ސައުތު އޭޝިއަން ޔޫތު ސަމިޓުގެ ލޯކަލް އޮންލައިން ޕާޓްނަރަކަށް ސަން!

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ލޯކަލް މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖައްސާ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލިޔުން ބަދަލު ކުރަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ ސެޕްޓެމްބަރު މަހު އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގެ ލޯކަލް އޮންލައިން ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ރޭ ބޭއްވި ސޭސްގެ ޕްރީ ސަމިޓް ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ސައުތު އޭޝިއަން ޔޫތު ސަމިޓް ބާއްވާ އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިއެސްސީ)އާއި ސަން މީޑިއާ ގްރޫޕްއާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެއްބަސްވުމުގައި ސަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ މީޑިއާ ގްރޫޕްގެ ޗީފް އޮޕަރޭޓިންގް އޮފިސަރު މިންހާ ފާއިޒް ރަޝާދެވެ. އަދި އައިއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމެޓީގެ ޗެއާޕާސަން ޑރ. ކޭކޭ ސިންގެވެ.

އެއްބަސްވުމަށްފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މިންހާ ވިދާޅުވީ، ބައިނަލްއަގްވާމީ ސަމިޓެއްގެ ލޯކަލް އޮންލައިން ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމަކީ ސަން މީޑިއާ ގްރޫޕަށް ލިބުނު ފަހުރަކާއި ޝަރަފެއް ކަމަށެވެ. އަދި ސަމިޓާ ގުޅޭ ދިވެހި އަދި އިނގިރޭސި ހަބަރުތައް ސަން އޮންލައިން އިން ގެނެސްދޭނެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިންހާ އިތުރަށް ވިދާޅުވީ، އެފަދަ ފުރުސަތެއް ސަން އޮންލައިނަށް ދެއްވި ކަމަށްޓަކައި ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާ އަށާއި އައިއެސްސީ އަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި، ސަމިޓްގެ ލޯކަލް ޓީވީ ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ރާއްޖެ ތަމްސީލުކުރާ އެކްސްކުލޫސިވް ޖަމިއްޔާއަކަށް ހަމަޖައްސާފައިވަނީ ރަފީ ޖަމިއްޔާއެވެ.

އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިއެސްސީ) އާއި އިންޑިއާ އަދި އޮޑިޝާ ސަރުކާރު ގުޅިގެން ސެޕްޓެމްބަރު މަހުގެ 17 އިން 20 އަށް އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ ސައުތު އޭޝިއަން ޔޫތު ސަމިޓަކީ ސާކް ގައުމުތަކުގެ ޒުވާނުން އެއްތަނަކަށް އެއްވެ، އެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހިއްސާކޮށް، ސައުތު އޭޝިއާގެ ގައުމުތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ބޭނުމުގައި ބާއްވާ ސަމިޓެކެވެ.

އޭގެ އިތުރުން، ސާކް ގައުމުތަކުގެ ޒުވާނުންނަށް އާއްމުކޮށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ޕޮލިސީ ލެވެލްގައި ހައްލުކޮށް ޒުވާނުންނާއި ޒުވާނުން އިސްނަގައިގެން ހިންގާ ޖަމިއްޔާ ޖަމާއަތްތައް ބާރުވެރިކޮށް ގައުމުގެ ގޮތް ނިންމުމުގަ އާއި އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަކީ ވެސް އެ ސަމިޓުގެ މަގުސަދެކެވެ.

ސައުތު އޭޝިއަން ޔޫތު ސަމިޓުގައި ދިވެހި ޒުވާނުން ބައިވެރި ވަނީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތް (ރަފީ) ޖަމިއްޔާގެ އިތުރުން ޖޭސީއައި މޯލްޑިވްސް އިން ގުޅިގެންނެވެ. އެގޮތުން ރާއްޖޭން އެކަނިވެސް 40 ޒުވާނުން އެ ސަމިޓުގައި ބައިވެރިވާނެއެވެ.

comment ކޮމެންޓް