އެމްއެމްއޭ މުވައްޒަފު ބުނީ ކުއްޖާ ސަލާމަތްކުރަން ކެރުނީ ލިބުނު ތަމްރީނުން ކަމަށް!

އެމްއެމްއޭ ކައިރި މޫދަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކު ސަލާމަތްކުރި ހުޝާމް ---

ހއ. ވަށަފަރަށް އުފަން އުުމުރުން 27 އަހަރުގެ އާދަމް ހުޝާމް މިއަދު ވެސް ގެއިން ނުކުތީ އާދައިގެ މަތިން އޭނާގެ ވަޒީފާ އަށް ދިއުމަށެވެ. ގަލޮޅު މަދަރުސާއިން ސާނަވީ ތައުލީމު ފުރިހަމަކުރި، ސްކޫލުގެ ކެޑޭޓުންނާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯއިން ހޯދި ތަމްރީނާއެކު މިއަދު ހުޝާމް އަކީ އެމްއެމްއޭގެ މުހިއްމު މުވަޒަފެކެވެ. މަރުކަޒީ ބޭންކުގެ ސަލާމަތް ބަލަހައްޓަމުންދާ އެކަކީ އޭނާއެވެ.

އެމްއެމްއޭގެ ސީނިއާ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައި އުޅޭތާ ހަތް އަހަރު ގުނަމުންދާ ހުޝާމް، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ދިޔައިރު، އެމްއެމްއޭ ކައިރި ބަނދަރު، ތޮށި މަތީގައި ގިނަ ބަޔަކު އެއްވެފައި ތިއްބެވެ.

ވަޒީފާއަށް ގަޑިޖެހެން ވަގުތު ކޮޅެއް އޮތުމުން ހަބަރު ދަބަރު ބަލާލަން އޭނާ ވެސް އެ ދިމާލަށް ކައިރިވެލި އެވެ. އޭރު އެ ސަރަހައްދަށް ކައިރި ކޮށްފައި އޮތް ފެރީ ލޯންޗެއްގައި ކުޑަ ކުއްޖަކު ފިޓް ޖެހިގެން އުޅޭތީ މަޑުކޮށްލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ އެ ދިމާލު މޫދަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކަށެވެ.

އެމްއެމްއޭ ކައިރިން ރަސްމީ ހެދުމުގައި ތެމިފޯވެފައި ހުރި ޒުވާނަކު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން އެ ފެންނަނީ ހުޝާމެވެ. އެމްއެމްއޭ ސަރަހައްދު މޫދަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށް އެތަށް ބައެއްގެ ތައުރީފު ރައްދު ކުރަމުންދާ ހިތްވަރުގަދަ ހީރޯއަކީ އެއީއެވެ.

"ޑިއުޓީއަށް ދިޔައީ 2:55 އަށް. އެގަޑީގައި އެތަނަށް ކައިރި ކޮށްފައި އޮތް ފެރީއެއްގައި އިން ކުޑަކުއްޖަކަށް ސްޓްރޯކެއް ޖެހިގެން އުޅޭތީ ވާނުވާ ބަލާލަން ދިޔައީ. ދެން އެތަނަށް ގޮސް އެ ކުއްޖާގެ ފެމިލީއާ ވާހަކަދައްކަން ހުއްޓާ އެހެން ކުއްޖަކު މޫދަށް ވެއްޓުނު ތަން ފެނުނު. ވަގުތުން އަޅުނގަޑު ފުންމާލީ،" މިއަދު ހިނގި ހާދިސާ ހުޝާމް ސަން އަށް ކިޔައިދިނެވެ.

އެމްއެމްއޭގެ ސީނިއާ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ހުޝާމް ބުނި ގޮތުގައި، އަތުގައި އޮތް ފޯނާއި ވޯކީޓޯކީ ބެހެއްޓުމަށްފަހު މޫދަށް ވެއްޓުނު ކުއްޖާ ސަލާމަތްކުރުމަށް ފުންމާލިއިރު އެ ކުއްޖާ އޮތީ ދެ ފެން ދޭތެރޭގައި ބަންޑުންނެވެ.

"އޭރު އެތަނުގައި ގާތްގަނޑަކަށް ވިއްސަކަށް ތިރީހަކަށް މީހުން ތިބި. އެކަމަކު އެވަރަކަށް ނުބަލަން ފުންމާލިއިރު. މޫދަށް ފުއްމާލާ ކުއްޖާ ސަލާމަތްކޮށް ފެނުން މައްޗަށް ނެގީމަ ތޮށި މަތީގަ ހުރި މީހުން ކުއްޖާ އެއްގަމަށް ނެގީ. ބެލެވޭ ގޮތުގައި އެއީ ތޮށިގަނޑާ ކައިރިކުރި ދޯނިން އައި ކުއްޖެއް. ދަބަސްތަކާ އެއްޗެހި ވެސް ހުރީ މޫދުފަ،" ކައިވެންޏެއްކޮށް އަތްބަކާ ދަރިއަކު ހުރި ހުޝާމް ބުންޏެވެ.

ކުއްޖާ ސަލާމަތް ކުރުމަށްފަހު ހުޝާމް އަވަސްވެގަތީ އޭނާގެ ވަޒީފާއާ ހަވާލުވުމަށެވެ. ގެބެމުންދިޔަ ފުރާނައެއް ސަލާމަތްކުރުމަށްފަހު، ތެމި ފޯވެގެން ހުރެގެން ވެސް އޭނާއަށް އިސްވީ ގައުމީ ވާޖިބެކެވެ.

ހުޝާމް ބުނި ގޮތުގައި، އެފަދަ ކަމަކަށް ކުއްލިއަކަށް ހަރަކާތް ކުރެވުނީ އޭނާއަށް ސްކޫލުންނާއި ކެޑޭޓުން ލިބިފައިވާ ލައިފްސްކިލް އަދި ފެތުމުގެ ތަމްރީންތަކުގެ ސަބަބުން ކަމަށެވެ.

"ދެކޭ ގޮތުގައި މިއީ އިންސާނިއްތަށް ކުރެވުނު ކަމެއް. ދިވެހި ވަންތަ މީހަކަށް ވާތީ އައި ވިސްނުމެއް. އަބަދުވެސް ބޭނުންވޭ ގައުމަށް ހިދުމަތެއް ކޮށްދޭން. އެހެން ހުއްޓާ މިކަން މި ދިމާވީ،" ކުއްޖާ ސަލާމަތްކުރުމުން ކުރެވޭ އިހުސާސްތައް ހުޝާމް ކިޔައިދިނެވެ.

comment ކޮމެންޓް