"މަންޖެ ފޮނުވާނުހޭ، މައިދާތަމެން މިތިބީ ބަލާ"

ލ. ކަލައިދޫގައި ކުރިއަށް ދިޔަ "ކައިވެނި މައްޗަށް" ދިއުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ފޭސްބުކް

"ފޮނުވާނުހޭ މަންޖެ ފޮނުވާނުހޭ، މައިދާތަމެން މިތިބީ ބަލާ" ކަމަށްބުނެ އަންހެނުންތަކެއް ބެރުޖަހައި ލަވަކިޔަމުން ދިޔައިރު މަގުމެދުގައި އަންހެން ކުއްޖަކު މަޑުކޮށްގެން ހުއްޓެވެ. ނަށަމުން ދިޔަ ކޮންމެ އަންހެނެއްގެ ކަރުގައި ފައިސާ ފައްޗެއް ނުވަތަ މާ ފައްޗެއް އެލުވާފައިވާ އޮތްއިރު އަންހެން ކުއްޖާ ކައިރިއަށް ދެވުމުން އެފަތިތައް ނަގައި އަންހެން ކުއްޖާ ކަރުގައިއަޅުވަ އެވެ.

މިއީ ލ. އަތޮޅު ފިރިހެނަކު މީހަކާ އިނުމުން އެއަންހެން ކުއްޖާ ދިރިއުޅޭ ގެއިން ފިރިހެން ކުއްޖާމެން ގެއަށް ގެނައުމަށް ދާދިއުން ނުވަތަ "ކައިވެނި މައްޗަށް" ދިއުމެވެ. އެއީ ލ. އަތޮޅުގެ ހުރިހާ ރަށެއްގައިހެން ޒަމާނުންސުރެ ކޮށް އުޅޭ ކަމެކެވެ. ބައެއް ފަހަރު އެހެން އަތޮޅުތަކުން ކުދިން ބަލައި ވެސްދެ އެވެ. އެކަމަށް އޮޑިދޯނި ފަހަރު ހިފައިގެންނެވެ. އެކަން އޮންނަނީ ކައިވެނިކޮށް ޕާޓީ ބާއްވާފަހުންނެވެ.

ލ. ކަލައިދޫގައި ކުރިއަށް ދިޔަ "ކައިވެނި މައްޗަށް" ދިއުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ފޭސްބުކް

ފިރިހެން ކުއްޖާ އާއިލާއިން އަންހެން ކުއްޖާ ބަލައި ދާއިރު ދަނީ ފަރިވަޅު ކައްކައިގެންނެވެ. އެއީ ޒީނަތްތެރިކޮށްފައިވާ ބޮނޑިބަތެވެ. އެމީހުން ދާއިރު އަންހެން ކުއްޖާގޭގައި ބަލައި އަންނަ މީހުންނަށް ސައި ތައްޔާރުކޮށްފައިވެ އެވެ.

"އަންހެން ކުއްޖާ އާއިލާ އާއި ހެޔޮއެދޭ މީހުން ދާނެ، ރަށުގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވާނެ، އިސްކޮށް ތިބޭނީ އަންހެނުން، އެކަމަކު ބެރުޖަހާ ފަރިވަޅު އުފުލަދޭން ފިރިހެނުން ތިބޭ، ދެން ލަވަކިޔަމުން އަންހެން ކުއްޖާ ގެއަށް ދާނީ،" އެކަން ކުރުމުގައި ޒަމާނުންސުރެ އުޅޭ ލ. އިސްދޫ ކައުންސިލްގެ އެސިސްޓް ޑިރެކްޓަރު އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

ލ. ގަމުގައި ކުރިއަށް ދިޔަ "ކައިވެނި މައްޗަށް" ދިއުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ކޭ ބޮލާ ބޮޑުބެރު

ހަމީދު ބުނި ގޮތުގައި އެހަރަކާތް ހިންނަނީ ގިނަ މީހުންނަށް ބަިއވެރިވެވޭގޮތަށް ބަންދުދުވަހެއްގެ ހަވީރު ކަމަށެވެ. ސިޔާސީ ބައިބައިވުންތަކާއެކު ވެސް ގިނަ ބަޔަކު އެކަމުގައި ބައިވެރިވާއިރު އެގޮތަށް ދާދިއުމުގައި އަންހެން ކުއްޖާއަށް ބޮޑެތި ހަދިޔާތަކެއްދެ އެވެ.

މާފައްޗާއި، ރުފިޔާ ގަހާއި މާފަތި ހަދާފައި ހުންނާނެ، ގަހުގައި ވެސް ހުންނާނެ ފައިސާ އެލުވާފައި، އެގޮތަށް ފަރިވަޅެއް ނިންމާލާއިރު އެކުއްޖަކަށް 30،000 ރުފިޔާ، 40،000 ރުފިޔާ އެބަލިބޭ،" ހަމީދު ވިދާޅުވި އެވެ.

ލ. ގަމުގައި ކުރިއަށް ދިޔަ "ކައިވެނި މައްޗަށް" ދިއުމުގެ ހަރަކާތުގެ ތެރެއިން--- ފޮޓޯ: ކޭ ބޮލާ ބޮޑުބެރު

އާ ކައިވެންޏާ އެކު ލ. އަތޮޅު ރަށްރަށުގައި ކިޔަމުން އެދާ މަރުހަބާ ކިޔުމަށް އަންހެން ކުދިން ވެސް ބަލައިގަންނަނީ އުފަލާއެކު އެވެ. އެއީ އެމީހުންނަށް ކުރާ އިހުތިރާމެއްގެ ގޮތުގަ އެވެ.

"ސަޅިއެއްނު، އިއްޒަތުގައި ދޯ ގެންދަން ޖެހޭނީ، ވަރަށް ފޯރި ހުންނަ ކަމެއް މިއީ،" ލ. އަތޮޅު މީހަކާ އިނދެގެން އުޅޭ އެއަތޮޅު އަންހެން ކުއްޖަކު ބުންޏެވެ.

comment ކޮމެންޓް