ހުއްދައާ ނުލައި މެނޭޖްމަންޓް އެގްރީމަންޓްތަކުގެ ދަށުން ރިސޯޓްތައް ހިންގޭ ގޮތް ހަދައިފި

ކ. ކަނުހުރާގައި ޖޯން ކީލްސްގެ ސިނަމަން ހޮޓެލްސްއިން ހިންގާ ސިނަމަން ދޮންވެލި މޯލްޑިވްސް --

ރިސޯޓު ހިންގުމަށް ހަވާލުކުރާއިރު ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި، މެނޭޖްމަންޓް އެގްރީމަންޓްތަކުގެ ދަށުން ރިސޯޓްތައް ހިންގަން ހަވާލުކުރެވޭ ގޮތަށް ރިސޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އާ ގަވާއިދަށް އިތުރު މާއްދާއެއް އިތުރުކޮށް، މިއަދުން ފެށިގެން އެގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު އަލަށް އިތުރު ކުރި މާއްދާގައި ވަނީ މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި ހަދާފައިވާ ރިސޯޓް މެނޭޖްމަންޓް އެގްރީމެންޓްތައް ވެސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެ ކަމަށެވެ. އެކަމަކު އެފަދަ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމައެވެ.

ރިސޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން މެނޭޖްމަންޓް އެގްރީމެންޓެއްގެ ދަށުން އެއްވެސް ރިސޯޓެއް ހިންގަން އެއްވެސް ފަރާތަކާ ހަވާލުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުއެވެ.

މިއަދު ގެޒެޓު ކުރި އެ އިސްލާހުގައި ވަނީ އެ ރިސޯޓެއްގެ މެނޭޖްމަންޓް އެގްރިމެންޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ދުވަހާ ހަމައަށް އެ އެގްރިމެންޓާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލުމަށް މިނިސްޓްރީއާ އެކު ސޮއި ކުރަން ޖެހޭނެ ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި 4،000 ޑޮލަރު ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް