Sun Online
އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާންދީ
އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާންދީ

ހަރުކަށި ހިންދޫންގެ ސިޔާސަތާ އެކު ގާންދީގެ ނަން އިންޑިއާގައި ފަނޑުކޮށްލަނީ

މުހައްމަދު އައުޒަމް
ލިޔުނީމުހައްމަދު އައުޒަމް

މަހާތުމާ ގާންދީއޭ ބުނެފި ނަމަ އޭނާއަކީ ކާކުކަން ނޭނގޭ މީހަކު މުޅި ދުނިޔޭގައި ވެސް މަދުވާނެ އެވެ. ގާންދީއަކީ އިންޑިއާގެ މިނިވަން ކަމުގެ ބާނީ އެވެ. އިނގިރޭސިންގެ އަތް ދަށުން އިންޑިއާ މިނިވަން ކުރުމުގައި ގާންދީ ގެންގުޅުއްވި ސުލްހަވެރި ނުވަތަ "ނޮން ވައިލަންސް" ސިޔާސަތުތަކުގެ ސަބަބުން ގިނަ ބައެއްގެ ހިތުގައި ގާންދީ އަށް ދީފައި ވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ.

ނަމަވެސް ގާންދީއަށް ނަފުރަތުކުރާ މީހުން ވެސް އިންޑިއާގައި ގިނަ އެވެ. ހާއްސާކޮށް އިންޑިއާގެ ހަރުކަށި ހިންދޫން ނުވަތަ އާރުއެސްއެސްގެ ފިކުރަށް ތާއިދުކުރާ މީހުން ފާހަގަ ކޮށްލެވެ އެވެ. ގާންދީ އަވަހާރަ ކޮށްލުމުގައި ވެސް އާރުއެސްއެސްގެ ވަރަށް ބޮޑު ރޯލެއްވެ އެވެ. އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ވެސް އާރުއެސްއެސްއަށް ނިސްބަތްވާ ބޭފުޅެކެވެ.

ހަރުކަށި ހިންދޫން ނުވަތަ އާރުއެސްއެސްގެ ފިކުރަކީ ދާދި ފަހުން އިރާގުގައި ގާއިމްކުރެވުނު އިސްލާމިކްސްޓޭޓް އާ ދާދި އެއްކަހަލަ ފިކުރެކެވެ. އައިއެސްއެކޭ އެއްގޮތަށް އާރުއެސްއެސް އިން ބޭނުން ވަނީ އިންޑިއާއަކީ ހަމައެކަނި ޙިންދޫންގެ ގައުމަކަށް ހަދާށެވެ. އަދި އިންޑިއާގައި މިހާރު ބޭނުންކުރާ ގާނޫނުގެ ބަދަލުގައި ހިންދޫންގެ މުގައްދަސް ފޮތެއް ކަމަށްވާ "މަނުސްމިރިތީ" މައްޗަށް ބިނާކޮށް ގާނޫނު އަސާސީ ހެދުމަކީ ވެސް އާރުއެސްއެސްއެސް އިން ދެކޭ ހުވަފެނެކެވެ.

މުސްލިމުން ވަނީ އިންޑިއާގައި ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ވެރިކަން ކޮށްފަ އެވެ. އިސްލާމީ ވެރިކަން އިންޑިއާގައި ފެށުމަށް ފަހު އިންޑިއާގެ ދަށްފަންތީގެ ވަރަށް ގިނަ ހިންދޫން އިސްލާމްދީން ގަބޫލުކުރި އެވެ. އެއީ މަތީފަންތީންގެ ހިންދޫން ނުވަތަ ބްރަހަމިންގެ މީހުންގެ ފަރާތުން ދަށްފަންތީންގެ ހިންދޫންނާ މެދު ގެންގުޅޭ އަނިޔާވެރިކަމުން ސަލާމަތްކަން ހޯދުމަށެވެ. އާރުއެސްއެސް އިން މުސްލިމުންނާ މެދު ދެކެނީ އިންޑިއާ ލޫޓުވައިލައި ގައުމަށް ގައްދާރުވީ ބައެއްގެ ގޮތުގަ އެވެ.

މިއަހަރު ވެސް ހިންދޫންގެ ދަށް ފަންތީގެ އެތައް ބަޔަކު ވަނީ އެމީހުންނަށް ކުރާ އަނިޔާތަކާ ދެކޮޅުހެދުމުގެ ގޮތުން، ބުދުދީން ނުވަތަ އިސްލާމްދީނަށް ވަންނާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މޯދީ ވަރިކަމަށް ވަޑައިގެންނެވުމަށް ފަހު އިންޑިއާއަށް ދަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މޯދީގެ މުޅި ސިޔާސަތު ބިނާވެފައި އޮންނަނީ ހަރުކަށި ހިންދޫންގެ ފިކުރަށެވެ. އިންޑިއާގެ ދަށް ފަންތީގެ ހިންދޫން ނުވަތަ ދަލިތު މީހުންނާއި އަދި މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

ދާދި ފަހުން އުއްތަރު ޕްރަދޭޝްގެ ސްކޫލުތަކުގެ ޓެކްސްޓް ފޮތެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރު ކުރި ފޮތުގައި ގާންދީއަކީ ކާކުކަން ވެސް ރަނގަޅަށް ބުނެދީފައި ނުވެ އެވެ. އިިންޑިއާގެ ތާރީހާ ބޭހޭ އާންމު މައުލޫމާތު ހިމެނޭ ގޮތަށް ނެރެފައިވާ އެ ފޮތުގައި އިންޑިއާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތުތަކުގެ ގޮތުގައި ގާންދީގެ ނަން ނުވެސް ހިމެނެ އެވެ. އަދި ގާންދީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން އިންޑިއާ މިނިވަން ކުރުމަށް ކުރެއްވި މަސައްކަތަށް އެއްވެސް ވަރަކަށް އަލިއަޅުވައި ލައިފައެއް ނުވެ އެވެ.

އާރުއެސްއެސްއާ ހިލާފާށް މަހާތުމާ ގާންދީ އަބަދުވެސް އިސްކުރެއްވީ ގައުމުގެ ހަމަޖެހުމަށެވެ. އަދި އިންޑިއާ އަކީ ތަފާތު ދީންތަކަކަށް ނިސްބަތްވާ ގައުމަކަށް ވާތީވެ ދީނީ ހަމަނުޖެހުންތަކެއް ފެށިއްޖެ ނަމަ ކަންތައްތައް ވާނޭ ގޮތް ގާންދީއަށް އެނގެ އެވެ. ގެރިމަހުގެ މައްސަލާގައި ވެސް ގާންދީ ވިދާޅުވީ މިހެންނެވެ.

"އަހަރެން މިގައުމުގައި ގެރި ކަތިލުން މަނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ގައުމުގައި އުޅެނީ ހަމައެކަނި ހިންދޫން އެކަންޏެއް ނޫން. މިގައުމުގައި އެބައުޅޭ މުސްލިމުންނާއި، ނަސާރާއިންނާއި ފާރިސީން ވެސް،" ގާންދީ ވިދާޅުވި އެވެ.

މޯދީގެ ސިޔާސަތުތައް ހުރީ ހުރިހާ ގޮތަކުން ވެސް ގައުމު ބައިބައިވާނެފަދަ ގޮތަށެވެ. ގިނަ ސިޔާސީ މާހިރުން އެއްބަސްވާ ގޮތުގައި މޯދީ ބޭނުން ވަނީ އެންމެ އިހުގެ އިންޑިއާގެ "ރަންޒަމާން" އަނބުރާ އިޔާދަ ކުރާށެވެ. އެގޮތުން މޯދީގެ ވެރިކަމުގައި ގެރިއަށް އިންސާނުންނަށް ނުދޭހާ ސަމާލުކަންދެ އެވެ. ގަދީމީ އިންޑިއާގައި ވާހަކަ ދައްކައި އުޅުނު ސާންސްކްޜިޓް ބަސް އަލުން އާލާކުރުމަކީ ވެސް މޯދީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އޭގެ އިތުރުން އިންޑިއާގެ ހީންދޫންގެ އެންމެ މުގައްދަސް ގަންގާ ކޯރު ސާފު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށް މޯދީ ވިދާޅުވި އެވެ. މިއަހަރު ފެށުނު ތަނާހެން މޯދީ ވަނީ ހިންދޫންގެ ޝިވާކަލާނގެ ކަމަށް ބުނެ ސޫރަ ކަނޑައިފައިވާ 112 ފޫޓްގެ ބުދެއް އިންޑިއާގެ ކޮއިންބަތޫރުގައި ބަހައްޓައިފަ އެވެ.

އަލަށް ތައްޔާރު ކުރި ޓެކްސްޓް ފޮތުގައި "އިންޑިއާގެ ފުރަތަމަ" ނަމުގައި ލިޔެފައިވާ ބާބުގައި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރްލާލް ނެހެރޫ ވެސް ހިމަނައިފައެއް ނުވެ އެވެ. ނެހެރޫ އަކީ ވެސް ގާންދީ ފަދައިން އާރުއެސްއެސް އިން ނަފްރަތުކުރާ ބޭފުޅެކެވެ.

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހެރޫ

ގާންދީ ފަދަ މުހިންމު ފަރާތަތައް މި ފޮތުގައި ނުހިމެނޭ އިރު ބީޖޭޕީއަށް ނިސްބަތްވާ ޕަންޑިތު ދީންދަޔާލް އަދި ޝިޔާމާ ޕްރަސާދު މުކަރުޖީ ފަދަ ފަރާތްތައް އިންޑިއާގެ އެންމެ ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތުތަކުގެ ގޮތުގައި ދައްކަން ވަރަށް ރީއްޗަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ހަގީގަތުގައި މިއީ އިންޑިއާއަށް މިނިވަންކަން ހޯދުމަށް މާބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންނެއް ނޫނެވެ.

އެފޮތުގެ މައްސަލާގައި އިންޑިއާގެ ކޮންގްރެސް ޕާޓީން ވަނީ މޯދީގެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

"ގާންދީ ފަދަ ބޭފުޅުން ގައުމަށް ކޮށްދެއްވި މަސައްކަތް އެއްވެސް ވަރަކަށް ބަލައިނުގަނެ އިންޑިއާގެ ތާރީހު އޮޅުވާލުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ބޮޑު މައްސަލައެއް،" ކޮންގްރެސްގެ ލީޑަރު އާރުޕީއެން ސިންގް ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއާގައި ކުރިން ވެރިކަން ކުރި މުގަލް މުސްލިމު ރަސްކަލަކާ ދެކޮޅަށް ވެސް ވާހަކަތައް ލިޔެފެއިވެ އެވެ.

އިންޑިއާގައި ކުރިން ރަސްކަން ކުރެއްވި މުގަލް ރަސްކަލެއް ކަމަށްވާ ޕަދީޝަހް އަކްބަރު ދަގްރޭޓް. އަލަށް ނެރުނު ފޮތުގައި މުގަލް ރަސްކަލުންނަކީ އެގައުމު އިސްތިއުމާރުކޮށް އެގައުމުގެ ސަގާފަތް ނައްތާލިކަމުގައި ބުނެފައިވޭ
×
DB released.