ކުއްލި ހާލަތުގައި ފަރުވާ ދިނުމާ ބެހޭ ފުރަތަމަ ކޮންފަރެންސް ފަށައިފި

"ކްރިޓިކޯން މޯލްޑިވްސް 2017"ގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ އޮފް ހެލްތް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކްރިޓިކަލް ކެއާ އަދި އިމަޖެންސީ މެޑިސިންއާ ބެހޭ ކޮންފަރެންސް ބަނޑޮސް އައިލެންޑް ރިޒޯޓުގައި ފަށައިފިއެވެ.

އެ ކޮންފަރެންސަކީ މޯލްޑިވްސް ސޮސައިޓީ އޮފް ކްރިޓިކަލް ކެއާ އެންޑް އިމަޖެންސީ މެޑިސިން (އެމްއެސްސީސީއީއެމް) އާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނެޝަނަލް ހެލްތްކެއާ އެކަޑަމީ (އެންއެޗްއޭ) ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

ހޮނިހިރު ދުވަހު ފެށި މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރު އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓްގައި އިއްޔެ ކުރިޔަށްދިޔަ "ކްރިޓިކޯން މޯލްޑިވްސް 2017" ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: މިނިސްޓްރީ އޮފް ހެލްތް

ކްރިޓިކޯން މޯލްޑިވްސް 2017ގެ ކޮންފަރެންސާ ގުޅޭ މަޝްވަރާ ބައްދަލުވުންތައް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު މިއަދުގެ ނިޔަލަށް އެ ބައްދަލުވުމާ ގުޅޭ 4 ވޯކްޝޮޕެއް ވެސް ބާއްވާނެއެވެ. އެ ކޮންފަރެންސް އަދި ވޯކްޝޮޕުތަކުގެ މަގުސަދަކީ އިމަޖެންސީ ފަރުވާ ދިނުމާއި އައިސީޔޫ ފަދަ ތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އިތުރަށް ތަމްރީނު ކުރުން ކަމުގައި އިންތިޒާމު ކުރި ފަރާތްތަކުން ހާމަކުރިއެވެ.

އެ ކޮންފަރެންސްގެ ބައިވެރިންނަށް ތަމްރީނު ދިނުމުގެ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ތަޖްރިބާކާރު ޑޮކްޓަރުންގެ އިތުރުން މި ދާއިރާގައި މަސައްކަތް ކުރާ ބޭރުގެ 14 ތަޖުރިބާ ކާރުން ހަރަކާތްތެރިވާނެ އެވެ. މީގެ ތެރޭގައި ނިއުޒިލެންޑް، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ޕާކިސްތާން، ތައިލެންޑްގެ އިތުރުން މެލޭޝިއާގެ ޑޮކްޓަރުން ހިމެނެއެވެ.

ކްރިޓިކޯން މޯލްޑިވްސް 2017ގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 250 ބައިވެރިން ހިމެނެއެވެ.

comment ކޮމެންޓް