ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގެއްލުންދޭ މީހުން "ތަޅު އަޅުވަން" ގާނޫނެއް ހަދަންޖެހޭ: ނިހާން

ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް ފަރާތްތަކުގެ ފޯމް ހަވާލުކުރެއްވުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ނިހާން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް އެމީހުންގެ އަގުވައްޓާލައި އެކި ގޮތްގޮތުން ގެއްލުން ދެމުންދާ ފަރާތްތައް "ތަޅު އަޅުވަން" ގާނޫނެއް ހަދަންޖެހޭ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ނިހާން ވަނީ ރާއްޖޭގެ ތާރީހުގައި އަބަދުވެސް އެކި ފަރާތްތަކުން ސީދާ އަދި ނުސީދާ ގޮތެއްގައި ފުލުހުންނާއި ސިފައިންނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ.

އަދި ދިވެހި ފުލުހުންނާއި ސިފައިންނަށް ޖެއްސުންކޮށް ގެއްލުން ދިނުމުގެ މަސައްކަތްތައް ރާއްޖޭގެ ސިޔާސީ މީހުން ކުރަމުންދާއިރު، އެނގިތިބެ އެކަމަށް ހިތްވަރު ލިބޭ ގޮތަށް ކުރީގެ ރައީސުންނާއި ސިޔާސީ ފަރާތްތަކުން ބަޔާންތައް ނެރެމުންދާތީ، މާޒީގައި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ހުރި ގޮތް ހަދަމުފުޅުނެތަތީތޯ ނިހާން ވަނީ ސުވާލު އުފައްދަވާފައެވެ.

އެ ސުވާލާއެކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ހަތަރު އަހަރެއްގައި މަރާލި މީހުންގެ އަދަދު ނިހާން ވިދާޅުވިއެވެ. އަދި އޭރު ވެރިކަމުގައި ހުރީ ރައީސް ޔާމީންތޯ ސުވާލު ކުރެއްވިއެވެ.

"އަޅުނގަޑުމެންނަށް ދެން ޖެހޭނީ ގާނޫނީ ބާރު ނަގާ ދަމަހައްޓަން. އަނެއްކާ އަނެއް ގާނޫނު ހަދާ ތަޅުއަޅުވަން. ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގެއްލުންދޭ ފަރާތްތައް ތަޅުއެޅުވުމުގެ މަސައްކަތްތައް ރައްޔިތުން މަޖިލީހުން ކުރަންޖެހޭނެ، ކުރަންވާނެ،" ނިހާން ވިދާޅުވިއެވެ.

ކުރީގެ ރައީސުންނަށް އިޝާރާތްކުރައްވާ ނިހާން ސުވާލުތަކެއް ކުރިމަތިކުރެއްވިއިރު، ގައުމު އަމާން ތަނަކަށް ހެދުމަށް މުއައްސަސާތަކުން އުފުލަންޖެހޭ ޒިންމާ އުފުލުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އޮފީހުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ގައުމުގައި ހަމަނުޖެހުން ގާއިމް ނުކުރެވޭނަމަ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ވެރިން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ފުލުހުންނާއި ސިފައިންނަށް ގެއްލުންދޭ ފަރާތްތަކާ މެދު ޖިނާއީ ދާއުވާ ކުރެވޭނެ ގާނޫނުތަކެއް މިހާރު ވެސް އެބަހުއްޓެވެ. ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާ މީހުންނާ މެދު ދައުވާ ކުރެވޭނެ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް