މެސީއަށް ދެނީ ލިބެން ޖެހޭވަރަށް ވުރެ މާ ބޮޑު މުސާރައެއް!

މެސީ ވަނީ ސްޕެއިންގެ އައްސޭރިފަށުން 26 މިލިއަން ޕައުންޑުގެ އަގުބޮޑު ލަގްޜަރީ ހޮޓަލެއް ގަނެފައި -- ފޮޓޯ: މިރާ

ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަކީ، މުޅި ދުނިޔޭން ވެސް، ލިބޭން ޖެހޭވަރަށް ވުރެ އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް، ''ދަ އިންޓަނޭޝަނަލް ޖާނަލް އޮފް ކޮމްޕިއުޓަރ ސައިންސް އިން ސްޕޯޓްސް" (އައިޖޭސީއެސްއެސް) އިން ހާމަކޮށްފިއެވެ.

މިހާތަނަށް ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ، ވަނީ އޭނާ ބާސާއާ ގުޅުނު ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަށްއަށް އެ ކްލަބަށް އެތަކެއް ކާމިޔާބީތަކެއް ހޯދައިދީ، ފުޓްބޯޅައިގެ ގިނަ ރެކޯޑްތަކެއްވެސް ގާއިމުކޮށްފައެވެ.

ޔޫރަޕްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި މެސީ ވަނީ ވަރަށް ފަހުން ބާސާއާއެކު އެއްބަސްވުން އާކޮށްފައެވެ. އެހެން ނަމަވެސް އައިޖޭސީއެސްއެސް އިން ހާމަކޮށްފައިވާ ގޮތުގައި ބާސާއިން މެސީއަށް މިހާރު ކުރާ ހޭދައާ އެއްވަރުގެ ބަދަލެއް އޭނާގެ ފަރާތުން އެ ކްލަބަކަށް ނުލިބޭނެއެވެ.

އައިޖޭސީއެސްއެސް އިން ވަނީ، ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރީންގެ މުސާރައާއި، އެ ކުޅުންތެރީންގެ ކުޅުމުގެ ހުނަރަށް ބަލާފައި ދިރާސާއެއްކޮށްފައެވެ. އެގޮތުން މި ދިރާސާގައި މައުލޫމާތު އެއްކޮށްފައިވަނީ، 2016 ވަނަ އަހަރަށް ބިނާކޮށެވެ.

މައުލޫމާތު އެއްކުރުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ކުޅުންތެރީންގެ އުމުރު، ކުޅޭ ކްލަބު، ކުޅޭ މަގާމު ފަދަ ކަންކަން ހިމަނާފައިވެއެވެ. އަދި މި މައުލޫމާތުތައް ހިމަނައިގެން، ހާއްސަ އަލްގޮރިދަމެއްގެ އެހީގައި، ކޮންމެ ކުޅުންތެރިއެއްގެ ވެސް ހަގީގީ އަގު ދެނެގަނެއެވެ. އަދި އެގޮތުން ހައްގު ނުވާވަރުގެ ބޮޑެތި މުސާރަ ލިބޭ ކުޅުންތެރީންގެ ލިސްޓެއް ތައްޔާރުކުރެއެވެ.

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ --

އައިޖޭސީއެސްއެސްގެ ދިރާސާއިން ދައްކާ ގޮތުގައި މެސީގެ ނަން އަންނަނީ އެ ލިސްޓުގެ އެންމެ ކުރިއަށެވެ. ބާސާއިން މެސީއަށް ހަފްތާއެއްގެ މައްޗަށް ހޭދަކުރާ އުޖޫރައަކީ 550,000 ޔޫރޯކަމަށް ވާއިރު، އައިޖޭސީއެސްއެސްގެ ސޮފްޓްވެއާއިން ބުނަނީ، މެސީއަށް އަސްލު ލިބޭންޖެހޭނީ ހަފްތާއަކަށް 320,000 ޔޫރޯއަށްވުރެ ދަށް އުޖޫރައެއް ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ކުޅުންތެރިއެއްގެ މުސާރައަކީ އޭނާގެ ޕާފޮމަންސާއި ހުނަރަށް އެކަނި ބަލާފައި ކަނޑައަޅާ އެއްޗެއް ނޫނެވެ. ކުޅުންތެރިޔާގެ މަޝްހޫރުކަމާއި، ފޭނުންގެ ފަރާތުން އޭނާއަށް ހުންނަ ޝައުގުވެރިކަންވެސް މިއީ މުސާރަ ކަނޑައެޅުމުގައި ބަލާ ކަންތައްތަކެވެ.

ޔޫރަޕްގައި ކުޅޭ ފުޓްބޯޅަ ކުޅުންތެރީންގެ މުސާރައާ ގުޅޭގޮތުން އަލަށް ހެދި ދިރާސާގައި، ލިބެން ޖެހޭވަރަށްވުރެ ބޮޑު މުސާރައެއް މެސީއަށް ލިބޭކަމަށް އޮތް ނަމަވެސް، އެ ދިރާސާއިން ހާމަވާގޮތުން، އެންމެ ބޮޑު މުސާރައެއް ލިބޭން ޖެހޭ ކުޅުންތެރިޔަކީވެސް އޭނާއެވެ. ނަމަވެސް މިހާރު ބާސާއިން އޭނާއަށް ދޭ ބޮޑު މުސާރައަކީ ނުބައްދަލު، އަދި ކްލަބަށް އެއިން ފައިދާއެއް ލިބޭނޭ ވަރަށް ވުރެ ބޮޑު މުސާރައެއްކަމަށް އެ ދިރާސާއިން ދައްކައެވެ.

މެސީގެ ފުޓްބޯޅައިގެ ހުނަރާއި ގާބިލްކަމުގެ ސަބަބުން އޭނާ ވަނީ، ވާދަވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ދުނިޔޭގެ އެންމެ މުއްސަނދި އެތުލީޓުންގެ ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދައިފައެވެ.

ކުޅުންތެރީންނާ ނުބައްދަލު ބޮޑު މުސާރަ ލިބޭ ކުޅުންތެރީންގެ ލިސްޓުގެ ދެވަނައަށް އޮތީ، އާޖެންޓީނާ ފޯވާޑް އަންހެލް ޑިމާރިއާއެވެ. ތިން ވަނައިގައި ރޮބިން ވެން ޕަސީ އޮތް އިރު، ހަތަރު ވަނައިގައި އޮތީ އިވާން ރަކިޓިޗްއެވެ.

comment ކޮމެންޓް