އަޅުގަނޑުގެ ސިކުނޑި ގޮއްވާލާ ވަރުގެ ކަންތައް އެބަ ހިނގާ: ރައީސް

ހުޅުމާލޭޭގައި އިޖުތިމާއީ މަރުކަޒު "ފަހިވެނި" ހުޅުވައިދެއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ކުރިމަތިވާ ދަތިތަކަށް ހައްލުހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާއިރު، ސިކުނޑި "ގޮއްވާލާ" ވަރުގެ ކަންކަން ރާއްޖޭގައި ހިނގަމުންދާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ހުޅުމާލޭޭގައި އިމާރާތް ކުރި ތިން ބުރީގެ އިޖުތިމާއީ މަރުކަޒު "ފަހިވެނި" ހުޅުވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ަ

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއަކާއި ފެނިފައި ހުރި ކަންތައްތަކާއެކު ރާއްޖޭގައި ހުރި މައްސަލަތައް ހައްލު ކުރަން ކުރަމުންދާ މަސައްކަތުގައި ސިކުނޑި ގޮއްވާލާ ވަރުގެ ހިނގަމުންދާ ކަަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"އެކަމަކު މިހުރިހާ ކަމަކާއެކުގައި ވެސް، މިހުރިހާ ތަޖުރިބާއަކާއި ފެނިފައި ހުރި ހުރިހާ އެއްޗަކާއެކުގައި ވެސް އަޅުގަނޑުގެ ސިކުނޑި ގޮއްވާލާ ވަރުގެ ކަންތައްތައް މިހާރު އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ "ފަނާކުރަނިވި" ސިޔާސަތު ގެންގުޅޭ ބަޔަކާ ދުވަހަކު ވެސް ނުގުޅޭނެ ކަމަށް ގަބޫލު ކުރެވުނު ޝަރަފުވެރި އިއްޒަތްތެރިން "ހިދާޔަތު" ހޯދުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެފަދަ ބަޔަކާއެކުގައި ކަމަށެވެ.

"ދުވަހަކުވެސް ދެކެން ބޭނުންނުވާފަދަ ޝަރަފުވެރި އިއްޒަތްތެރި ބޭފުޅުން ހިދާޔަތާއި ކުރިއެރުން ހޯއްދަވަން މަސައްކަތްޕުޅު މި ކުރައްވަނީ ފަނާކުރަނިވި ކަންތައްތަކެއްގެ ތާރީހެއް އޮތް ބަޔަކާއެކު މަސައްކަތް ކުރައްވައިގެން."

ރައީސް އިޝާރާތް އެ ކުރެއްވީ އެމަނިކުފާނުގެ ބޭބޭފުޅު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތަށެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މައުމޫން ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ""މިއީ އަޅުގަނޑު އެކަމަކާ ދޭތެރޭ ވިސްނާ ވިސްނާ ވެސް އެއްވެސް ޖަވާބެއް ނުލިބުނު ސުވާލެއް،" ކަމަށެވެ.

"ޖަވާބެއް ނައިސް، އަޅުގަނޑުގެ ސިކުނޑި ގޮވާވަރުގެ ކަމަކަށް ވެއްޖެ،" ރައީސް ވިދާޅުވި އެވެ.

ޕީޕީއެމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެމަނިކުފާނާއެކު މަސައްކަތްޕުޅު ކުރެއްވި ބައެއް ބޭފުޅުން އެކި ސަބަބުތަކާހުރެ ސަރުކާރުން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

ރާއްޖޭގެ ނިޒާމުތަކަކީ އެއްވެސް ގޮތަކަށް ފުރިހަމަ ނިޒާމުތަކެއް ނޫން. ނިޒާމުތައް ލިޔެވިފައި، އެކުލަވާލެވިފައި ހުރި ގޮތަކުންނެއް ނޫނ،ް ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ނިޒާމުތަކަކީ އެއްވެސް ގޮތަކަށް ފުރިހަމަ ނިޒާމުތަކެއް ނޫން ކަމާށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ނިޒާމުތަކަކީ އެއްވެސް ގޮތަކަށް ފުރިހަމަ ނިޒާމުތަކެއް ނޫން. ނިޒާމުތައް ފުރިހަމަ ނުވަނީ ހަމައެކަނި ނިޒާމުތައް ލިޔެވިފައި އެކުލަވާލާފައި ހުރި ގޮތް ފުރިހަމަ ނޫން ވެގެން ވެސް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނިޒާމުތައް ފުރިހަމަ ނުވަނީ އެ ނިޒާމުތައް ހިންގުމާ ހަވާލުވެފައި ތިބި މީހުންގެ މައްސަލައަކުން ކަމަށެވެ.

"ނިޒާމުތައް ފުރިހަމަ ނުވަނީ ނިޒާމުތައް ތަންފީޒު ކުރުމަށް ތިބޭ މީހުންނަކީ އިންސާނުން ކަަމަށްވާތީ، އިންސާނުންނަކީ އިންސާނުންގެ ހުރި އުނި ސިފަތަކަކާއެކީ ކުރާ ބައެއް. އެ އުނި ސިފަތައް ހުންނާނެ ހުރިހާ އެންމެންގެ ގައިގައި ވެސް. އެ އުނި ސިފަތައް ހުންނާނެ އިންސާނުން ކޮންމެ މަތިވެރި ދަރަޖައަކާ ހިސާބަށް ދިޔަޔަސް. އެ މީހުން ހަވާލުވާ ޒިންމާއިން އެ އުނިސިފަތައް ފެންނާނެ."

comment ކޮމެންޓް