އަހަރެންގެ ހިތް އަނބުރާދީ

"އަހަންނަކީ ގައިނީއެއް. އަލަށް ކައިވެނިކުރާ އަންހެންކުދިންނަށް ދޭތެރެ ދުރުކުރަން ބާރު އެޅުމަކީ އަހަރެން އާއްމުކޮށް ކުރާކަމެއް. ސަލްވާ މެހެރްޓީވީއިން އަހަރެންގެ ޕްރޮގްރާމް ބަލާނަމަވެސް އެކަން އެނގޭނެ. ސަބަބަކީ ކައިވެނީގެ އުފާތައް ރަގަޅަށް ހާސިލުކުރެވޭނީ ދެމީހުން ފްރީކޮށް ތިބެގެން. ދަރިއަކަށް ބަލިވެއިނީމަ ދެން އެހިސާބުން ހަނީމޫން އެނިމުނީ ދޯ. ސޯ އެންމެ މަދުވެގެންވެސް އަހަރު ދެއަހަރުވާންދެން ދަރިއަކު ނުދޯހީމަ ހަގީގަތުގައި ފިރިމީހާއަށްވެސް ކައިވެނީގެ އުފާތައް އޭގެ ފުރިހަމަ ގޮތުގައި ދެވޭނީ. ކީކޭ ސަލްވާ ބުނަނީ. " ރައުދާ އަހައިލީ ފާޑަކަށް ހީލާފައެވެ. ކިތަންމެ ހެޔޮއެދޭކަމަށް ހެދިގެން ހީލަން އުޅުނަސް މަސްނޫއީގޮތެއް ހުއްޓެވެ.

ސަލްވާ ހިނިތުންވެލިއެވެ.

ރައުދާ އޭނަގެ އުނގުގައި އޮތް އަގުބޮޑު ގުޗީ ދަބަސް ހުޅުވާލާފައި ބޭސް ކަރުދާސްތަކެއް ނެގިއެވެ.

"ސަލްވާ. ހައިކަލްއަށް އެނގިއްޖެއްޔާ ބޭސްކާކަށް އެއްބަހެއް ނުވާނެ. އެކަމަކު ސަލްވާ ބަލިވެ އިނދެއްޖެއްޔާ ހައިކަލް ޖެހޭނީ ސަލްވާގެ ޒިންމާ ނަގަން. އަބަދާއަބަދު ސަލްވާއަށް ހޭހަން ކުރަން ކައިރީގައި ހުންނަން. އެހެންވީމަ ވަރަށް ވިސްނައްޗޭ. މި ބޭސްދިނީ އަހަންނޭ ބުނެފިއްޔާ ހައިކަލްއަށް ހީވާނީ އަހަރެންގެ ނުބައި އިންޓެންޝަނެއް އޮވެގެން ކަމަށް ދޯ. އަހަންނަށް އެނގޭ ސަލްވާއަކީ ކިހާ ސްވީޓް ދީންވެރި އަންހެންކުއްޖެއްކަމާއި ސިއްރުތައް ހިފަހައްޓާނެކަން އަދި ފިރިމިހާގެ އުފަލާއި ހިތްހަމަޖެހުމަށްވެސް އިސްކަންދޭނެކަން. އަހަރަކު ދެކޮޅު ވިހަންވެއްޖެއްޔާ ފިރިމީހާއަށް ޚިދުމަތްކޮށްދެވޭނެތަ؟ ނުވާނެ ދޯ. އަދި ދީނުގައިވެސް އޮވޭ ދޭތެރެ ދުރުކުރަން. އަހަރެންގެ ޕްރޮގްރާމްވެސް ބަލައްޗޭ އިނގޭ. އަދި ސަލްވާއަށް ސެވެންޓީން. ސޯ ޔޯ ބޮޑީ އިޒް ނޮޓް ރެޑީ ޓު ހޭވް އެ ބޭބީ. ދީނީ ނަޒަރަކުން ވެސް އެކަން އޮންނަނީ މައިމީހާއަށްވެސް ގެއްލުން ނުވާގޮތަށް ބަލަން........." ރައުދާގެ ވާހަކަތައް އަހަން ސަލްވާއިންއިރު އޭނަގެ އަތްތިލައިން ފެންހެދިއްޖެއެވެ. އެ ވާހަކަތަކަށް ދޭނެ ރައްދެއް އެހާ ވަރަށް ނޭގުނުތާގައި ރައުދާއާއި ވާހަކަ ދައްކާހިތެއްވެސް ސަލްވާ ނުވީއެވެ. އެހެންވެ އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ.

ރައުދާ ސަލްވާއާއި ވާހަކަދައްކާލަން އިނދެފައި ގޮސް ކާރަށް އެރިއިރު އޭނަގެ ދެބުމަ ގޮށްޖެހިއްޖެއެވެ. ސަލްވާ ކައިރިން ފެނުނު ފެނުނުހެން ރައުދާގެ ހިތަށް ކުރާ ބާރު ހާދަ ބޮޑެވެ. އެކުއްޖާ ރީތީ ވަކި ވަރަކަށް ނޫނެވެ. އޮމާން ހަންވިދާވަރާއި ކުލައިންވެސް ފިރިހެނަކު މޮޔަވާނެއެވެ. ލައިގެން އިނީ އެހާ ގުޅޭ ސްޓައިލިޝް ހެދުމެކެވެ. ބުރުގާ އެޅުމުން މާތްގޮތެއް ހުރެފައި މައުސޫމްކަންވެސް ބޮޑީއެވެ. އެތެރެއިން ލާފައި ހުރީ ކުޑަކޮށް ރޫޖައްސާފައި ހުރި އަޅިކުލައިގެ މެކްސީއެއްކަހަލަ ހެދުމެކެވެ. ބޭރުން ކަޅު ޖެކެޓަކާއިއެކު ކުދި ރޫތައްޖެހި ޝޯލްއެކެވެ.

ސަލްވާގެ ބޮލަށް އެރިގެން ސަލްވާއަށް ބޭސްކާން އޭނަ މަޖުބޫރުކުރީ އެއްގޮތަކަށްވެސް ހެޔޮ އެދިގެނެއް ނޫނެވެ. ހައިކަލްގެ ދަރިއަކު ސަލްވާ ވިހައިފިއްޔާ އޭނަގެ ދިރިއުޅުމުގެ ހުރިހާ އުފަލެއް ފެނަށްވާނެއެވެ. އަޒަލްއާއި އާޒީން ފިޔަވާ ހައިކަލްގެ ދަރިއަކު ހުރެގެން ނުވާނެއެވެ. ސަލްވާ ބަލިވެ އިންކަން އެނގޭއިރަށް އޭނަގެ ފުރާނަ ގުރުބާންކޮށްގެންވެސް އެދަރި ވައްޓާލާނެއެވެ. ރައުދާ ހުންގާނުގައި ބާރަށް ހިފެހެއްޓިއެވެ. ރުޅިންގޮސް އޭނަގެ މޫނުގެ ކުލަވެސް ރަތްވެ އަނގުރު އަލިފާންކޮޅެއްހެން ވެއްޖެއެވެ. ސަލްވާކަހަލަ އަންހެނަކު ހައިކަލްގެ ހަޔާތަށް އައިސްދާނެކަމުގައި ކުރިން ވިސްނާވެސް ނުލެވުނީއެވެ. ޒައިތޫން ފަޚުރުވެރިވާ ފިރިހެން ދަރިފުޅު ނުކިޔަވާ ހުރި އާދައިގެ އަންހެންކުއްޖަކު އަންބަކަށް ހަދައިގެން ގެނައުމަކީ މުޅި އާއިލާގެ ނަމުގައި ޖެހުނު ހުތުރު ލައްގަނޑެކެވެ. އެޚާންދާނުގައިވެސް އެފަދަ ކަމެއް ހިނގާފައިވާކަމެއް ނޭގެއެވެ.

