އަހަރީ ދުވަހާ އެކު ބޮޑު ކާމިޔާބެއް، އުރީދޫއަށް 303.4 މިލިޔަން ރުފިޔާގެ ފައިދާއެއް!

އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ދެވަނަ ކުއާޓަރު ނިމި، އަހަރު ދެބައިވި އިރު އުރީދޫ މޯލްޑިވްސްގެ ފައިދާ 303.4 މިލިޔަން ރުފިޔާއަށް އިތުރުވެއްޖެއެވެ.

މިއަދަކީ އުރީދޫ މޯލްޑިވްސްގެ 12 ވަނަ އަހަރީ ދުވަހެވެ. އުރީދޫގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު އެކުންފުނީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އުރީދޫގެ އާމްދަނީއާއި ފައިދާ ދަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށެވެ.

"މި ކުންފުންޏަކީ ވަރަށް ޕްރޮފިޓަބަލް ކުންފުންޏެއް. އުރީދޫއިން ދަނީ ދިވެހީންގެ ދިރިއުޅުން ފަސޭހަ ކޮށްދިނުމަށް އާ ޓެކްނޮލޮޖީއަށް އިންވެސްޓްކުރަމުން،" ނަޖީބު ވިދާޅުވިއެވެ.

އުރީދޫއިން މިއަދު ބުނި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމިފައިވާ އިރު، އެކުންފުނީގެ އާމްދަނީ 15 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. މިއަހަަރު ދެބައިވި އިރު އެކުންފުނީގެ ފައިދާ ވަނީ 921.4 މިލިޔަން ރުފިޔާއަށް އަރައިފައެވެ.

އަދި ސާފު ފައިދާ 303.4 މިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 21 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޕަބްލިކް ކުންފުންޏަކަށް ބަދަލުވެ، އުރީދޫގެ ހިއްސާ މިއަހަރު އާންމުންނަށް ވިއްކާފައިވާ އިރު، އުރީދޫ މޯލްޑިވްސް ޕލކގެ ޑިރެކްޓަރު ދީނާ ހުސައިން ވިދާޅުވީ، މި މަހުގެ ނުވަވަނަ ދުވަހު ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާ ޓްރޭޑުކުރެވެން ފަށާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން މިއަދު ވިދާޅުވީ އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް މި އޯގަސްޓް މަހުގެ ތެރޭގައި ތަފާތު ޕްރޮމޯޝަންތަކާއި އޮފަރތައް ކުރިޔަށް ދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގައި އުފެދުނީ 2004 ވަނަ އަހަރުގެ އޯގަސްޓް އެއްވަނަ ދުވަހު، ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައެވެ.

comment ކޮމެންޓް