ބޮއިންގް 777 މަރުކާގެ ބޯޓްގެ އެންމެ ހަގު ޕައިލެޓަކަށް އިންޑިއާގެ ޒުވާނެއް!

ބޮއިންގް 777 މަރުކާގެ ފްލައިޓް ކެޕްޓަނުން ތެރެއިން ދުނިޔޭގެ އެންމެ ހަގު ޕައިލެޓް އަނީ ދިވްޔާ --- ފޮޓޯ؛ ސީއެންއެން ޓްރެވަލް

އޭވިއޭޝަން ނުވަތަ ވައިގެ ދަތުރުކުރުމުގެ ދާއިރާގައި އަންހެންވެރިންނަށް އޮންނަ ފުރުޞަތުތައް ބައެއް ފަހަރު ހަނިވެފައި ދިމާވާ ގޮންޖެހުންތައް ވަރަށް ގިނަ އެވެ. ނަމަވެސް އިންޑިއާ އަށް ނިސްބަތްވާ އަންހެން ޕައިލެޓެއް މިވަނީ މިދާއިރާ އިން އެންމެންގެ ސަމާލުކަން ހޯދައިފަ އެވެ.

އުމުރުން 30 އަހަރުގެ އަނީ ދިވްޔާއަކީ މިވަގުތު ބޮއިންގް 777 މަރުކާގެ ފްލައިޓްތައް ދުއްވާ ޕައިލެޓުންގެ ތެރެއިން ދުނިޔޭގެ އެންމެ ހަގު ޕައިލެޓެވެ. އަދި އެއާ އިންޑިއާގެ އިސް މަގާމެއް ވެސް ފުރަމުންގެންދާ ފަރާތެކެވެ.

"ކުޑައިރުއްސުރެ ވެސް އަހަރެން ބޭނުންވީ ޕައިލެޓަކަށް ވާން، އެކަމަކު އަހަރެންގެ އާއިލާއަކު ވެސް އަދި ދަންނަ މީހުންގެ ތެރެއަކު ވެސް ނެތް މިދާއިރާއާ ބެހޭ ގޮތުން މައުލޫމާތާއި އެޑްވައިސް ދޭނެ އެއްވެސް މީހަކު. އެކަމަކު ވެސް އަހަރެން ބޭނުންވީ އުދުހެން،" ސީއެންއެން ޓްރެވަލް އަށް ދިން އިންޓަވިއުއެއްގައި ދިވްޔާ ބުންޏެވެ.

ކުޑައިރުންސުރެ ޕައިލެޓަކަށް ވުމަށް ކުރެވުނު އުންމީދު ހަގީގަތަށް ވުމަށް މަގުފަހިވީ ދިވްޔާގެ ރައްޓެއްސެއް ފޮނުވި އިޝްތިހާރަކުން ކަމަށް އޭނާ ބުންޏެވެ. އަދި އެފުރުޞަތުގެ ބޭނުންހިފައި ފްލައިންގް އެކަޑަމީއަކަށް އޭނާ ވަނެވެ.

ކޯހަށް ހޮވުމުން އޭނާގެ އުފަން އަވަށް ވިޖަޔަވާޅާ އިން ދަތުރު ފެށީ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސިޓީ، އުއްތަރު ޕްރަދޭޝްއަށެވެ. މިހާ ހިސާބުން، ދިވްޔާއަށް އެތައް ބައިވަރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް އެތަނުގެ ސަގާފަތާއި އާދަކާދަތައްވީ ވަރަށް އާކަމަކަށް. އަދި އެތަނުގައި އެންމެން ބޭނުންކުރަމުން ދިޔަ ބަހަށް ފަރިތަވާން ވެސް ގިނަ ދުވަސްތަށް ނެގި. ކޯހުގައި އަހަރެންނާ އެކު ކިޔަވަން އުޅުނު އެހެން ކުދިންނަކީ އޭވިއޭޝަންގެ ތަމްރީނު ކޮންމެސްވަރަކަށް ހޯދައިގެން އަދި އެމީހުންގެ އާއިލާގައި އެފަދަ މީހުން ތިބި ކުދިން. އެކަމަކު އަހަރެންނަށް މިހުރިހާ ކަމެއް ވެސް ވީވަރަށް އާ ކަމަކަށް،" ދިވްޔާ އޭނާގެ ޕައިލެޓް ކެރިއަރުގެ ބިންގާ އެޅިދުވަސްވަރުގެ ވާހަކަ ކިޔައިދިނެވެ.

ދިވްޔާ ހާމަކުރާ ގޮތުގައި އޭނާގެ ކާމިޔާބީގެ ފަހަތުގައި އޮތީ އޭނާގެ އާއިލާގެ ފުރިހަމަ އެއްބާރުލުމެވެ.

އެއާ އިންޑިއާގައި ވަޒީފާ އަދާކުރާތާ 10 އަހަރުވެފައިވާ ބޮއިންގް 777 މަރުކާގެ ފްލައިޓް ކެޕްޓަނުން ތެރެއިން ދުނިޔެއިން އެންމެ ހަގު ކެޕްޓަން --- ފޮޓޯ: ސީއެންއެން ޓްރެވަލް

"އަހަރެންގެ މައިންބަފައިން އަހަންނަށް މިކަމުގައި ވަރަށް ބޮޑަށް އެއްބާރުލުން ދިން، ކޯސް ފުރިހަމަކުރުމުގައި ފުދޭވަރަކަށް ޚަރަދުކުރަން ޖެހުނު. އޭރު އާއިލާގެ މާލީ ހާލަތު ވެސް އެހާ ރަނގަޅަކަށް ނޫން އޮތީ. އެކަމަކު އަހަރެންނަށް މިހާ ހިސާބަށް މިއާދެވުނީ އެދެމީހުންގެ އެއްބާރުލުމުގެ ސަބަބުން،" ދިވްޔާ ބުންޏެވެ.

އުމުރުން 17 އަހަރުގައި ފެށި ޓްރެއިނިންގް ދިވްޔާގެ އުމުރުން 19 އަހަރުގައި ފުރިހަމަކޮށް އެއާ އިންޑިއާ އިން ވަޒީފާގެ ފުރުޞަތު ހޯދި އެވެ. ވަޒީފާގެ މާހައުލުގައި އެތަކެއް ބައިވަރު އެއްޗެހި ދަސްވި ކަމަށާއި އަދި ސްޕޭނަށް އިތުރު ތަމްރީނު ހޯދުމަށް ގޮސް އެކަން ފުރިހަމަ ކުރުމަށް ފަހު އިންޓަނޭޝަނަލް ފްލައިޓްގައި ޕައިލެޓްކަން ކުރާތާ 10 އަހަރު ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ދިވްޔާއަށް އަދިވެސް އޭނާއަކީ އަންހެނަކަށް ވުމުން މިދާއިރާގައި އުޅޭ އިރު ހައިރާނުގެ ލޯތައް އަމާޒުވާ ކަމަށާއި އެކަންް އެއީ ފަހަރުގައި ދުވަހަކު ވެސް ނުހުއްޓޭނެ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

"ފްލައިޓްތަކުގައި ދަތުރުކުރާ އިރު މީހުން އެބައަހާ މިފްލައިޓްގެ ކޮމާންޑަރަކީ އަހަރެންޙޭ، އެކަމަކު ތިއީ ޅައަންހެން ކުއްޖެއް ނޫންހޭ މިވަރުގެ ބޮޑު ފްލައިޓެއްގެ ޕައިލެޓްކަން ކުރަން،" މިދާއިރާގައި 10 އަހަރުވީ އިރު ވެސް އަދިވެސް ކުރިމަތިވާ ސުވާލަކާ ބެހޭ ގޮތުން ދިވްޔާ ވާހަކަ ދެއްކި އެވެ.

ކުރިޔަށް އޮތް މުސްތަގުބަލުގައި މިހާރު ޕައިލެޓްކަން ކުރަމުން ގެންދާ ފްލައިޓުތަކަށް ވުރެ ބޮޑެތި ނުވަތަ ޓެކްނޮލޮޖީގެ ގޮތުން ވަރުގަދަ ފްލައިޓްތަކުގެ ޕައިލެޓްކަން ކުރުމަށް ވިސްނުން ހުރިކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތްކުރަމުން ދާކަމަށް އަނީ ދިވްޔާ ބުންޏެވެ.

comment ކޮމެންޓް