ދިލިޕް ކުމާރު އަދިވެސް އައިސީޔޫގައި، އެކަމަކު މިހާރު ހާލު ރަނގަޅު

ބޮލީވުޑް ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރުންނާ ހަވާލާދީ، ލީލާވަތީ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު، އުމުރުން 94 އަހަރުގެ އެކްޓަރު ހޮސްޕިޓަލުގައި އެނދުމަތި ކުރީ ހަށިގަނޑުން ފެން މަދުވެ، ކުޑަކަމުދިއުމުގައި މައްސަލަތަކެއް ދިމާވާން ފެށުމުންނެވެ.

ދިލިޕް ކުމާރަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. ލީލާވަތީ ހޮސްޕިޓަލުން އިއްޔެ ބުނެފައި ވަނީ ދިލިޕް ކުމާރުގެ ހާލު ގޯސްވަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އަދި ދެ ދުވަސް ވަންދެން ފަރުވާ ދޭނީ އައިސީޔޫގައި ބާއްވައިގެން ކަމަށާއި، ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ބުނަން އަދި އަވަސް ކަމަށް ލީލާވަތީ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ދިލިޕް ކުމާރު ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 1998 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގިލާ' އިންނެވެ.

ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާއަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެ އެވެ.

އަދި 60 އަހަރަށް ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި ދިލިޕް ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފައެވެ. އޭނާއަކީ މިހާރު ވެސް ފިލްމްފެއާ ބެސްޓް އެކްޓަރުގެ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.

comment ކޮމެންޓް