ގައުމުދެކެ ލޯބިވާ މީހަކު ނަމަ ދިވެހި ސިފައިންގެ މަސައްކަތަށް އުފާކުރާނެ: އާދަމް ޝަރީފް

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކުގެ ރިވިއު މީޑިއާތަކާ ހިއްސާކުރުމަށް މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ގައުމުދެކެ ލޯބިވާ މީހަކު ނަމަ ދިވެހި ސިފައިންގެ މަސައްކަތަށް އުފާ ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކުގެ ރިވިއު މީޑިއާތަކާ ހިއްސާކުރުމަށް މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމު އާރާސްތު ކުރުމުގައި ތާރީހީ ގޮތުން ބަލާއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބައެއް ކަމަށެވެ.

އަދި މިއަދު ވެސް ދިވެހި ސިފައިން ދަނީ ގައުމު ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަސްކަރިއްޔާއާށް ހިދުމަތް ކުރުމުގައި، ކަންކަން މަގުފަހިކޮށްދިނުމުގައި އަދި އަސްކަރިއްޔާ އަށް ވަސީލަތްތައް ހޯދައި ދެވޭކަން އެއީ އަޅުގަނޑަށް ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީސް ތަކުގެ ރިވިއު މީޑިއާތަކާ ހިއްސާކުރުމަށް މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު --- ސަންފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ވަޒީރެއްގެ ހައިސިއްޔަތުން އަދި ޑިފެންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މީހެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އެ ވާޖިބުތައް އަދާ ކުރުމުގައި ގާނޫނުން ލިބިދީފައިވާ ހުރިހާ އިހުތިޔާރުތަކެއް ވެސް ބޭނުން ކުރަމުން ދާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހު ހިނގަމުންދާ ގޮތަށް ރިއާޔަތްކުރާ ނަމަ ވެރިކަމުގެ ދައުރުގެ ފަހުކޮޅަށް ދާއިރު ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމަކީ "ރާއްޖޭގެ ސިޔާސީ ތޮބީއަތުގައި ހިމެނިފައިވާ ކަމެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި އަސްކަރިއްޔާ އިން މަސައްކަތް ކުރަން ޖެހޭނީ އަބަދުވެސް މި ދެންނެވި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ގައުމުގެ ސިޔާސީ މަސައްލަހަތު ހިފެހެއްޓުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރުތެރޭ ސިފައިން ހިންގާފައިވާ އެކި އެކި އިޖުތިމާއީ ހަރަކާތްތަކާ ބެހޭ މައުލޫމާތު ވަނި ދެއްވާފައިފަ އެވެ.

comment ކޮމެންޓް