'ޖަބް ހެރީ މެޓް ސޭޖަލް': ދެމީހުން ދިމާނުވި ނަމަ މާ ރަނގަޅުވީސް!

ޝާހްރުކް ޚާން އަދި އަނުޝްކާ ޝަރްމާގެ ފިލްމު 'ޖަބް ހެރީ މެޓް ސޭޖަލް' އިއްޔެ މިވަނީ ރިލީޒް ކޮށްފަ އެވެ. އިމްތިޔާޒް އަލީގެ އެ ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. ފިލްމާ މެދު ބޮޑު އުންމީދުތަކެއް ކުރެވުނެވެ. އިމްތިޔާޒްގެ ފަރާތުން ތަފާތު ފިލްމެއް ފެންނާނެ ކަމަށް ހީކުރެވުނެވެ.

އެހެން ނަމަވެސް ފިލްމު މިވަނީ އޯޑިއެންސް މާޔޫސް ކޮށްލައިފަ އެވެ. 'ޖަބް ހެރީ މެޓް ސޭޖަލް' ވެގެން ދިޔައީ އިމްތިޔާޒްގެ 'ޖަބް ވީ މެޓް'، 'ލަވް އާޖް ކަލް' އަދި 'ތަމާޝާ' ގެ މަސްހުނި ގަނޑަކަށެވެ.

ހެރީ (ޝާހު) އަކީ ޓުއާ ގައިޑެކެވެ. ސޭޖަލް (އަނުޝްކާ) އަކީ އާއިލާ އާއި އޭނާގެ ލޯބިވެރިޔާ އާއެކު ޗުއްޓި ހޭދަކޮށްލުމަށް އައިސް، އެ ދަތުރުގައި އެންގޭޖްވެ، އެންގޭޖްމެންޓް އަނގޮޓި ގެއްލުވާލައިގެން އުޅޭ ޒުވާނެކެވެ. ހެރީ އާއި ސޭޖަލް އެކުގައި ދަތުރު ފަށަނީ އެ އަނގޮޓި ހޯދުމަށެވެ.

ދެން ވަނީ ކޮންމެ ބޮލީވުޑް ފިލްމެއްގައިވެސް ވާ ގޮތެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވަނީ އެވެ. އެއް ޕްލޮޓް ލައިން އެކެވެ. ތަފާތެއް ނުފެނުނެވެ. ފިލްމ ބަލަން ދިޔަ ގިނަ ބަޔަކު އަދި ކްރިޓިކްސް ވެސް ތިބީ ފިލްމާ މެދު މާޔޫސް ވެފަ އެވެ.

ފިލްމުގެ ވިޔަފާރިއަށް ބަލާއިރު، ފުރަތަމަ ދުވަހު ފިލްމަށް ލިބިފައި ވަނީ ޝާހުގެ 'ފޭން' އާއި 'ރައީސް' އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ވުރެ ކުޑަ އާމްދަނީއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެންކަމުން މިއީ ފަހަކަށް އައިސް ނުކުތް ޝާހުގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ކުޑަ އާމްދަނީއެއް ހޯދި ފިލްމެވެ. ކުރިއަށް އޮތް ހަފްތާގައި ފިލްމުގެ އާމްދަނީ ރަނގަޅު ނުވެއްޖެ ނަމަ، ބޮކްސް އޮފީހުގައި ފިލްމު ފްލޮޕް ވެގެންދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް