ކުނި ބަލާ ނުދެވެނީ ހިދުމަތަށް އެދިފައިވާ ފަރާތްތަކާ ނުގުޅޭތީ: ވެމްކޯ

ވެމްކޯ އާއި އެންވައިރިމެންޓް މިނިސްޓްރީ ގުޅިގެން މިއަދު އެންވައިރުމެންޓް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ކުނި ނެގުމަށް ނުދެވެނީ އެ ފަރާތްތަކުން ދީފައިހުރި ކޮންޓެކްޓް ނަމްބަރާ ނުގުޅިގެން ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯ އާ އެންވަޔަރަންމެންޓް މިނިސްޓްރީ ގުޅިގެން މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ ބައެއް ފަރާތްތަކުން ދީފައި ހުރި ނަމްބަރުތަކާ ނުގުޅުމުގެ ސަބަބުން އެގެތަކުން ކުނި ނެގުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

"އެޕްލިކޭޝަންތަކުގައި މައްސަލަ ޖެހިގެން އަޅުގަނޑުމެނަށް ކޮންޓެކްޓް ނުކުރެވިގެން އެބަހުރި ބައެއް އެޕްލިކޭޝަންތައް. އެވެސް އެކިގޮތްގަތަށް ދިރާގު ޑައިރެކްޓްރީންނާ އެކިގޮތްގޮތަށް ބަލާފައި ކޮންޓެކްޓް ކުރަމުން މިހާރު ވެސް މިދަނީ،" ޝިފާއު ވިދާޅުވިއެވެ.

މުޅި މާލޭގެ ހުރިހާ ހިސާބަކުން ކުނި އެއްކުރުމުގައި 100 އަށް ވުރެން ގިނަ ޓީމް ހަރަކާތްތެރިވާނެ ކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ މިވަގުތަށް އެ ޓީމްތަކުން ކުނި ނެގުމުގައި އެއްވެސް އުދަގުލެއް ނެތި ކުރިއަށް ދެވޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ ކުނީގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ވެމްކޯއިން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެފަދަ ހިދުމަތެއް މުޅިން އަލަށް ފަށާފައިވާއިރު ހިދުމަތުގެ ކުރީކޮޅުގައި ކޮންމެ ވެސް ވަރެއްގެ ބުރޫއެރުންތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ވެމްކޯއަށް ވެސް އަންގައިގެން މި މަސަތްކަތް ކުރަނީ ނަމްބަރުތަކާ ނުގުޅުނު ނަމަވެސް އެޑްރެސް ހުރެއްޖެ ނަމަ އެ ގެއަކަށް ގޮސްގެން މީޓްކޮށްގެން ނަމަވެސް ހައްލުކުރެވޭތޯ،" ޠާރިޤު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި އޮތީ ވެމްކޯގެ ނަންބަރަށް ނުގުޅޭ މައްސަލަ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިން އަށް ކޯލް ސެންޓަރުން ދެމުން އައި ހިދުމަތް 60 އަށް އިތުރުކުރުމުގެ މަސަތްކަތް ފެށިގެން ކުރިއަށް ދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް 12266 ގޭ ބިސީއަކުން ކުނި އުކާލުމަށް ރަޖިސްޓްރީ ވެފައިވާ ކަމަށާއި އޮންލައިންކޮށް ވެސް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޔަގީންކަން އަރުވަން މިސާވިސް އަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދާ ގޮތަށް ގެންދާ ކަމުގައިވަނީ ނަމަ ސްޓޭޓް އޮފް ދި އާޓް އިކްއިޕްމެންޓް ބޭނުންކޮށްގެން ބޭރު ތަންތަނުގައި މިކަންތައްތައް ކުރާ ގޮތަށް ބަރާބަރަށް ރައްޔިތުންނަށް ދޭންޖެހޭ އިންފޮމޭޝަންތައް ދީގެން ކުރިއަށް ގެންދެވޭނެ ކަން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް