އަނަސް މަރާލީ އޮޅިގެން!

ރ. މީދޫ، މުހައްމަދު އަނަސް: ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހިތުގެ ވިންދު ވަނީ ހުއްޓިފައި-- ފޮޓޯ/ ފޭސްބުކް

ލިޓަސް ގަރާޖުގެ ތެރޭގައި މަރާލި، މުހައްމަދު އަނަސް، 25، މަރާލީ އޭނާއަކީ ގޭންގަކަށް ނިސްބަތްވާ މީހަކަށް ވުމުން ނޫން ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

"އިހަށްދުވަހު އެންމެ ފަހުން މަރުވި ކުއްޖާ މަރުވީ ކީއްވެގެންތޯ؟ އޭނައެއް ނޫނޭ ކުށްވެރިވަނީ، އޭނަ ލައިފަ ހުރި ޓީޝާޓު ކުށްވެރިވަނީ. އެއީ އޭނަ ލައިފަހުރި ޓީޝާޓުގަ އެހެން ކުއްޖަކު ހުރެގެން އެއީ އެކުއްޖާކަމަށް ހީވެ، ކުއްޖެއްގެ ފުރާނައާ މަސްގަނޑާ ވަކިވެގެން އެދިޔައީ" ރައީސުލްް ޖުމްހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމުގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ހުޅުމާލޭގައި އޮތް "ފަހިވެނި" އިޖުތިމާއީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ މައުސޫމު މުޖުތަމައު ޚަރާބުވެގެން ދިޔުމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫނެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި މިފަދަ މުޖުތަމައުގެ ތެރޭގައި ހުރި ނުރައްކާތެރި، އަދި ކޮންމެހެންވެސް ނައްތާލަން ޖެހޭފަދަ ކަންތައްތަކާމެދު އިދިކޮޅު ފަރާތްތަކުން އަޑު އުފުލުމުގެ ބަދަލުގައި އެމީހުންގެ ވިސްނުން ހުންނަނީ މުޅިންވެސް ސަރުކާރާ ދެކޮޅަށް ކަމުގައިވެސް އިޝާރާތް ކުރެއްވިއެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އައިސް މިކަންކަން ހުއްޓުވާ ވާހަކަ ނުދައްކަނީ، އަޅުގަނޑުމެން އަބަދު ދައްކަން ޖެހޭނީ ދިވެހިރާއްޖޭގެ ޚަޒާނާ ބަހާނެ ގޮތުގެ ވާހަކަތޯ؟ އަޅުގަނޑުމެން އަބަދުވެސްް ދައްކަން ޖެހޭނީ ދިވެހިރާއްޖޭގަ އެއް ރައީސަކަށް ވުރެ ގިނަ ރައީސަކު އެއްފަހަރާ ތިބޭ ވާހަކަތޯ؟" ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށާއި އެކަމުގައި އެއްވެސް ހާލެއްގައި އަދުގެ ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

"އެހެންވީމަ މިއަދުވެސް މި ރަހުމުކުޑަ އަމަލުތަށް ހިންގާ ފަރާތްތަކަށް މިއަދުވެސް އަޅުގަނޑު ހަމަ ހަރުއަޑުން ސާފުބަހުން ދަންނަވަން ބޭނުމީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޒައާމަތު ﷲ ދަމަހައްޓަވާކަމަށް ވަންޏާ މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ. މިކަމާ ދޭތެރޭ އެއްވެސް މީހަކު، އެއްވެސް މީހަކު މިކަމާ ދޭތެރޭ ސުވާލު ނުއުފައްދާ، އަޅުގަނޑުމެނަށް މިހާރުވެސް އެބަފެނޭ ބައެއް ލީޑަރުން، އެބޭފުޅުންގެ ނަންފުޅު ހާމަނުކުރައްވާ ލިޔުއްވާތަން 'މިރައީސްވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރާނޭ'. ނޫން، އެއީ ރަނގަޅު ވާހަކައެއް ނޫން، މިރައީސް މަރުގެ ހުކުމް ތަންފީޒުކުރާނެ" ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރޭ ދެބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މިރަސްމިއްޔާތުގައިވަނީ ޒުވާނުންގެ ސިޓީގައި "ފަހިވެނި" އިޖުތިމާއީ ސެންޓަރުގެ އިތުރުން، "ފެހިރެސް" ގެ ނަމުން ނަންދެވިފައިވާ އިތުރު ޕާކެއްވެސް ރައީސުލް ޖުމްހޫރިއްޔާ ހުޅުއްވާދެއްވާފައެވެ.

ހުޅުމާލޭގައި އަލަށް ތަރައްގީކުރެވުނު ޕާކު ރަސްމީކޮށް ހުޅުއްވާދެއްވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލޭ ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެ ޕާކަކީ ރައްޔިތުންނަށް ކޮލެޓީ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ހުސްޖާގަތައް އެކަށިގެންވާ ގޮތުގައި ބޭނުން ކުރުމަށްޓަކާ ތަރައްގީ ކުރި ތަނެއް ކަމަށެވެ.

comment ކޮމެންޓް