Last Updated: 7 year 9 month ago

ހުޅުމާލޭގައި ގުދަނެއްގައި ރޯވެ، 21 މީހަކަށް އަނިޔާވެއްޖެ

  • ފިހުނު އެކެއްގެ ހާލު ސީރިއަސް
  • އިތުރު ފަރުވާއަށް 9 މީހަކު މާލެއަށް
  • ރޯވީ އަމިން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި
ބުލޮގު ޚުލާސާ

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި އަމިން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި ރޯވެއްޖެ އެވެ.ު

އެ ހާދިސާގައި ފަސް މީހަކު ޒަހަމްވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެ ހާދިސާގައި ޒަހަމްވެގެން އެންމެ ފުރަތަމަ ގެނައީ ފަސް މީހުން ކަމަށާއި ނަމަވެސް މިހާރު އެއަށް ވުރެ އިތުރަށް ބަޔަކު ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން ފިހުނު އެކެއްގެ ހާލު ސީރިއަސް ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން-- ފޮޓޯ/ ހަފްތާ

ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 12:18 ހާއިރުއެވެ. އަދި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ މިހާރު ފަށައިފަ އެވެ.

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން-- ފޮޓޯ/ ހަފްތާ

02:46

ފަރުވާއަށް މާލެ ގެނައި މީހުންގެ އަދަދު 9 އަށް އަރައިފި

ހުޅުމާލޭގައި ހުރި ގުދަނެއްގައި މިރޭ މެންދަރު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 21 ބިދޭސީންގެ ތެރެއިން 9 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި.

އަނިޔާވި މީހުން ތެރެއިން، އިތުރު ފަރުވާއަށް މާލެ ގެނައި މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ފިހިފައިވާ މީހަކު ހިމެނެއޭ. އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނެފައިވޭ.

އެ ހާދިސާގައި އަނިޔާވި މީހުންނަކީ ބަންގުލަދޭޝް އާއި އިންޑިއާއަށް ނިސްބަތްވާ މީހުން.

އަލިފާން ރޯވީ ގުދަނެއްގެ ގޮތުގައްޔާއި އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި އަމިން ކޮންސްޓްރަކްޝަނުން ބޭނުން ކުރާ ތަނެއްގައި. ތިން ބުރިއަށް ހަދާފައިވާ އެތަނުގައި އަލިފާން ރޯވީ މަތީ ބައިގަ. އަލިފާން ރޯވިއިރު، އެތަނުގެ ތެރޭގައި ބިދޭސީންތަކެއް ނިދާފައި ތިއްބި ކަމަށްވޭ. ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް ދުމުގެ އަސަރު ވަރަށް ބޮޑަށްކޮށްފައިވާ ކަމަށް ވެސް ވޭ.

އެތަނުގެ ތިރީގައި ގުދަންކޮށްފައި ވަނީ އަމިން އެވެނިއު ފުލެޓުގެ މަސައްކަތް ނިންމާލުމަށް ގެނެސްފައި ހުރި އާލާތްތަކެއް. އެތަނަށް ލިބުނު ގެއްލުން އަދި އަންދާޒާ ނުކުރެވޭ ކަމަށް.

އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ގަޑިއެއްހާއިރު މަސައްކަތުން، ހުޅުލޭ އެއާޕޯޓުގެ ފަޔާމަނުންނާއި ފަޔާ ލޮރީއެއްގެ އެހީތެރިކަމާއެކުގައި.

ޒަހަމްވި މީހުންގެ ތެރެއިން މީހަކު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލޯންޗަށް އަރުވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން: 21 މީހަކަށް އަނިޔާވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން: 21 މީހަކަށް އަނިޔާވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
02:24

އިތުރު ފަރުވާއަށް މާލެ ގެނައި މީހުންގެ އަދަދު 6 އަށް އަރައިފި

އާސަންދަ ކުންފުނިން ބުނީ ހަ މީހަކު މާލެ ގެނެސްފައިވާއިރު، އިތުރު ތިން މީހަކު ވެސް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް.

02:20

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އާއި އިންޑިއާ މީހުން

އާސަންދަ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު އާޝިއާ ސޯލިހު ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނިޔާވި ހުރިހާ އެންމެންނަކީ ވެސް އަމިން ކޮންސްޓްރަކްޝަނަށް ނިސްބަތްވާ ބިދޭސީންތަކެއް ކަމަށާއި އެ މީހުންނަކީ އިންޑީއާ އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެއް ކަމަށް.

ފިހުނު ބައެއް މީހުން އެމްބިއުލާސްއަށް އަރުވައިގެން ގެންދަނީ-- ފޮޓޯ/ ހަފްތާ
02:07 ހުސައިން ހަސަން

ހާލު ސީރިއަސްވި ދެ މީހަކު މާލެ ގެނެސްފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 21 މީހުންގެ ތެރެއިން ހާލު ސީރިއަސްވި ދެ މީހަކު މާލެ ގެނެސްފި.

އާސަންދަ ކުންފުނީގެ އިންފޮމޭޝަން އޮފިސަރު އާޝިއާ ސޯލިހު ވިދާޅުވީ ފިނުނު މީހާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި އޭނާއާއެކު އިތުރު މީހަކު ވެސް ދާދި ދެންމެއަކު މާލެ ގެނެސްފައިވާ ކަމަށް.

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފަޔާމަނުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
01:49 އަޙްމަދު މުޖްތަބާ

އަމިން ކޮންސްޓްރަކްޝަންގެ އޮޕަރޭޝަން މެނޭޖަރު ވިދާޅުވީ ރޯވި ގުދަނުގައި ތެރޭގައި ހުރީ އަމިން ކޮންސްޓްރަކްޝަނުން އެ ރަށުގައި އިމާރާތް ކުރާ އަމިން އެވެނިއު ފުލެޓުގެ މަސައްކަތް ނިންމާލުމަށް ގެނެސްފައި ހުރި އާލާތްތަކެއް ކަމަށް.

އޭނާ ވިދާޅުވި ގޮތުގައި އެތަނުގެ ތިރި ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގައި ކަމަށާއި އެތަނުގެ މަތި ބޭނުން ކުރަނީ މުވައްޒަފުންގެ އެކަމަޑޭޝަނަށް ކަމަށް.

01:46 ހުސައިން ހަސަން

އަލިފާން ކޮންޓްރޯލް ކުރެވިއްޖެ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުމުގައި އެއާޕޯޓުގެ ފަޔާ ލޮރީގެ އެހީތެރިކަން ލިބުނު ކަމަށް.

01:39 ފަތުހުﷲ ޔާމީން ސައީދު

ފަރުވާ ދެމުންދާ މީހުންގެ އަދަދު 21 އަށް އަރައިފި

އާސަންދަ ކުންފުނިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި 21 މީހަކަށް ފަރުވާދެމުންދާ ކަމަށް.

01:37

އަލިފާން ރޯވީ ދަމާސްގެ ގުދަނެއްގައި ކަމަށް ސިފައިންނަށް ކުރިން ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން ބުނެފި. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އަމިން ކޮންސްޓްރަކްޝަންގެ ގުދަނެއްގައި ކަމަށް.

01:35 މުހައްމަދު ސިމާއު

ގުދަނުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ހުޅުލޭ އެއާޕޯޓުގެ ފަޔާ ލޮރީއެއް ހުޅުލެއަށް ގޮސްފި.

01:26

ހާދިސާއާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ބިދޭސީންނަށް. ދިވެއްސަކަށް އަނިޔާއެއް ނުވޭ.

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން-- ފޮޓޯ/ ހަފުތާ