ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ރޭ މާލެއިން އަތުލައިގެން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހި --- ފޮޓޯ: ޕޮލިސް

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ރޭ މާލޭގެ ގެއެއް ބަލައި ފާސްކޮށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ އެކު 24 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށްފައިވާއިރު ކެނެބިސްކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓަކާއި ދެ ޖޫސްޕެޓީ ކޮތަޅާއި ޓޫތު ޕިކް ކޮންޓެއިނަރ ދަޅަކާއި ހެރޮއިންކަމަށް ބެލެވޭ ދެ ޖުސްޕެޓީ ކޮތަޅާއި ތިން ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1 ކިލޯ 414 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ބިދޭސީ މީހާގެ އިތުރުން، ހދ. ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ފުލުހުން ވަނީ 55 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށްފައެވެ.

ހަނިމާދޫއިން އަތުލައިގަތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ކަރަންޓް ބޯޑެއްގެ ތެރޭގައި ރައްކާކޮށްފައި --- ފޮޓޯ: ޕޮލިސް

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، މާލެއިން ހަނިމާދުއަށް ދިޔަ ބޯޓަކުން ފައިބައިގެން ދިޔަ އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ކަރަންޓް ބޯޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒްގެ ހަ ޕެކެޓް ފެނިފައިވާކަމަށެވެ.

އޭނާގެ ބަންދަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ލ. ކައްދޫ އެއާޕޯޓް ސަރަހައްދުން ވެސް ވަނީ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފައެވެ.

ލ. ކައްދޫ އެއާޕޯޓް ސަރަހައްދުން އަތުލައިގަތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި --- ފޮޓޯ: ޕޮލިސް

ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީިގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައްދޫ އެއާޕޯޓް ސަރަހައްދުން ހައްޔަރުކުރި މީހާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅު ފެނިފައިވެއެވެ.

އަދި އޭނާގެ ބަންދަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް