ކޫޓީނިއޯއަށް ބާސާގައި ނޭމާގެ މަގާމު ފޫބެއްދޭނެ: ރޮނާލްޑީނިއޯ

ބާސާގެ ބްރެޒިލް ތަރި ނޭމާއާއި ލިވަޕޫލްގެ ބްރެޒިލް ތަރި ކޫޓީނިއޯ: ބާސާއިން ކޫޓީނިއޯ ހޯދުމަށް ލިވަޕޫލަށް ބޮޑު އަގެއް ހުށަހަޅަން ޖެހޭނެ ކަމަށް ބާސާގެ ލެޖެންޑް ރޮނާލްޑީނިއޯ ގަބޫލުކުރޭ --- ފޮޓޯ/ ގެޓީ

ލިވަޕޫލްގެ ބްރެޒިލް ތަރި ފިލިޕޭ ކޫޓީނިއޯއަށް ބާސެލޯނާގައި ބްރެޒިލް ތަރި ނޭމާ އަދާކުރި މަގާމު ފޫބެއްދޭނެ ކަމަށް އެ ކްލަބުގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ.

ނޭމާގެ 222 މިލިއަން ޔޫރޯގެ ރިލީޒް ފީ ދެއްކުމަށް ޕީއެސްޖީ ތައްޔާރަށް އޮތް ނަމަވެސް، ސްޕެއިންގެ ފުޓްބޯޅައިގެ މައި އިދާރާއިން ޕީއެސްޖީގެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ. ޕީއެސްޖީގެ ހުށަހެޅުން ލަ ލީގާއިން ގަބޫލުކޮށްފައިނުވަނީ ނޭމާގެ ޓްރާންސްފާ ކަންތަކުގައި ޔުއެފާ ފައިނޭންޝަލް ފެއާޕްލޭގެ ގަވައިދުތައް މުގުރާލާފައި ނޫނީ ޕީއެސްޖީއަށް އެ ޓްރާންސްފާ ކާމިޔާބު ކުރެވޭނޭތީ ކަމަށް ބުނެއެވެ.

ބާސާ ދޫކޮށް ނޭމާ ދާން ތައްޔާރުވެފައިވާއިރު، ބާސާއިން ދަނީ އޭނާގެ ބަދަލުގައި ލިވަޕޫލްގެ ކޫޓީނިއޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކޫޓީނިއޯ ހޯދުމަށް ބާސާއިން އަގުތައް ހުށަހަޅަމުންދިޔަ ނަމަވެސް، ލިވަޕޫލުން ދަނީ ކޫޓީނިއޯއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނަމުންނެވެ.

"ނޭމާގެ މަގާމު ފޫބެއްދޭނެ މަދު ކުޅުންތެރިންތަކެއް އެބަތިބި. އަހަރެން ދެކެނީ އޭނާގެ މަގާމު ކޫޓީނިއޯއަށް އަދާކުރެވޭނެ ކަމަށް. އެތަން އޭނާއަށް ފޫބެއްދިދާނެ. އެކަމަކު ލިވަޕޫލަށް އޭނާ އަގު އެނގޭނެ. ހާއްސަކޮށް މިހާރު ޓްރާންސްފާގެ އަގުތަކަށް ބަލާނަމަ، ބާސާއިން އޭނާ ހޯދުމަށް ބޮޑު އަގެއް ހުށަހަޅަން ޖެހޭނެ،" ބާސާގެ ލެޖެންޑް ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިޔަރުގައި ބާސާއާ ގުޅުމުގެ ކުރިން ޕީއެސްޖީއަށް ކުޅެފައިވެއެވެ. ރޮނާލްޑީނިއޯ ބުނާގޮތުގައި، ޕީއެސްޖީއާ ނޭމާ ގުޅުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ދެ ކްލަބަށް ވެސް ކުޅުނިން. ތާރީހަށް ބަލާނަމަ، ބޮޑު ކްލަބަކަށްވާނީ ބާސާ. އެކަމަކު ދެ ކްލަބު ވެސް މިހާރު ހިމެނެނީ އެއް ލެވެލެއްގައި. ދެ ކްލަބުން ވެސް މިހާރު ވާދަކުރަނީ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން. އަހަރެން ނޭމާ ކައިރީ ބުނިން އޭނާ ނިންމީ ރަނގަޅު ނިންމުން ކަމުގައި. އަހަރެން ނޭމާ ކައިރީ ބުނީ ހިތް އެދޭ ގޮތަށް ކަންތައް ކުރީމާ ހުންނާނީ ރަނގަޅަށޭ،" އޭނާ ބުންޏެވެ.

comment ކޮމެންޓް