ސަލްވާ ކޮޓަރިއަށް ވަންއިރުވެސް އަދި ހައިކަލްއެއް ނާދެއެވެ. އެބޭސްތައް ވަތްގަނޑަށް ލީ ފަހުން ފޮރުވާންވެގެންނެވެ. އޭނަ ހެދުން ބަދަލުކުރިއެވެ. ނައިޓީއެއް ލައިގެން މޭޒުމަތީގައި އުއްބައްތިތަކެއް ޖަހާލައިގެން ކުޅެން އިންއިރު އެކިގޮތްގޮތަށް ވިސްނެމުން ދިޔައެވެ. ރައުދާ އެބުނީ ތެދުވާހަކައެއް ހެއްޔެވެ؟ ދީނީ ނަޒަރަކުން ހުއްދަވާނެބާވައެވެ. ނޫނީ ހުއްދަނުވާނެހެއްޔެވެ. ފަހަރެއްގައި އެއީ ހެޔޮއެދިގެން ރައުދާ ދެއްކި ވާހަކައަކަށްވެސް ވެދާނެއެވެ. އެބުނާހެން ބަލިވެ އިނދެއްޖެއްޔާ ދެން ހޮޑުލައި ވަރުބަލިވެ ވާނެ ވަރު ހިތަށް އަރުވާފައިވެސް ބިރުގަނެއްޖެއެވެ. އަދި ވިހެއުމަކީ ހާދަ ވޭން އަޅާނެކަމެކެވެ. ގައިން ހީބިހިވެސް ނަގައިފިއެވެ.

އެންމެފަހުން ލެޕް ހުޅުވާލައިގެން ޕްރެގްނެންސީއާއި ބެހޭގޮތުން މައުލޫމާތު ހޯދިވަރަކަށް އޭނަގެ ހިތުގައި ބިރުވެރިކަން އަށަގެން އެންމެފަހުން ބޭސްކާން ނިންމައިފިއެވެ. ނަމަވެސް އެއްވެސް ކަމެއްކުރާއިރު ހައިކަލްގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ހިތްބުނާވަރުން ހައިކަލްގެ ލަފާ ހޯދަން އޭނަ ނިންމިއެވެ.

"ކޮންއިރަކުން ގެއަށް ދުރުވަނީ......." ސަލްވާ މެސެޖްކޮށްލިއެވެ.

"އޮން ދަ ވޭ ހޯމް.." ހައިކަލް އަހައިލިއެވެ.

"މިސް ޔޫ......" ސަލްވާ ލިޔުނެވެ.

"މިސްޔޫ ޓޫ ވައިފް..." ހައިކަލްގެ ޖުމްލައިން ސަލްވާއަށް ހިނިތުންވެލެވުނެވެ.

ހައިކަލް ގެއަށް އައުމަށްފަހު ދެމީހުން ނިދަން ތައްޔާރުވިއެވެ. އުއްބައްތީގެ ހިތްގައިމު އަލީގައި ރަޖާތެރޭގައި ފޮރުވިގެން ތިބިއިރު ހައިކަލްގެ އަތްވަނީ ސަލްވާ ވަށާލެވިފައެވެ. އޭސީގެ ފިނިކަން ކިތަންމެ ގަދަޔަސް ހައިކަލްގެ ހަށިގަނޑުގެ ހޫނުން އަރާމުކޮށް ހީފިލާފައިވިއެވެ.

"ކެން އައި އާސްކް ސަމްތިން؟ " ސަލްވާ އަހައިލިއެވެ.

"އެނީތިން......" ހައިކަލް ސަލްވާގެ މޫނަށް ފައިބާފައިވާ އިސްތަށިގަނޑު ދުރުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ.

"ދޭތެރެ ދުރުކުރާ ބޭސްކެއުމަކީ މެޑިކަލީގޮތުން ކޮންކަހަލަ ކަމެއްކަން ނޭގޭތީ މިއުޅެނީ. ސިންސް ޔޫ އާ އެ ޑޮކްޓަރ އެކަމާއި ބެހޭ މައުލޫމާތު ހުންނާނެކަން ޔަގީން. ކެން އައި ޔޫޒް ދެޓް؟" ކުޑަކޮށް ޖެހިލުންވުމާއިއެކުވެސް އޭނަގެ ހިތުގައިވާ އެއްޗެހި ހިއްސާކޮށްލިއެވެ. ރައުދާ އެ ޚިޔާލުދިނަސް ޚުދު އޭނަވެސް އަދި ބޭނުންވަނީ އިހަށް ދަރިއަކު ހޯދުން ލަސްކޮށްލުމެވެ. ކިޔަވާ ނިމެންދެން ނަމަވެސް ހެވެވެ.

ހައިކަލް ވަގުތުން ހަދާންވީ ރައުދާ މަތިންނެވެ. ހައިކަލް އަބަދުވެސް ކުޑަކުދިންދެކެ ލޯބިވެއެވެ. ދައްތަމެންގެ ކުދިންނާއިހެދިވެސް އޭނަ މޮޔަވާވަރުވެއެވެ. ނަމަވެސް ކައިވެންޏަށްފަހު ރައުދާ ކުދިން ހޯދުމާއި ދެކޮޅެވެ. އާޒީންމެންނަށް ބަލިވެއިނުމުން ހައިކަލް ބޯ ހަލާކުވާވަރަށް ޝަކުވާކޮށް ރުޅިގަދަވެ އުޅުނެވެ. އެއްފަހަރުވެސް ރައުދާ ރުޅި މަޑުވީކަމަކަށް ނުވެއެވެ. ދެވަނަފަހަރަށް ބަލިވެއިނުމުން ދަރިފުޅު ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވެ އެންމެފަހުން ލިބުނީ ބަލި ކުއްޖެކެވެ. އޭގެފަހުން ރައުދާ ގަވާއިދުން އަޅުކަމެއްހެން ބޭސްކެއެވެ. އަދި ބަލި ދަރިފުޅާއިވެސް އަޅާލުމެއްނެތި އުޅުނީ އޭނަގެ އަމިއްލަ ދުނިޔޭގައި މަޖަލުގައެވެ. އެހެންވެ ސަލްވާ އެވާހަކަ ފެށުމުން މޫޑު ވަގުތުން ގޯސްވެ އަތްވެސް ނެގިއެވެ. މޯޅިއަކަށް ދެމިލިއެވެ.

ސަލްވާއަށްވެސް ހައިކަލްއަށް އައި ބަދަލު ފާހަގަ ކުރެވުނެވެ. އޭނަ މިކުރީ ރަގަޅުކަމެއް ނޫނެވެ. ހައިކަލްގެ މޫޑު ގޯސްކުރަން މިވާހަކަ ނޭހުނުނަމައެވެ. އެ ސުވާލުނުކުރެވުނު ނަމައެވެ. ސަލްވާ ތެދުވެގެން ހިނގައިގަތީ ފާޚާނާއަށެވެ. މޫނު ދޮވެލާ ހަދައިގެން އިސްތަށިގަނޑަށް ވޫލްކޮޅެއް އެރުވިއެވެ. ނިކުތްއިރު ހައިކަލްވެސް ތެދުވެ ނިދާ ޕިޖާމާލަނީއެވެ.

"އާ ޔޫ އެންގްރީ؟ " ސަލްވާ ކައިރިއަށް ހުއްޓި އަހާލިއެވެ.

"ނޮޓް އެޓް އޯލް....." ހައިކަލް ހަމަޖެހިލާފައި ބުންޏެވެ.

"ދެން.........." ސަލްވާ ކިޔާލިއެވެ.

"އެއީ އަހަރެން ފޫހިވާ ޓޮޕިކެއްވީމަ އެވާހަކަ ދައްކަން ބޭނުންނުވީ. އައިމް އެގެއިންސްޓް އިޓް. އަހަންނަށް އެނގޭ ފާޓައިލް މީހެއް ވެއްޖެއްޔާ ނެޗުރަލް މެތޮޑްއިންވެސް ޕްރެގްވެދާނެކަން. ހަގީގަތަށް ބުނަންޏާ އަހަންނަށްވެސް ބައެއްފަހަރު ފަރުވާކުޑަކުރެވޭ. ހަދާނެއްނުހުރޭ. އެކަމަކު ޕްރެގްވާން ބޭނުން ނުވަންޏާ މާ ރަގަޅުވާނެ ބޭސްނުކައި އެދުވަސްކޮޅު ޔޫޒްކުރެވިދާނެ ދޯ މިވެސް.........." ހައިކަލް ވަތްގަނޑު ހުޅުވާލާފައި ކުޑަ ޕެކެޓެއް ނެގިއެވެ. އެއީ އާއްމުކޮށް ހައިކަލް ހުޅުވާ ބަޔެއްވެސް ނޫނެވެ. ކުއްލިއަކަށް ހައިކަލްގެ ލޮލުގައި ބޭސް ކަރުދާސްތައް އަޅައިގަތުމުން ނަގާފައި ބަލައިލުމުން ސަލްވާއަށް ކުށްވެރިކަމުގެ އިހުސާސްކުރެވުނެވެ. ރަކިވިއެވެ. ހައިކަލް ސުވާލުކުރިއެވެ. ދިނީ ކާކުކަން އެނގެން ބޭނުންވިއެވެ. ހައިކަލް އެހާ ސީދަލަށް ދެނެގަންނަނީ ކިހިނެއްކަމެއްވެސް ނޭގުނެވެ. ދޮގުހަދާކަށް ގައިމު ނުކުރޭނެއެވެ. ކޮންމެ ފަހަރަކު މަސްލަހަތަށްޓަކާވެސް ދޮގުހަދަމުންގޮސް އޭނަގެ އަމިއްލަ ނަފުސަށްވެސް އޮޅުވަން ޖެހޭ ދުވަހެއް އައިސްދާނެއެވެ.

"ރައުދާ........"

ހައިކަލް އެބޭސްތައް ޑަސްބިނަށް އެއްލާލިއިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނެވެ.

"އެހެން މީހަކަށް އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދާނެގޮތެއް ޑިސައިޑެއް ނުކުރެވޭނެ. ދަރިން ހޯދާނެ އަދަދުވެސް އެނގޭނީ އަހަންނަށް. އަހަރެން ދިހަކުދިން ބޭނުމޭ ބުނެފިއްޔާ ސަލްވާވެސް އެއްބަސްވާނެ ދޯ ހަމަ. އެޓްލީސްޓް ސަލްވާ އެހެން މީހުންނާއި ތަފާތޭ ހިތަށް އެރުވުމުންވެސް ހަމަޖެހުމެއް އިހުސާސްކުރެވޭ....." ހައިކަލްގެ އެ ނަޒަރާއި ދެ ލޯ ގުޅުވަން ނުކެރި ސަލްވާ އިސްޖަހައިލިއެވެ. އެއީ އެކަނި ރައުދާގެ ޚިޔާލު ނޫންކަމާއި އޭނަވެސް އަދި ކުޑަކޮށް މަޑުކޮށްލަން ބޭނުންކަމުގައި ބުނަންވީއެވެ. ނޫނެކެވެ. ހައިކަލް ހިތްހަމަޖެހޭ ގޮތަކަށް އޭނަ ހުރިހާ ކަމެއްކުރާނެއެވެ. ހައިކަލްގެ ޖުމްލަވެސް އަމާޒުކުރީ އޭނައަށެވެ. ރައުދާ ބުނާގޮތަށް ނެހެދިޔަސް އޭނަ ހައިކަލް އެދޭ ކޮންމެ ކަމަކަށް އެއްބަސްވާނެކަން އެނގުނީއެވެ. ކިޔަމަންތެރި އަންބެއްކަމަށް ހީކުރީއެވެ. ފަހަރެއްގައި ހަމަ ސިޒޭރިއަން ހަދާފައި ވެސް ބޭބީ ނަގާފާނެއެވެ. ވީއިރު އެކަމާއި ވިސްނަންވީ ކީއްކުރަންހެއްޔެވެ؟ މިރޭ ދެކެވުނު ވާހަކައަކުން ޔަގީނުންވެސް ހައިކަލް ހުރީ ހިތްހަމަނުޖެހޭގޮތްވެ ތަބީއަތު ޚަރާބުވެފައެވެ.

"ސަލްވާ ނިދާލާ އިނގޭ. އަހަރެން އެބަ އަންނަން....." ހައިކަލް ދާން ހިގައިގަތުމުން ސަލްވާ އެނދަށް އެރިގޮތަށް ދެލޯ ބޮޑުކޮށްގެން ވިސްނަން އޮތެވެ.

ހަގީގަތަކީ ހައިކަލް މިހާރު ދަރިއަކު ހޯދަން ޚިޔާލު ނުވެސް ކުރާކަމެވެ. އަދިވެސް އެބަލި ދަރިފުޅު މަތިން ހައިކަލް ހަދާނެއް ނުނެތެއެވެ. އެފަދަ ދެވަނަ ތަޖުރިބާއެއްކުރަން އޭނައަކަށް ނުކެރޭނެއެވެ. ސަލްވާގެ އުމުރުގެ ހަގުކަންވެސް އޭނައަށް ނޭގެނީއެއް ނޫނެވެ. ރައުދާވެސް ހާދަ ލަދެއްނުގަނެއެވެ. އޭނަގެ ދިރިއުޅުން ހަލާކުކޮށްލި ގޮތަށް އޭނައާއި ސަލްވާގެ ހަޔާތަށްވެސް އެހިޔަނި އެޅެންފެށީއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ؟ ކެތްނުކުރެވިގެންގޮސް ވަގުތުން ރައުދާގެ ނަމްބަރަށް ގުޅާފައި ހައިކަލް އިންޒާރު ދިނެވެ. އެއްޗެހި ކިޔާ ހަޅޭއްނުލެވިޔަސް ހައިކަލްގެ މެސެޖް ވަރަށް ސާފެވެ. އޭނަގެ ދިރިއުޅުމުގެ އެއްވެސް ކަމަކާއި ރައުދާ ބެހިގެން ނުވާނެއެވެ. ގޮތް ކިޔާ ކަމެއް ނިންމުމުގެ ހައްގެއް ރައުދާއަކަށް ނެތެވެ. ނޫނީ ކުދިންނާއި ބައްދަލުކުރުމުގެ ބަހަނާގައިވެސް އެގެއަކަށް ނުވަދެވޭނެއެވެ.

ހައިކަލް ސަލްވާއާއި އަޅާލާވަރަށް ހެޔޮއެދޭވަރަށް ރައުދާއަށް އެކަމެއް ނުކުރެވޭނެއެވެ.

ނަމަވެސް އޭނައަށް އެހާ އަޅާލެވުނުބާވައެވެ. ހިތަށް އެރި އެއްޗަކުން ޝައްކުވުމާއިއެކު ހައިކަލްހުރީ ހުއްޓުން އަރާގޮތްވެފައެވެ. އޭނަގެ ފަރުވާކުޑަކަން އިންތިހާއެވެ.

ޖެހިގެން އައި ދުވަހު ހައިކަލް ކިޓެއް ގެނެސްދިނެވެ. ޓެސްޓްކުރިއިރު ޕޮޒިޓިވްކަން އެނގުމުން ހައިކަލްއަށް އުފަލެއް ނުލިބުނެވެ. ޚުދު ސަލްވާވެސް ހުރީ ޝޮކެއްގައެވެ. ނަމަވެސް ހީލީ ގަދަކަމުންނެވެ.

"އަހަންނަށް އެނގޭ ތިހިރީ ކަންބޮޑުވެފައިކަން. އަހަރެންވެސް އެކްސްޕެކްޓްކުރި ގޮތަކަށް ނޫން މިކަން މިދިޔައީ. ހީވެދާނެ އަހަރެން ޑެލިބެރޭޓްކޮށް ކުރި ކަމެކޭ"

"އެނީވޭސް ޑޯންޓް ވޮރީ ގާލް. ހުރިހާކަމެއް ރަގަޅުވާނެ. އަހަރެން އަބަދުވެސް ކައިރީގައި ހުންނާނަން.........." ހައިކަލް ސަލްވާގެ ކޮލުގައި ހިފާލާފައި ގެނެސް މޭގައި ޖައްސާލިގޮތަށް އިރުކޮޅެއްވާންދެން ހުރީ ވިސްނުމަކަށް ގެއްލިފައެވެ. ދަރިންނަކީ ހެއްދެވިފަރާތުން ދެއްވާ ނިއުމަތެކެވެ. ކޮންމެކަމެއްވެސްވާނީ ރަގަޅަށޭ ބުނެއުޅެއެވެ. މުސްތަގުބަލުގައިވާން އޮތް ކަންތައް އެމީހުންނަށް ނޭގުނަސް އެފަރާތުން ދެނެވޮޑިގަންނަވާނެއެވެ.

ހަފްތާއެއްފަހުން ހެނދުނު ނާސްތާކުރަންގޮސް ހުރެފައި ސަލްވާ އޯކަށްދަމާފަދަ ގޮތެއްވިއެވެ. އެކަން ފާހަގަކުރެވުނީ އެކަނި މެހެރީނާއަށެވެ. ސަލްވާ ވަގުތުން ތެދުވެގެން ދިޔައީއެވެ. މެހެރީނާ އެތެރެއަށް ލީ ނޭވާވެސް ބޭރަށް ލާކަށް ނޭގުނެވެ. ކަންތައްބޮޑުވީ އިންތިހާއަށެވެ. އެވަރުންވެސް އޭނަ އެދުވަހު އޮފީހަށް ދިޔައެވެ. އޭނައަށް ޚާއްސަވެފައިވާ ކޮޓަރީގެ ބޮޑު ގޮނޑީގައި އިށީންއިރު ބޮލުގައި ރިހުމެއް ހުއްޓެވެ.

