ދިލިޕް ކުމާރު އަނެއްކާ ވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދޭން ފަށައިފި

ބޮލީވުޑްގެ "ޓްރެޖެޑީ ކިންގް"، ދިލިޕް ކުމާރު އަނެއްކާ ވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.

އިއްޔެ ރޭގެ ވަގުތެއްގައި މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ދިލިޕް ކުމާރު އެޑްމިޓްކޮށްފައި ވަނީ ހަށިގަނޑުން މާބޮޑަށް ފެން މަދުވުމުގެ ސަބަބުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަމަވެސް ދިލިޕްގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ދެ ދުވަހެއް ވަރު ވަންދެން ހުން ނުފިލާ އުޅުމަށް ފަހު ކަމަށް އާއިލާ އިން ބުންޏެވެ. އަދި ދެ ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭނެ އެވެ.

އުމުރުން 94 އަހަރުގެ ދިލިޕް ކުމާރުގެ ސިއްހީ ހާލު ގޯސްވެ، ދޭތެރެއަކުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެ އެވެ. އެގޮތުން އޭނާގެ 94 ވަނަ އުފަންދުވަސް ވެސް ފާހަގަ ކޮށްފައި ވަނީ ހޮސްޕިޓަލުގަ އެވެ.

ދިލިޕް ކުމާރު ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 1998 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގިލާ' އިންނެވެ.

ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާއަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެ އެވެ.

އަދި 60 އަހަރަށް ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި ދިލިޕް ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފަ އެވެ. އޭނާއަކީ މިހާރު ވެސް ފިލްމްފެއާ ބެސްޓް އެކްޓާ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.

comment ކޮމެންޓް