ޝްރައްދާގެ 'ހަސީނާ ޕާކަރް' ރިލީޒް ކުރުން ފަސްކޮށްފި

ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'ހަސީނާ ޕާކަރް' ރިލީޒް ކުރުން ފަސްކޮށްފި އެވެ.

އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް މި މަހު ޝާހްރުކް ޚާންގެ 'ޖަބް ހެރީ މެޓް ސޭޖަލް' އަދި އަކްޝޭ ކުމާރުގެ 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައި ވާތީ، ޝްރައްދާގެ ފިލްމު ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ.

ފިލްމުގެ ޑައިރެކްޓަރު ވަނީ ޝާހުގެ ފިލްމަކާއި އަކްޝޭގެ ފިލްމެއް ރިލީޒް ކުރާ މަހެއްގައި ފިލްމު ރިލީޒް ކޮށްގެން ފިލްމަށް ބޮޑު ނާކާމިޔާބެއް ލިބޭނެ ކަމަށް ބުނެފައެވެ.

މިއީ ފިލްމު ރިލީޒް ކުރާ ތާރީޚު ބަދަލު ކުރި ހަތަރުވަނަ ފަހަރެވެ. ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމުގައި ޝްރައްދާ ފެނިގެން ދާނީ އަންހެން ދަރިއެއް، ކޮއްކޮއެއް، މަންމައެއް އަދި ގޭންގްސްޓާރެއްގެ ރޯލުތަކުންނެވެ. ޓީޒާ އިން ވެސް އެ ފިލްމުގައި ޝްރައްދާގެ ވަރުގަދަ ރޯލެއް ފެންނާނެ ކަން އެނގެ އެވެ.

އެ ފިލްމު ޑައިރެކްޓު ކުރަނީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 55 އަހަރާ ދެމެދު ހިނގާފައިވާ ހާދިސާތަކެވެ.

ފިލްމުގައި ދާވޫދުގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޝްރައްދާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ އަންކުރް ބާޓިއާ އެވެ.

މިއީ ޝްރައްދާ ބަޔޮޕިކް އެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ކުރިން އެ ފިލްމަށް ދީފައިވާ ނަމަކީ 'ހަސީނާ: ދަ ކުއީން އޮފް މުމްބާއީ' އެވެ.

comment ކޮމެންޓް