"ބަހަބޯ"- ދިވެހި "ބޮގުލް"!

އިނގިރޭސި ކުޅިވަރެއް ކަމަށްވާ "ބޮގުލް" އަސްލަކަށް ބަލައިގެން "ބަހަބޯ" ގެނަމުގައި މިއަދު ތައާރަފް ކުރި ކުޅިވަރު ް-- ފޮޓޯ : ފޭސްބުކް--

ދިވެހީންގެ މެދުގައި ދިވެހިބަސް އާލާކުރުމަށާއި ދިވެހި ބަހަށް ހުންނަ ޝައުގުވެރިކަން އެކިއެކި އުމުރުފުރާތަކުގައި އިތުރުކުރުމުގެ ގޮތުން "ބަހަބޯ"ގެ ނަމުގައި "ކުޅިވަރެއް" މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީން (އެމްއެންޔޫ)އިން އިފްތިތާހް ކޮށްފިއެވެ.

ބަހަބޯ ތައާރަފް ކުރުމަށް މިއަދު ހެނދުނު އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ބިލްޑިންގައި ބޭއްވި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިޔާ އަދި ތަރިކަ ކޮމެޓީގެ ރައީސް އަބްދުއްރަޝީދު ހުސެއިންއެވެ.

"ބަހަބޯ" ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ : ފޭސްބުކް--

އިނގިރޭސިވިލާތުގެ ކުޅިވަރެއް ކަމަށްވާ "ބޮގުލް" އަސްލަކަށް ބަލައިގެން އެ ކުޅިވަރު އުފައްދައިފައިވަނީ ގައުމީ ޔުނިވާސިޓީގެ ލައިބްރާރީގެ އިސް މުވައްޒިފުންނެވެ.

އެމްއެންޔޫއިން ބުނިގޮތުގައި އެކުޅިވަރު އުފެއްދުމަށްޓަކައި ކުރި ދިރާސާގައި 2 އަކުރު، 3 އަކުރު، 4 އަކުރު، އަދި 5 އަކުރުގެ ކޮންމެ ވައްތަރަކުން 50 ބަސް ކޮންމެ މީހަކު ލައްވައި ލިޔުއްވުނެވެ. އަދި ފުރިހަމަކުރެވުނު ލިސްޓްތަކަށް ބަލައިގެން އަކުރުތަށް ތަކުރާރުވެގެން އަންނަ ނިސްބަތް ދިރާސާކޮށް ބެލުނެވެ. އަދި އަކުރުތައް ތަކުރާރުވާ ނިސްބަތަށް ބަލާ މިކުޅިވަރުގައި ހިމެނޭ 16 ކޮޑީގައި އަކުރުތައް ހިމަނަންވާނޭ ނިސްބަތާއި ކޮޑިތަކުގެ އެކިއެކި ފުށްފުށުގައި ހިމަނަންޖެހޭނޭ އަކުރުތައް ބެލުނެވެ.

"ބަހަބޯ" ތައާރަފް ކުރުމަށްފަހު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން އެ ކުޅިވަރު ކުޅުއްވަނީ -- ފޮޓޯ: ފޭސްބުކް --

"ބަހަބޯ" މިއަދު ތައާރަފްކުރި ކަމުގައިވިޔަސް އެ ކުޅިވަރު އާންމުންނާއި ދަރިވަރުންނަށް ކުޅުމުގެ ފުރުސަތު ހުޅުވައިލާނީ މިމަހު ދިހައެއްގައި ފާހަގަކުރާ ލައިބްރަރީ ދުވަހު ކަމަށް އެމްއެންޔޫއިން ބުންޏެވެ. އަދި "ބަހަބޯ" ފިހާރަތަކުން ގަންނަން ލިބޭނީ މިއަހަރުގެ ފަހުކޮޅު ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަޝީދު ވިދާޅުވީ ބަހަބޯއަކީ ތަފާތު އެކިއެކި މާޙައުލްތަކުގައި އެކި އުމުރުފުރައިގެ މެދުގައި ކުޅެވޭނޭ ކުޅިވަރެއްކަމަށާއި އެ ކުޅިވަރުގެ ސަބަބުން ދިވެހި ބަހާ މެދު ޝައުޤުވެރިކަން އިތުރުކުރެވި އަމިއްލަ ފަރުދުންގެ ދިވެހިބަހުގެ ބަސްކޮށާރު އިތުރުކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށެވެ.

comment ކޮމެންޓް