"އަހަންނަށް ނޭގޭ އަހަރެންގެ ދައްތަމެން މިކަންތައް އެހާ ކޫލްކޮށް ނަގާ ސަބަބެއް. ނާޒްމީވެސް ދެނެހުރިކަމަކަށް ހަދާނުލި. އެންމެން ހަމަޖެހިލާފައި އެމީހުންގެ ފެމިލީ އަދި ކެރިއާގައި ކުރިއަށް އެދަނީ. އެންމެނަށް ހީވެދާނެ އަހަރެން މިހެން އުޅެނީ ނަފްސާނީ މައްސަލައެއް ހުރީމައޭ. އެކަމަކު އަހަރެންގެ ލޯބިވާ ބޭބެގެ ދިރިއުޅުން ހަލާކުވެގެން ދާއިރު އަހަރެން ވީ ހިމޭނުން ހުންނަންތަ؟ އެކަހަލަ އަންހެންކުދިން ވަރަށް ޗާލަކީ ވާނެ. ސަލްވާގެ މަކަރުވެރިކަމުން އެންމެންގެ ލޮލުގައި އަނދުން އަޅުވައިފި. އެކުއްޖާ ބަނޑުގައިވަނީ ނަހަލާލު ދަރިއެއްކަން މުޅި ދުނިޔެއަށް އަހަރެން ހާމަކޮށްދޭނަން. އަހަންނަށް އެނގޭ ވިޝާމްއާއި ސަލްވާގެ ކޮންމެވެސް ގުޅުމެއް އެބައޮތްކަން. އަދި ޔަގީންވޭ އެދެމީހުން ކޮންމެވެސް ކަމެއް ފޮރުވާކަން. ދެމީހުން ރުއީ އަހަރެންގެ ކުރިމަތީގައި. ކަމަކާ ނުލައެއްނޫން ރުޅިއާދެވެނީ. ފެށުނީއްސުރެން އަހަރެމެންނަށް އެނގޭ ފަގީރު އަންހެންކުދިން މުއްސަދިންނާއި އިންނަން ވަރު ހުންނަނީ ލާރިއާއިހެދިކަން. ވީއިރު އަހަންނަށް ދޮންބެ މި ވަޅުގަނޑުން ސަލާމަތްކޮށްދޭން މަޖުބޫރެއް ނޫންތަ؟ " މެހެރީނާގެ ޚިޔާލުތަކުގެ ތެރެއިން ނުކުމެވުނީ އޭނަގެ ޕީއޭ ކޮންމެވެސް ލިޔުމެއްގައި ސޮއި ކުރުވަން ގެނައުމުންނެވެ.

ރައުދާ މާ ގިނަގިނައިން ރޯޒްމެހެލްއަށް އައުން ވީ ސަލްވާއަށް އުދަގޫކުރުވަނިވި ކަމަކަށެވެ. ހައިކަލްވެސް ގެއަށް ވަނުން މަދުކުރީ އެހެންވެކަން ސަލްވާއަށް އެނގުނެވެ. ރޭނގަނޑު ކާގަޑީގައި ރައުދާ ބައިވެރިވުން އާއްމުވިއެވެ. އެކަން އެހެންވަނީ ޒައިތޫންއާއި މެހެރީނާވެސް ބާރު އަޅައިގެންނެވެ. ހައިކަލްއާއި ރައުދާ ގުޅުވުން އެންމެނަށްވެސް ވަނީ އެހެން ކަމަކަށްވުރެ މުހިއްމުވެފައެވެ. އެރޭ ކާން ތިބެފައި ކުއްލިއަކަށް އަޒަލް ހޮޑުލުމުން ޒައިތޫންއާއި މެހެރީނާ އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފައި ތިބެއެވެ.

"އޯ ގޯޑް......ޒެލް ކިހިނެއް ތިވީ؟ " ރައުދާ ދުވެފައިގޮސް އަޒަލްއަށް އެހީވާން އުޅުނެވެ.

comment ކޮމެންޓް