ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ: ކޮސްޓާ

ބަޔާނުން ލޯނުގެ ދަށުން ޔުވެންޓަސްއާ ގުޅުނު ބްރެޒިލް ވިންގާ ޑުގްލަސް ކޮސްޓާ: އޭނާ ޔުވެންޓަސްއާއެކު ހުރިހާ ކާމިޔާބެއް ހޯދަން ބޭނުންވޭ ---

ޔޫރަޕްގެ ވަރުގަދަ އެހެން ޓީމުތަކުގެ ކިބައިގައި ހުރި ފެންވަރު ޔުވެންޓަސްގެ ކިބައިގައި ވެސް އެބަހުރި ކަމަށާއި ކުރިއަށްއޮތް ޗެމްޕިއަންސް ލީގު އެ ކްލަބަށް ކާމިޔާބު ކުރެވޭނެ ކަމަށް ބްރެޒިލް ވިންގާ ޑުގްލަސް ކޮސްޓާ ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށްޓާ ގާތަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ޖެހިލި ނަމަވެސް، ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ޔުވެންޓަސް ބަލިވެފައިވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މިދިޔަ ސީޒަނުގެ އިތުރުން 2015 ވަނަ އަހަރު ވެސް ޗެމްޕިއަންސް ލީގު ތަށްޓާ ގާތަށް ޔުވެންޓަސް ޖެހިލިއެވެ. ނަމަވެސް ފައިނަލުގައި އެ ފަހަރު ބަލިވެގެންދިޔައީ ބާސެލޯނާ އަތުންނެވެ. އެ ނަތީޖާތައް އެގޮތަށް ދިޔަ ނަމަވެސް، ޔުވެންޓަސްއަށް ކުރިއަށްއޮތް ޗެމްޕިއަންސް ލީގު ހޯދިދާނެ ފެންވަރު ހުރި ކަމަށް ލޯނުގެ ދަށުން ބަޔާން މިއުނިކުން ޔުވެންޓަސްއާ ގުޅުނު ކޮސްޓާ ގަބޫލުކުރެއެވެ.

"ޔޫރަޕްގައި މި ޓީމަށްވުރެ ބޮޑަށް ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާ އަދި ފުރުސަތު އޮތް ޓީމެއް ނޯންނާނެ. މިއީ ހުނަރުން ފުރިފައިވާ ސްކޮޑެއްކަން އަހަރެންނަށް އެނގިއްޖެ. އަހަރެންގެ ހުނަރުތައް ވެސް އޭގެ ތެރޭގައި ހިމަނާލާނަން. އަހަރެން ޔުވެންޓަސް ހިޔާރުކުރި ސަބަބަކީ އެ ޓީމުން ފާއިތުވެދިޔަ ތިން ޗެމްޕިއަންސް ލީގުގެ ތެރެއިން ދެ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފައިވުމުން،" އިޓަލީގެ ނޫހެއް ކަމަށްވާ ގެޒެޓާ ޑެލޯ ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި ކޮސްޓާ ބުންޏެވެ.

ކޮސްޓާ ބުނީ، ޔުވެންޓަސްއަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ވަރަށް ބޭނުންވާ ޓީމެއް ކަމަށާއި ކްލަބުގެ ތާރީހު ފޮތުގައި އޭނާގެ ނަން ހިމަނާލަން ބޭނުންވާ ކަމަށެވެ. އަދި ވޯލްޑް ކަޕަށް އެއް އަހަރަށް ވެފައި ވަނިކޮށް، އާދެވިފައިވަނީ އެންމެ ރަނގަޅު މަންޒިލަށް ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

ކުރިއަށްއޮތް ސީޒަނުގައި ޔުވެންޓަސްއާއެކު ހުރިހާ ކާމިޔާބީއެއް ހޯދުމަށް ބޭނުންވާ ކޮސްޓާއަކީ ކުރިން ބަޔާންއާ ޕެޕް ގާޑިއޯލާ ހަވާލުވެ ހުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އެ ކްލަބުގެ ކޯޗުކަމާ ކާލޯ އެންޗެލޮޓީ ހަވާލުމަށްފަހު އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް