ގާސިމްގެ ޝަރީއަތުގައި ދެން އޮތީ ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުން: ހިސާން

ގާސިމް އިބްރާހީމް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގައި ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުން ކަމަށް ގާސިމްގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މިއަދު ގިނައިރުތަކެއް ވަންދެން ބޭއްވި އަޑުއެހުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އާދީއްތަ ދުވަހުގެ 10:30ގައި ބާއްވަން ނިންމަވާފައިވާކަން ގާޒީ މިއަދު އިއުލާން ކުރެއްވި ކަމަށެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް ވާހަކަދެއްކުން ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގާސިމްގެ ފަރާތުން ދިފާއުގައި ދައްކާ ވާހަކަތަކަށް ދައުލަތުން ގާނޫނީ ގޮތުން ރައްދު ނުދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފައި ވަނީ ކޯޓުގެ ގާޒީންނަށާއި މުވައްޒަފުންނަށް މަރުގެ އިންޒާރު ދެމުންދާތީ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި ކަމަށެވެ. އަދި އެކަމަކީ އެހެން ބަޔަކު ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޖުމްހޫރީ ޕާޓީގެ އިދާރާ، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ގާސިމް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިކެޓު އެ މެމްބަރަކަށް ދިނުމުގެ އިތުރުން އެހެނިހެން ގޮތް ގޮތުން ވެސް އެހީތެރިވެދެއްވާނެ ކަމަށެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ގާސިމްގެ މައްޗަށް ވަނީ އުފުލާފަ އެވެ. ނަމަވެސް އެ ދެ މައްސަލައިގެ ޝަރީއަތް އަދި ކުރިއަށް ނުގެންދެއެވެ.

comment ކޮމެންޓް