ޕްރިންސް ފިލިޕްގެ އެންމެ ފަހުގެ ޝާހީ މަސްއޫލިއްޔަތު މިއަދު!

އިނގިރޭސި ރާނީ އެލިޒަބެތު އަދި ފިރިކަލުން ޕްރިންސް ފިލިޕް ---

އިނގިރޭސި ރާނީ އެލިބަތަޒުގެ ފިރިކަލުން، ޑޫކް އޮފް އެޑިންބަރަ ޕްރިންސް ފިލިޕްގެ އުމުރުފުޅުން މިހާރު 96 އަހަރު ފުރިއްޖެއެވެ. ދޮށީ އުމުރުފުޅާ އެކު ގައިކޮޅުގެ ހާލުވެސް ދަނީ ދެރަވަމުންނެވެ.

ޕްރިންސް ފިލިޕް ރިޓަޔަރ ކުރައްވާނެކަން މިއަހަރުގެ މެއި މަހު ވަނީ އިއުލާން ކުރައްވައިފައެވެ. ރަނިކަމުގައި 65 އަހަރު ރެދަލިކުރައްވަމުން ގެންދަވާ ރާނީ އެލިޒަބެތަށް އެހީތެރިވެދީ، އެކަމަނާއާ އެކު ޝާހީ އެކިއެކި ހަފްލާތަކަށް ވަޑައިގެންފިއެވެ.

ޕްރިންސް ފިލިޕްގެ ރިޓަޔަމެންޓް އިއުލާން ކުރައްވާފައިވާ އިރު، އެމަނިކުފާނުގެ އެންމެ ފަހު ޝާހީ މަސްއޫލިއްޔަތު މިއަދު ފުރިހަމަކުރައްވާނެއެވެ. އެއީ ޗެރިޓީ ހަރަކާތެއްގެ ގޮތުގައި 1،664 މޭލުގެ ހިނގުމެއް ފުރިހަމަކުރި އިނގިރޭސި ރޯޔަލް މެރީންސްގެ އޮފިސަރުންތަކަކާ އެކު ބާއްވާ ބައްދަލުވުމެކެވެ. މި ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ރޯޔަލް މެރީންސްގެ ކެޕްޓަން ޖެނެރަލްގެ ހައިސިއްޔަތުންނެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕްރިންސް ފިލިޕް ރިޓަޔަރ ކުރައްވާނެއެވެ. ރިޓަޔަރ ކުރެއްވި ނަމަވެސް، ބައެއް ހަރަކާތްތަކުގައި ރާނީ އެލިޒަބެތާ އެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންފާނެ ކަމަށް ބަކިންގްހަމް ޕެލެސްއިން ބުންޏެވެ.

ޕްރިންސް ފިލިޕް ރިޓަޔަރ ކުރައްވާ ނަމަވެސް، ރާނީ އެލިޒަބެތު އެކަމަނާގެ ރަސްމީ މަސައްކަތްތައް ކުރައްވާނެކަމަށް ބަކިންގްހަމް ޕެލެސްއިން ބުނެއެވެ.

ޕްރިންސް ފިލިޕްއާއި ރާނީ އެލިޒަބެތު ކައިވެނި ބައްލަވައިގަތީ މީގެ 70 އަހަރު ކުރިން، 1947 ވަނަ އަހަރުއެވެ. އެދެކަނބަލުންނަކީ އިނގިރޭސި ރާނީ ވިކްޓޯރިއާ، އަދި ޑެންމާކްގެ ކުރީގެ ރަސްގެފާނު ކްރިސްޓިއަން (ނުވަވަނަ)އާ ހަމައިން އާއިލީ ބޭފުޅުންނެވެ.

ރާނީ އެލިޒަބެތާއި ޕްރިންސް ފިލިޕްގެ ހަތަރު ބޭފުޅުން ތިއްބަވައެވެ. އެއީ ވަލީއަހުދު ޕްރިންސް ޗާލްސް، ޕްރިންސެސް އޭން، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވަޑެވެ.

comment ކޮމެންޓް