ކުޑަ ކަމެއްކަމަށް ބެލިކަންތައް، އެންމެ ފަހުން ކެންސަރަށް!

އައިޝަތު ހަސަން، އަނގައިގެ ކެންސަރަށް ފަރުވާ ހޯދަނީ-- ސަން ފޮޓޯ: އާއިލާ

އެއީ މިއަހަރު ކުރީކޮޅެވެ. ލ.މާވަށު، ވައިޓްސުނޯ، އައިޝަތު ހަސަން، 56، އަށް ދިމާވި މައްސަލައަކީ އާދައިދެ މައްސަައެކެވެ. "ކޯ ހެފުނީ" އެވެ. އޭނާއެކަން މާބޮޑު ކަމަކަށް ނުހަދައެވެ. ނަމަވެސް އެކަން ކުޑަކަމަކަށްނުވިއެވެ.

"އަނގަ ހެފުނީމަ މަންމަމެން އެ އުމުރު މީހުން ނުހަދާނު އެކަން މާބޮޑު ކަމަކަށް، އެހެންވެ އަނގާގަ ޖަހާ ބޭހެއް ހުރެއެއްނޫންތޯ ބޮންޖެލާ، އެޖެހީ، ދެން އެކަން މާބޮޑު ކަމަކަށް ނުހަދާ ސިއްރުކޮށްގެން ހުރީ،" އައިޝަތުގެ ދެ ދަރިންގެ ތެރެއިން ހުސެއިން ހަބީބް ބުންޏެވެ.

ކުޑަކަމެއް ބޮޑުކަމަކަށް

ވާތު ކޮލުން ހެފުނު އެތަންކޮޅު ދުވަސްކޮޅަކުން ދުޅަވާން ފެށިއެވެ. އެއާއެކު ޑޮކްޓަރަށް ދެއްކުމުން ދިން ބޭހުން ދުޅަމަޑުވި ކަމަށާއި ނަމަވެސް ބޭސް ހުސްވުމާއެކު ދުޅަވާންފެށި ކަމަށް ހަބީބް ބުންޏެވެ.

"ދެން ގަމު ހޮސްޕިޓަލަށް ގެންދިޔައީމަ ފަޅާލީ، އޭރު ހުރީ ދޮސްލާފަ، އެހެންވެ މާލެ އައީ،" ހަބީބް ބުންޏެވެ.

އައިޝަތު ހަސަން، އަނގައިގެ ކެންސަރަށް ފަރުވާ ހޯދަނީ-- ސަން ފޮޓޯ: އާއިލާ

އައިޝަތުއަށް ފަރުވާ ދިނުމަށް އޭޕްރީލް މަހުވަނީ އިންޑިއާއަށް ގޮސްފައެވެ. އިތުރު ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން ދިނީ ހިތާމަވެރި ހަބަރެކެވެ. އެއީ އައިޝަތުގެ ކޯހެފުނު ތަނަށް ކެންސަރުޖެހިފައިވާ ކަމެވެ. މިހާރު އޭނާއަށް އަންނަނީ އަނގައިގެ ކެންސަރަށް އިންޑިއާއިން ފަރުވާ ދެމުންނެވެ.

އޭޕްރީލް މަހުން ފެށިގެން ޓުރެވަންޑުރަމްގައި އައިޝަތުއަށް ފަރުވާ ދެމުންދާއިރު މިހާރު ވަނީ މޫނުގެ ކެންސަރު ޖެހުނު ސަރަހައްދު އޮޕަރޭޝަން ކޮށް ކެންސަރުގެ އަސަރުކޮށްފައިވާ ހިސާބްތައް ނަގާފައެވެ. އެގޮތުން ވާތު ކޮލުން ހަތަރު ދަތާއި ބައެއް ސަރަހައްދުތައް ވަނީ ނަގާފައެވެ.

"މިހާރު މިދަނީ ރޭޑިއޭޝަން ދެމުން، އިރާދަކުރެއްވީތީ މަންމަގެ ހާލަތު އަންނަނީ ރަނގަޅުވަމުން ދުވަހުން ދުވަހުން،" ހަބީބް ބުންޏެވެ.

ދަތިކަމަކީ ފައިސާ

ފަރުވާއަށް އިންޑިއާގައި އަދިވެސް ތިބެން ޖެހެނީ ކިހާ ދުވަހަކު ކަމެއް ވެސް ނޭނގޭއިރު ކޮންމެ ދުވަހެއްގެ މައްޗަށް އަމިއްލަ އަތުން އެތައް ހަރަދެއް ކުރަންޖެހިފައިވުމަކީ މިހާރު އެއާއިލާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމެވެ.

"ހުންނަ ގެއަށް ދައްކަންޖެހެނީ 400 ދުވާލަކަށް، ތިން މީހުން މިތިބެނީ، އަދި އާންމުކޮށް ދުވާލަކަށް ހަރަދުވޭ 600 ވަރަކަށް ރުޕީސް، މަންމައަށް ނުވެއްކެވޭ، އެހެންވެ ޕުރޮޓީންސް ހުންނަ މޭވާތައް ދެނީ،" ހަބީބް ބުންޏެވެ.

ކޮންމެ އަކަސް އެއާއިލާއިން އެކުރާ ދަތުރަކީ ވަރަށް ބުރަ އެހާމެ ހިތްދަތި ދަތުރެކެވެ. އެއާއިލާގެ އެދުމަކީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއި ހެޔޮ ދުއާއެވެ.

އައިޝަތުއަށް އެހީތެރިވުމަށް

ނަމްބަރު: 919567896480+ ހަބީބް

ބީއެމްއެލް އެކައުންޓް ނަމްބަރު: ‎7707499880101 އާދަމް އަބްދުﷲ

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް