހިންގިއެވެ. ނަމަވެސް އެއިން ކޮންމެ ދަނޑިވަޅެއްގައިވެސް، އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޞަހާބީން ގެންދެވީ ބާރުގެ ބޭނުންކުރެއްވުމާ ދުރުހެލިވެ ވަޑައިގަންނަވަމުންނެވެ. ދެފަރާތުގެ ދެމެދުގައި ސީދާ ކުރިމަތިލުމެއް ހިނގުމުގެ މަގު ފަހިވިޔަ ނުދެއްވުމަށްޓަކައެވެ. އެކަމުގެ ތެރޭގައި މައްކާގެ އަހުލުވެރީންގެ ފަރާތުން މުސްލިމުންގެ ގާތަށް ތަފާތު ވަފުދުތައް އަންނަމުންދިޔައެވެ. ދެފަރާތުން ވާހަކަ ދެއްކުމަށްޓަކައެވެ. އިތުރު ސާހިބާގެ ހުށަހެޅުއްވުމުގެ މަތީން އެންމެ ފަހުން އެއްބަސްވެވުނީ ދެފަރާތުގެ ދެމެދުގައި ދިގު މުއްދަތެއްގެ އެގްރިމެންޓެއް ކުރާގޮތަށެވެ. ދެބައިމީހުންވެސް އެބައެއްގެ ސަރަޙައްދުގައި ތިބުމަށްޓަކައެވެ. އެއްބަޔަކު އަނެއްބަޔަކަށް ޙަމަލަ ދެވުނަ ނުދިނުމަށްޓަކައެވެ.

ޙުދައިބިއްޔާގެ ޙާދިޘާގެ ތަފްޞީލު ސީރަތުގެ ފޮތްތަކުން ފިލައިވަޑައިގަންނަވާނެއެވެ. އެ ޙާދިޘާގެ ޚުލާޞާއަކީ ވާހަކައިގެ އެންމެ ފަހު މަރުހަލާގައި އެގްރިމެންޓް ލިޔެވޭން ފެށުމުން މައްކާގެ ޤުރައިޝުންގެ މަންދޫބު ޚިޔާރުކުރީ އިންތިހާ ދަރަޖައަށް ރުޅި އަރުވައިލުމުގެ ގޮތެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ އެގްރިމެންޓުގެ މަތީގައި ބިސްމި ލިޔުމަށް އިމްލާކޮށްދެއްވުމުން ޤުރައިޝުންގެ މަންދޫބު ދެންނެވިއެވެ. "އަޅުގަނޑުމެން ތިޔަ ގޮތެއް ޤަބޫލެއްނުކުރަމުއެވެ. ރަޙްމާނާއި ރަޙީމަކީ އަޅުގަނޑުމެން ދަންނަ ބަސްބަހެއް ނޫނެވެ. އަޅުގަނޑުމެން ދަންނަ ގޮތަށް ބިސްމިކަ އައްލާހުއްމަ ލިޔުއްވާށެވެ." އިތުރު ސާހިބާ އެގޮތް ޤަބޫލު ކުރެއްވުމަށްފަހު " މުޙައްމަދުއް ރަސޫލުއްﷲ ގެ ފަރާތުން" މިހެން ލިޔަން ވިދާޅުވުމުން ޤުރައިޝުންގެ މަންދޫބު އެބަސްފުޅާވެސް ދެކޮޅު ހެދިއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑުމެން ކަލޭގެފާނުގެ ރަސޫލުކަން ޤަބޫލެއްނުކުރަމުއެވެ. މިހުރިހާ މައްސަލަތަކެއްގެ އަސްލަކީ އެއީ ނޫންތޯއެވެ. އެހެންކަމުން މުޙައްމަދު ބިން ޢަބްދުﷲ މިހެން ލިޔުއްވާށެވެ." މިކަންކަމަކީ ޞަޙާބީންގެ ހިތްޕުޅުތައް ޒަޚަމުކޮށްލި ޙާދިޘާތަކެކެވެ. ނަމަވެސް ޞަޙާބީންގެ މައްޗަށް މާތްﷲ ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އެބޭކަލުން އެ ޝަރުޠުތަކާ ރުހިވަޑައިގެންނެވިއެވެ.

ހަމައެފަދައިން އެ ޞުލްޙަނާމާގައި ޤުރައިޝުންގެ މަންދޫބު ލިޔުއްވިއެވެ. މައްކާގެ މީހަކު އިސްލާމްދީން ޤަބޫލުކޮށްގެން މަދީނާއަށް ހިނގައްޖެނަމަ އެމީހަކު އަޅުގަނޑުމެންގެ ގާތަށް ފޮނުއްވާން ކަލޭގެފާނަށް ޖެހިވަޑައިގަންނަވާއެވެ. ނަމަވެސް މަދީނާގެ މީހަކު އަޅުގަނޑުމެންގެ ގޮތުގައި ހިފައިފިނަމަ (އިސްލާމްދީން ދޫކޮށްލައިފައި މައްކާއަށް ހިނގައްޖެނަމަ) އަޅުގަނޑުމެން އެމީހަކު ކަލޭގެފާނުގެ އަރިހަކަށް ނުފޮނުވާނޫއެވެ. މި އެއްފަރާތަކަށް ބުރަވެފައިވާ ޝަރުޠަކީ ބަރުދާސްތުކުރެވުން އެކަށީގެންނުވާފަދަ އިހާނެތި ޝަރުޠެކެވެ. ނަމަވެސް ކައުސާހިބާއާއި އެކަލޭގެފާނުގެ ޞަޙާބީން މާތްﷲ އަށްޓަކައި އެ ޝަރުޠުވެސް ޤަބޫލުކުރެއްވިއެވެ.

މައްކާގެ މުޝްރިކުން ހައްޔަރުކޮށްފައި ހުރި މުސްލިމެއްކަމުގައިވާ އަބޫ ޖުންދަލް ރަޟިޔަﷲ ޢަންހު އެ އެގްރިމަންޓް ލިޔެވެމުން ދަނިކޮށް ކޮންމެވެސް ގޮތަކުން ޤުރައިޝުންގެ ކިބައިން މިންޖުވެވަޑައިގެން އެތަނަށް ވަޑައިގެންނެވިއެވެ.އޭރުވެސް އެކަލޭގެފާނުގެ ފައިންޕުޅުގައި ހުރީ ހިލިހިލާ ޖަހައިފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ހުރި ޒަޚަމްތަކުން ލޭފޮދު އޮހޮރި އޮހޮރި ހުއްޓެވެ.

ޤުރައިޝުންގެ މަންދޫބު ވަގުތުން ދެންނެވިއެވެ. އެގްރިމެންޓުގައިވާ ފަދައިން އަބޫ ޖުންދަލް އަޅުގަނޑުމެންގެ ތެރެއަށް އަނބުރައި ފޮނުއްވާށެވެ. އަބޫ ޖުންދަލް ވިދާޅުވިއެވެ. އަޅުގަޑު ކާފަރުންގެ ތެރެއަށް އަނބުރައި ފޮނުއްވައިލައްވަނީތޯއެވެ؟ އެބައިމީހުން އަޅުގަނޑު ދީނުން ފިތުނަވެރި ކުރުވުމަށްޓަކައި ދޫކޮށްލައްވަނީތޯއެވެ؟ އެއީ ވަރަށް ނާޒުކު ދަނޑިވަޅެކެވެ. ނަމަވެސް ރަސޫލާގެ ޞަޙާބީން އެބޭކަލުންގެ ކެކި އުތުރި އަރަމުންދިޔަ ޖަޒުބާތު މައިތިރިކުރައްވައި ޤުރައިޝުންގެ މަންދޫބުގެ ހުށަހެޅުން ޤަބޫލުކުރެއްވިއެވެ.

މިއީ ޞަޙާބީންގެ ޝަޚްޞިއްޔަތުގައިވާ އާދަޔާ ޚިލާފުކަމެކެވެ. އާދެ، އެބޭކަލުން ކޯފާ އިސްކުރުވަން ތަކުރާރުކޮށް މަސައްކަތްކުރެވޭ އިރުވެސް ކޯފާއިހެއް ނުކުރައްވައެވެ. އެބޭކަލުންނާ ދެކޮޅަށް ނަހަމައިން ބާރުގެ ބޭނުންކުރެވޭއިރުވެސް އެބޭކަލުން ޖަވާބީ ފިޔަވަޅެއް ނާޅުއްވައެވެ. ޢުމްރާކުރެއްވުމަކީ އެބޭކަލުންގެ އަބުރުފުޅާގުޅޭ މައްސަލައަކަށް ނުހައްދަވައި ޙުދައިބިއްޔާއިން އެނބުރި ވަޑައިގަންނަވަން ރުހިޤަބޫލުވެވަޑައިގެންނެވިއެވެ. އެބޭކަލުން އިދިކޮޅު ފަރާތުން ހުށަހެޅި އެއްފަރާތަކަށް ބުރަވެފައިހުރި ޝަރުޠުތައް ޤަބޫލުކުރައްވައި ހަނގުރާމައިގެ ޙާލަތު އަމާންކަމުގެ ޙާލަތަށް ބަދަލުކޮށްލެއްވިއެވެ.

ޙުދައިބިއްޔާގެ ޙާދިޘާގެ ތެރޭގައި މައްކާގެ މުޝްރިކުން ވަނީ ބަރުދާސްތު ނުކުރެވޭފަދަ ކަންތައްތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް ރަސޫލާގެ ޞަޙާބީން ގެންދެވީ އެކަންކަމަށް ކެތްތެރިވެ ވަޑައިގަންނަވުމުންނެވެ. އިދިކޮޅު ފަރާތުން ދެއްކި ޖާހިލިއްޔަ ޒަމާނުގެ ބޮޑާކަމަށް އެބޭކަލުން ޖަވާބުދެއްވީ އިސްލާމީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމުންނެވެ. ރަސޫލާގެ ޞަޙާބީންގެ މިގޮތްކޮޅާމެދު މާތްﷲ ރުހިވޮޑިގެންނެވިއެވެ. އެކަލާނގެ މަތިވެރި ރޭއްވެވުމުން ޞަޙާބީންގެ ކުރިފުޅުމަތީގައި ޔަހޫދީންގެ މޫތައް ކޮއްޓެވޭނެގޮތް ތަނަވަސް ކޮށްދެއްވިއެވެ. ޚައިބަރާއި މައްކާ ފަތަޙަ ކުރެއްވޭނެ މަގު ހުޅުއްވައިދެއްވިއެވެ. އިސްލާމްދީން މުޅި ޢަރަބިކަރައިގައި ނަޞްރުވެރި ދީނެއްގެ ގޮތުގައި ޤާއިމުކުރެއްވޭނެ މަގުފަހި ކޮށްދެއްވިއެވެ. އިސްލާމީ ދަޢުވަތު އަރަބިކަރައިން ބޭރަށް ފަތުރުއްވަން މަގުހުޅުއްވައި ދެއްވިއެވެ.

comment ކޮމެންޓް