ޕީއެސްޖީއަށް ނޭމާ ކުޅެން ރޭވި ފުރަތަމަ މެޗުގައި ކުޅުނަކަ ނުދިން!

ޕީއެސްޖީގެ ފޭނުންނަށް ނޭމާ ތައާރަފްކޮށްދެނީ -- ފޮޓޯ: އޭޕީ

"ގަރުނުގެ ޓްރާންސްފަރ"ގެ ގޮތުގައި ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ ޖޫނިއަރ ފްރާންސްގެ މުއްސަނދި ކްލަބް ޕީއެސްޖީއަށް ބަދަލުވީ ދެ ކްލަބުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހުއެވެ. މި ދެ ކްލަބާ ހަމައިން މިކަން ނިމުނީކީ ނޫނެވެ. ޓްރާންސްފަރ ނިމިގެން ދިޔައިރު، ސްޕެނިޝް ލީގާއި ފްރާންސް ލީގާ ދެމެދުވެސް ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ.

ނޭމާ ތައާރަފްކުރުމަށް ޕީއެސްޖީގެ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ފޮޓޯ: ރޮއިޓާސް

ޕީއެސްޖީން ވަނީ ނޭމާގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި ބާސާއަށް 222 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ. މިވަރުގެ ބޮޑު ފީއަކާއެކު ޕީއެސްޖީން ނޭމާ ގެންދިޔައީ ވަރަށް ދުރާލައި ކަންތައްތަކެއް ރޭވުމަށް ފަހުއެވެ. އޭގެ ތެރޭން އެއްކަމެއްގެ ގޮތުގައި، ނޭމާ ޕީއެސްޖީއަށް ކުޅޭ ފުރަތަމަ މެޗަކީ، މި ސީޒަންގެ ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅޭ ފުރަތަމަ މެޗު ކަމަށް ހެދުން ހިމެނެއެވެ.

ބާސާ "ސައިޒް"ކޮށްލާފައި، 222 މިލިއަން ޔޫރޯގެ ޗެކެއް ދިނުމަށްފަހު ނޭމާ ދަމައިގަތް ނަމަވެސް، ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެމިއެންސްއާ ދެކޮޅަށް ކުޅޭން އޮތް ލީގުގެ ފުރަތަމަ މެޗުގައި މެޗުގައި ޕީއެސްޖީން ރޭވިގޮތަށް މިފަހަރު އެކަން ނުވިއެވެ.

ނޭމާއަށް ޕީއެސްޖީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ފޮޓޯ: އޭޕީ

ރިޕޯޓުތައް ބުނާގޮތުން ނޭމާ ޕީއެސްޖީއަށް ކުޅޭން އޮތް ފުރަތަމަ މެޗުގައި އޭނާއަށް ކުޅެވޭ ގޮތް ނުވީ، ޓްރާންސްފަރގެ ހުރިހާ ކަމެއް ރަސްމީކޮށް ނުނިމޭތީ އެވެ. އެގޮތުން އޭނާއަށް "އިންޓަނޭޝަނަލް ކްލިއަރެންސް" ލިބިފައި ނުވަނީ، މެޗު ފަށަން އޮތް ގަޑިއަށް ނޭމާގެ ޓްރާންސްފަރއާ ބެހޭ ރަސްމީ ލިޔެކިޔުންތައް ލަ ލީގާއިން ހުށަނޭޅުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑު ކަމަށްވާ ޕްރިންސަސް ޕާކްގައި، 48,500އަށް ވުރެ ގިނަ ފޭނުންގެ ކުރިމަތީގައި ފުރަތަމަ މެޗު ކުޅެން ރޭވި ނަމަވެސް ނޭމާއަށް ދެން އެންމެ އަވަހަށް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނީ، ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެއީ، ލީގުގައި ޕީއެސްޖީ ކުޅޭ ދެވަނަ މެޗުގައި ގެއިންގަމްޕް އާ ދެކޮޅަށް ކުޅޭ މެޗުގައެވެ.

މާނައަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ އޭނާގެ އާ ކްލަބާއެކު ކުޅޭ ފުރަތަމަ މެޗު ފެނިގެން ދާނީ، 18,250 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކަމަށްވާ ރުދޫހޫގައެވެ.

ނޭމާ ތައާރަފްކުރުމަށް ޕީއެސްޖީގެ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ފޮޓޯ: ރޮއިޓާސް

ނޭމާއަށް ޕީއެސްޖީގެ ފުރަތަމަ މެޗުގައި ނުކުޅެވުނު ނަމަވެސް އެ ކްލަބުން ވަނީ، ކުލަދަގަ ހަފްލާއަކާއެކު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ކްލަބުގެ ފޭނުންނަށް ތައާރަފްކޮށްދީފައެވެ. އެގޮތުން، ޕީއެސްޖީގެ ފުރި ބާރުވެފައިވާ ދަނޑުގައި ނޭމާއަށް މަރުހަބާކިއީ އެ ކްލަބުގެ ރައީސް ނާސިރު އަލްޚެލައިފީއާއި ކްލަބުގެ އިސް ވެރީންނެވެ.

ހޮނިހިރު ދުވަހު ޕްރިންސަސް ޕާކް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ކުލަގަދަ ހަފްލާގައި ޕީއެސްޖީގެ ރައީސް ވަނީ ނޭމާއަށް އެ ކްލަބުގެ 10 ނަންބަރު ޖާޒީ ރަސްމީކޮށް ހަވާލުކޮށްދީފައެވެ.

ނޭމާ ތައާރަފްކުރުމަށް ޕީއެސްޖީގެ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކުޅިބަލަން ބަހައްޓައިގެން، އޭނާގެ ކުރިމަތީގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ 2-0ގެ ނަތީޖާއަކުން އެމިއެންސް އަތުން މޮޅުވެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފައެވެ.

ނޭމާއަށް ޕީއެސްޖީގެ ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުސަތެއް ނުލިބުނު -- ފޮޓޯ: އޭޕީ

މިދިޔަ ސީޒަންގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ޕީއެސްޖީއަށް ލީގު ހޯދުމުގައި ހުރަހަކަށްވީ މޮނާކޯއެވެ. ދެވަނައިގައި މިދިޔަ ސީޒަން ނިންމާލި ނަމަވެސް ޕީއެސްޖީގެ އުންމީދަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ބްރެޒިލްގެ ތަރި ނޭމާއާއެކު ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރުމެވެ.

comment ކޮމެންޓް