"ނޯޓީ40" މިރޭ ރިލީޒްކުރާނެ، ޑައިރެކްޓަރު ބުނީ "ވަަރަށް ފައްކާވާނެ" ކަމަށް!

ދިވެހިފިލްމު ނޯޓީ40ގެ ޕޯސްޓަރެއް. މިރޭ އެ ފިލްމު އޮލިމްޕަހު ސިނާމާގައި އަޅުވާނެ-- ފޮޓޯ: ފޭސްބުކް

އަހަރުގެ ބޮޑުފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ "ނޯޓީ 40" މިރޭ ޕްރިމިއަރ ކުރާނެއެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކެމެރާއާ ރަށްޓެހި އަދި މުޅިން އާ މޫނުތައް ހިމެނޭގޮތަށް ޖުމުލަ 18 ފަންނާނުން މި ފިލްމުގައި ފެނިގެންދާނެއެވެ.

މިހާތަނަށް ފިލްމާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް، ވަރަށް ފޮނި އުންމީދުތަކެއް ގެނެސްދީފައިވާ މި ފިލްމާ ގުޅޭ ގޮތުން، ފިލްމުގެ އެއް ލީޑް އެކްޓަރު އަދި ފިލްމު ޑައިރެކްޓްކުރާ މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ "މިވަރުގެ ބޮޑު ފިލްމެއް ނިންމާލެވުނީ އެންމެންގެ ހިތްވަރުން،" ކަމަށެވެ.

ދިވެހި ފިލްމު ނޯޓީ40ގެ ކޮސްޓިއުމް ޑިޒައިނަރަކީ ޖާދުﷲ އިސްމާއީލް (ޖާދު) -- ފޭސްބުކް ފޮޓޯ

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، ނޯޓީ40، މިރޭ އޮލިމްޕަހުގެ ސްކްރީނަށް އަންނަައިރު، މި ފިލްމަކީ ޔޫއްޕެއަށް ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމަށާއި މިއީ މިހާތަނަށް އޭނާ މަސައްކަތްކުރި އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް ޔޫއްޕެ ފާހަގަކުރިއެވެ.

ފިލްމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމުގެ ކުރިން، ފިލްމު ޝޫޓްކުރުމާއި އަދިވެސް ފިލްމުގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނޭ ކަމަށް ހީކުރެވުނުކަމަށް ޔޫއްޕެ ބުންޏެވެ. އެހެން ނަމަވެސް ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ފަންނާނުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ ފުރިހަމަ ކަމުން، "އުންމީދުކުރި މުއްދަތުގެ ތެރޭގައި ނިންމާލެވުމުން ވަރަށް ހިތްހަމަ ޖެހުނު،" ކަމަށް ޔޫއްޕެ ބުންޏެވެ.

ފިލްމުގައި ޔޫއްޕެއާއެކު އަހްމަދު ސައީދު އަދި މުހައްމަދު މަނިކު ފެނިގެންދާނީ އެކުގައި އުޅޭ ތިން ރަށްޓެހިންގެ ގޮތުގައެވެ. ތިން ރަހްމަތްތެރިންނަކީ ތިން މިޒާޖެއްގެ މީހުންނަށްވާ އިރު ފިލްމުން ދައްކުވައިދެނީ މިތިން ރަހްމަތްތެރީންނަށް ރާއްޖޭގެ ރަށަކަށް ގޮސްއުޅުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެވެ.

ދެއުމުރެއް ދައްކުވައިދޭ އެކްޓަރުންގެ ތެރޭގައި ސައީދު، މަނިކު، ނިއުމާ، ސީޒަންގެ އިތުރުން ޔޫއްޕެވެސް ހިމެނެއެވެ. އެކްޓަރުންނަށް މިދެއުމުރު ދެއްކުމުގައި ހަށިގަނޑަށް ގެންނަން ޖެހުނު ބަދަލު ގެނައީ ޖިމަށް ގޮސްގެން ކަމަށް ޔޫއްޕެ ބުންޏެވެ. އަދި އެހާ ފުރިހަމަކޮށް މިކަން ކޮށްދިނުމުގައި އެހީތެރިވެދިނީތީ އެކްސްޓްރީމް ފިޓްނަސް އަށް ޝުކުރު އަދާކުރިއެވެ.

ނޯޓީ40ގެ ބައެއް ތަރީން-- ފޮޓޯ: ފޭސްބުކް

އޮލިމްޕަހުގައި މިރޭ "ނޯޓީ 40" އަޅުވާއިރު، ޔޫއްޕެ ހުރީ ފިލްމުގެ މަސައްކަތްތައް ނިމުނު ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައެވެ.

"މި ފިލްމަކީ ތާރީޚަށް ވަދެގެންދާނެ ފިލްމެއް. ފިލްމުގައި ހަރަކާތްތެރިވާ ހުރިހާ ފަންނާނުންގެވެސް ކެރެކްޓާ ރޯލުތަކެއް ހުންނާނީ، ފިލްމުގައި ކޮންމެ މީހެއްގެ ވެސްް ރޯލު މުހިންމު. މިއީ މުޖުތަމައުއަށް ވަރަށް ގިނަ އަދި އިބްރަތްތެރި މެސެޖުތަކެއް ދޭނެ ފިލްމަކަށްވާނެ،" ޔޫއްޕެ ބުންޏެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، ނޯޓީ40 އޮލިމްޕަހުގެ ސްކްރީނުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.

މިރެއިން ފެށިގެން ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް