މިލްކްޝޭކްގެ "ރަސްގެފާނު" ރާއްޖެ އަންނަނީ!

ފަހަކަށް އައިސް ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތައް ތައާރަފުވަމުން ގޮސް، މުޅި މާލޭގައި އެތަންތަން ފުރާލައިފިއެވެ. އަދިވެސް އަންނަން އޮތީއެވެ.

މިއީވެސް އޭގެ ތަނެއްގެ ވާހަކައެވެ. ހަމަގައިމުވެސް ވަރަށް ތަފާތުވާނެއެވެ. އެއްގޮތަށް ވުރެ ގިނަ ގޮތުންނެވެ.

ނަވާރަސަތޭކަ ފަންސަވީސް ވަނަ އަހަރު، އެޑްވާޑް ކެވެންޓަރ ކިޔާ ސްވީޑެންގެ ޑެއިރީ ޓެކްނޮލޮޖިސްޓަކު އިންޑިއާގައި ޑެއިރީ މެނުފެކްޗަރިންގް ޕްލާންޓްތަކެއް ގާއިމުކުރިއެވެ. ކިރުން އުފައްދާ އެކިއެކި ޑެއިރީ ޕްރޮޑަކްޓްސް، އެޑްވާޑް ކެވެންޓަރގެ ޕްލާންޓްތަކުން އުފައްދަމުން ގޮސް، ވަރަށް ޚާއްސަ މިލްކްޝޭކެއްވެސް އުފެއްދިއެވެ.

އިންޑިއާގެ އަލީގަޅުގައި އެޑްވާޑް ކެވެންޓަރ ހުޅުވި ޑެއިރީ ޕްލާންޓެއް --

މިކަން ފެށެނީ މިހިސާބުންނެވެ. މި މިލްކްޝޭކެއްގެ މޮޅުކަމާއި މީރުކަމުގެ އަވައިގައި މުޅި އިންޑިއާ ޖެހުނެވެ. ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ދިޔައެވެ. އެޑްވާޑް ކެވެންޓަރގެ ޚާއްސަ ރެސިޕީއަށް އުފެއްދި މި މިލްކްޝޭކަކީ މިއަދު ވަރުގަދަ ހިޓެކެވެ.

"ކެވެންޓަރސް"ގެ ނަމުގައި އިންޑިއާގައި މި މިލްކްޝޭކް ވިއްކަމުންދެއެވެ. ވަރުގަދަ ބްރޭންޑަކަށް ކެވެންޓަރސް ވެ، ބައިނަލްއަގުވާމީ ފްރެންޗައިޒަކަށްވެސް އެތަން ބަދަލުވެގެން ދިޔައެވެ.

ސަތޭކަ އަހަރުވާން ކައިރިވެފައިވާ ކެވެންޓަރސް، ފްރެންޗައިޒް އުސޫލުގެ ދަށުން މިހާރު ނޭޕާލް އަދި ދުބާއީގައި އޮޕަރޭޓު ކުރެއެވެ. މިއަހަރުގެ ތެރޭގައި ދުބާއީގައި އިތުރު ތިން އައުޓްލެޓް، ސްރީލަންކާގައި 14 އައުޓްލެޓް އަދި އެފްރިކާގެ ކެންޔާގައިވެސް ކެވެންޓަރސްގެ އައުޓްލެޓްތައް ހުޅުވަން ވަނީ ރާވައިފައެވެ.

މީގެ އިތުރުން ކެވެންޓަރސް ރާއްޖެއަށްވެސް އައުމަށް ވަނީ ހަމަޖެހިފައެވެ. ވެރިރަށް މާލެއަށް އެކަންޏެއްވެސް ނޫނެވެ. ހުޅުމާލެއަށާއި، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ލޯކަލް އިކޮނޮމީ އޮތް ކ. މާފުށީގައިވެސް ކެވެންޓަރސް ހުޅުވާނެއެވެ.

ކެވެންޓަރސްގެ އައުޓްލެޓްތައް ހުންނާނީ ކިއޯސްކްތަކެއްގެ ގޮތުގައެވެ.

ކެވެންޓަރސް މޯލްޑިވްސްގެ އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރިޔަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭގައި ކެވެންޓަރސް ރާއްޖޭގައި ހުޅުވާނެ ކަމަށެވެ.

ކެވެންޓަރސްގެ ސިގްނޭޗަރއަކީ މިލްކްޝޭކެވެ. މިލްކްޝޭކް ސާވްކުރަނީ ވަރަށް ޚާއްސަ، ބިއްލޫރި ފުޅިއެއްގައެވެ. ދެ ސައިޒަކަށް ހުންނަ މި ފުޅީގައި "ކެވެންޓަރސް"ގެ ލޯގޯ ޖަހާފައި ހުންނަ އިރު، އެ ފުޅިއެއް ވިއްކި އައުޓްލެޓް ހުރި ލޮކޭޝަނެއްގެ ނަމާއި، އެ ލޮކޭޝަނަކާ ގުޅޭ އައިކަންއެއް އޭގައި ޖަހާފައި ހުރެއެވެ.

"މިސާލަކަށް މާލޭގެ އައުޓްލެޓުން ވިއްކާ ފުޅީގައި، މާލޭގެ ޚާއްސަ ލޭންޑްމާކެއް، މިސާލަކަށް މުންނާރު ޖަހާފައި ހުރެދާނެ،" ކެވެންޓަރސް މޯލްޑިވްސްއިން ވާހަކަދެއްކި އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން ޚާއްސަ މުނާސަބާތަކާ ގުޅިގެންވެސް ފުޅިތަކުގައި ޝިއާރުތަކާއި އައިކަންތައް ޖަހާފައި ހުރެއެވެ. ފުޅީގެ ޑިޒައިން މުޅިންވެސް ގުޅެނީ، އެ ފުޅި ވިއްކާ ކެވެންޓަރސްގެ ލޮކޭޝަނަކާއެވެ.

ކެވެންޓަރސް މިލްކްޝޭކް ޕްރެޒެންޓުކުރާ ފުޅީގެ ޚާއްސަ ކަމަކީ، ފުޅި އަނބުރާ ރައްދު ކުރަން ނުޖެހުން ކަމަށް ކެވެންޓަރސް މޯލްޑިވްސްވެ އޮފިޝަލު ވިދާޅުވިއެވެ. މިލްކްޝޭކް ގަތުމުން އެއާ އެކު ބިއްލޫރި ފުޅިވެސް ލިބޭނެއެވެ. ރީތި އެ ފުޅި، އެހެން ބޭނުންތަކަށްވެސް ބޭނުން ކުރަންވީއެވެ. އެކަމަށް ކެވެންޓަރސްއިން ބާރު ވެސް އަޅައެވެ.

ކެވެންޓަރސްގެ ރަސްމީ އިންސްޓަގްރާމް ބަލާލުމުން، އެތަނުގެ ކަސްޓަމަރުން އެ ބިއްލޫރި ފުޅި ބޭނުންކުރާ ކްރިއޭޓިވް ގޮތްތައް ފެނިގެން ދެއެވެ. ވަރަށްވެސް ފުރިހަމަވެފައި ޗާލެވެ. ވަކިލާރި އެޅުމަށާއި، އެހެނިހެން ކުދިކުދި ތަކެތި ރައްކާތެރިކުރުމަށާއި، މާ ޖަހާފައި ބެހެއްޓުމަށް އެ ފުޅި ބޭނުންކުރެވޭނެއެވެ.

ކެވެންޓަރސް މޯލްޑިވްސްއިން ބުނާ ގޮތުން، މި ކެވެންޓަރސް މިލްކްޝޭކަކީ، ޒުވާނުންނާއި ކުޑަކުދިންނަށް ވަރަށްވެސް ކަމުދާނެ އެއްޗެކެވެ.

ކެވެންޓަރސްއިން މިލްކްޝޭކްގެ އިތުރުން އެހެނިހެން ބުއިންތައްވެސް ސާރވް ކުރާނެއެވެ. އެއީ މިލްކްޝޭކަކީ ފިނިކޮށް ސާރވްކުރާ އެއްޗެއް ނަމަވެސް، ކެވެންޓަރސްގައި ހޫނު މިލްކްޝޭކްވެސް ހުންނާނެކަމަށް އޮފިޝަލު ވިދާޅުވިއެވެ. މީގެ އިތުރުން ކެވެންޓަރސްއިން އެ ބްރޭންޑުގެ ޚާއްސަ ކޮފީއާއި ސައި ވެސް ވިއްކާނެއެވެ.

މިއީ ހަމަ ގައިމުވެސް ދިވެހީންނަށް މިއަހަރުގެ ނިމުމުގެ ކުރިން ލިބިގެންދާނެ ވަރަށް ބޮޑު އުފާވެރިކަަމަކަށް ވާނެއެވެ.

އިންޑިއާގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ ކެވެންޓަރސްގެ ޕްރެޒެންސް ދެކުނު އޭޝިއާއާއި ގަލްފުގެ ގައުމުތަކަށް ފުޅާކުރަމުންދާ އިރު، ކެވެންޓަރސްގެ ބާނީ އެޑްވާޑް ކެވެންޓަރ ނިސްބަތްވާ ވިލާތަށްވެސް އެ ބްރޭންޑު ފުޅާކުރުމުގެ މަސައްކަތް، ކެވެންޓަރސްގެ މައި ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް