އޭޑީކޭގައި ކެންސަރު ބައްޔަށް މިހާތަނަށް 76 މީހަކަށް ފަރުވާ ދީފި

ވެކްސިން ޖެހުމަށް އޭޑީކޭގައި ކިޔު ހަދާފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކެންސަރަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ދޭން ފެށި ފަހުން މިހާތަނަށް 76 ބަލި މީހަކަށް ކީމޯތެރަޕީ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ކީމޯތެރަޕީ އަކީ ބޭސް ބޭނުންކޮށްގެން ކެންސަރަށް ފަރުވާ ކުރުމެވެ. ހަށިގަނޑުގެ އެކި ތަންތާގައި ފެތުރޭ ކެންސަރަށާއި ކެންސަރުގެ އޮޕަރޭޝަނަށްފަހު ފަރުވާ ދިނުމަށާއި އަދި ރޭޑިއޭޝަންގެ ފަރުވާއަށް އެކުވެސް ކީމޯތެރަޕީ ދެވެއެވެ.

ކީމޯތެރަޕީގެ ހިދުމަތްތައް ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިން ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެންނެވެ.

އެ ހޮސްޕިޓަލުން މިއަދު އާއްމުކުރި އެ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް އޮންކޮލޮޖީގެ ކީމޯ ހިދުމަތްތަކާ ގުޅޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖަނަވަރީން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 76 ބަލި މީހަކަށް ކީމޯތެރަޕީ ދީފައިވެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ސަންއަށް ހިއްސާކުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަހު އޭޑީކޭ ހޮސްޕިޓަލުން ކީމޯ ހޯދި ބަލި މީހުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް އޮންކޮލޮޖީގެ ކީމޯ ހިދުމަތްތަކާ ގުޅޭ ތަފާސް ހިސާބު --- ފޮޓޯ/ ޓްވިޓާ

އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީން ޖޫން އަށް 15 މީހަކު ކީމޯ ތެރަޕީ ހޯދިއިރު، މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ އަދަދު ވަނީ 32 އަށް އަރައިފައެވެ.

އަދި މިދިޔަ އަހަރުގެ ނިޔަލަށް 204 ފަހަރު އޭޑީކޭން ކީމޯ ދީފައިވެއެވެ. ނަމަވެސް މިއަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 323 ފަހަރު ކީމޯތެރަޕީ ވަނީ ދީފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު 78 ޕަސެންޓް އިތުރު ވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ކީމޯ ދީފައިވަނީ އެންމެ 38 ފަހަރުއެވެ.

އޭޑީކޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ތަފާތު 10 ވައްތަރެއްގެ ކެންސަރަށް ކީމޯތެރަޕީ ވަނީ ދީފައެވެ. އޭގެ ތެރޭގައި އުރަމަތި، ޕްރޮސްޓޭޓް، އޯވަރީ، ފުއްޕާމޭ، އަނގަ، ކޯ އަދި ދޫ، ހަޖަމު ކުރުމުގެ ނިޒާމު، ސާރވިކްސް، ބްލެޑަރ، ލިމްޕަޓިކް ސިސްޓަމް އަދި ލިއުކީމިއާ ހިމެނެއެވެ.

އައްފާލު ވިދާޅުވި ގޮތުގައި، ކެންސަރުގެ އެ ވައްތަރުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކީމޯ ދީފައި ވަނީ އުރަމަތީ ކެންސަރަށެވެ.

comment ކޮމެންޓް