އޮންލައިންކޮށް ވިއްކާލުމަށް ޓަކައި އިނގިރޭސިވިލާތުގެ މޮޑެލްއެއް ވަގަށްނަގައިފި

ހައްޔަރުކުރެވުނު ލޫކަސް ހާބާ --- ފޮޓޯ: ގެޓީއިމޭޖްސް/އޭއެފްޕީ

އިނގިރޭސިވިލާތުގެ މޮޑެލަކަށް އިޓަލީގެ މިލާންގައި ޑްރަގް ދިނުމަށް ފަހު ވަގަށް ނަގާފައިވާ ކަމަށް ބުނެފި އެވެ.

އިޓަލީގެ ފުލުހުން ހަބަރުދޭ ގޮތުގައި އޭނާ ވަގަށް ނަގާފައި ވަނީ އޮންލައިންކޮށް ވިއްކާލުމަށް ޓަކަ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ މިމޮޑެލް މިލާނަށް ދަތުރުކުރީ އޭނާގެ އޭޖެންޓް ހޯދައިދިން ފޮޓޯޝޫޓެއްގައި ބައިވެރިވުމަށެވެ. އޭގެ ފަހުން އޭނާ ވަނީ ހަ ދުވަހުގެ މުއްދަތަކަށް ރަހީނުކޮށްގެން ގެންގުޅެފަ އެވެ.

އެ މައްސަލާގައި ލޫކަސް ހާބާ ނަމަކަށް ކިޔާ 30 އަހަރުގެ ޒުވާނެއް ވަނީ އިޓަލީގެ ފުލުހުން މިހާރު ހައްޔަރުކޮށްފަ އެވެ. މީނާއަކީ ޕޮލަންޑަށް ނިސްބަތްވާ ރައްޔިތެއް ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.

އެއްވެސް މީޑިއާއަކުން ނަންހާމަކޮށްފައިނުވާ މިމޮޑެލް އިޓަލީއަށް ދަތުރުކުރީ ހުސްވި ޖުލައި މަހުގެ 10 ވަނަ ދުވަހުގަ އެވެ. އޭނާ އެގައުމުގައި މަޑުކުރަން ހަމަޖެހިފައިވާ ހޮޓަލުގެ ކޮޓަރިއަށް ޗެކް-އިން ކުރިތާ މާގިނަ އިރުތަކެއް ނުވެ ދެ ފިރިހެނަކު އޭނާއަށް ހަމަލާދީ ހައްޔަރުކުރިކަމަށް އެގައުމުގެ ފުލުހުން ހާމަކުރި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެދެމީހުން ވަނީީ އޭނާ ހޭނެއްތުމަށް ޓަކައި ޑްރަގް ދީފަ އެވެ. އަދި އެއަށް ފަހު އޭނާ ބަނދެ ބޮޑު ދަބަހަކަށް އޭނާ ލުމަށް ފަހު ކާރުގައި އޭނާ ގެންދިޔައީ އިޓަލީގެ ޓޫރިންއިން ހުޅަނގުއުތުރުގައި އޮންނަ ބޯޖިއަލް ކިޔާ އަވަށެއްގައި ހުރި ގެއަކަށެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މޮޑެލްއެއްް ވަނީ ޑްރަގް ދިނުމަށްފަހު ވަގަށްނަގާފައި --- ފޮޓޯ: އޭއެފްޕީ

ހަދުވަހުގެ މުއްދަތެއް ވަންދެން އޭނާ ހައްޔަރުގައި ހުއްޓާ އިޓަލީގެ ފުލުހުން ވަނީ އެއަންހެން މީހާ ބަންދުކޮށްފައި ހުރި ގެއިން އޭނާ ސަލާމަތްކުރުމަށް ފަހު އެގައުމުގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންޒުލޭޓާ ހަވާލުކޮށްފަ އެވެ.

މިމައްސަލަ ތަހުގީގުކުރި ފަރާތުން ބުނާ ގޮތުގައި މިމައްސަލައިގާ ހިމެނޭ މީހުންނަކީ މިގޮތަށް އަންހެން ކުދިން ރަހީނުކުރުމަށް ފަހު އިންޓަނެޓްގެ "ޑާކް ވެބް"ގައި ބޭނުން ކުރާ ހިއުމަން-ޓްރެފިކިންގް ވެބްސައިޓު ތައް މެދުވެރިކޮށް މީހުން ވިއްކާ ބައެކެވެ.

އަދި އެންމެފަހުން ހައްޔަރުކުރެވުނު މޮޑެލް ގެ އޭޖެންޓަށް ވެސް އެމީހުން ވަނީ އެންކްރިޕްޓެޑް މެއިލުގެ ޒަރީއާ އިން 300،000 ޑޮލަރު ހަމަޖައްސައިފިކަމަށް ވަންޏާ އޭނާ ވިއްކާނުލާނެ ކަމަށް ބުނެ މެއިލު ފޮނުވާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިމައްސަލާގައި ޝާމިލްވާ މީހުންނަކީ "ބްލެކް ޑެތް ގްރޫޕް" ނަމަކަށް ކިޔާ އޮގަނައިޒޭޝަނަކަަށް ނިސްބަތްވާ ބައެކެވެ. މިމީހުންނަކީ އެސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިއުމަން ޓްރެފިކިންގް ވިޔަފާރި ކުރާ ބައެއް ކަމުގައި އިޓަލީގެ ފުލުހުން ހަބަރުދެ އެވެ.

comment ކޮމެންޓް