ހަފްތާއެއްގެ ތެރޭގައި މަރާލާފައިވާ ދެ ޒުވާނުންގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ހިންގި ދެ މާރާމާރީގައި މަރާލާފައިވާ އަނަސް އާއި ނަދީމް-- ފޮޓޯ: ފޭސްބުކް

މިދިޔަ ބުރާސްފަތި ދުވަހު ޒަހަމްކޮށް މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް، 24، އާއި ރޭ މަރާލާފައިވާ ރ. މީދޫ، މުހައްމަދު އަނަސް، 25،ގެ މަރުގެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފި އެވެ.

ނަދީމް މަރާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޓާމިނަލް ކެފޭގައި އިންދާ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އޭނާ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުން އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހުން ރޭ ހަމަލާދީ އަނަސް މަރާލާފައި ވަނީ ހަދީބީމަގުގައި ހުންނަ ސައިކަލް ސާވިސް ސެންޓެރެއް ކަމަށްވާ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެދެ މައްސަލާގައި ވެސް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި ތަހުގީގް ކުރިއަށްދާ ކަމަށެވެ.

މިއީ އަނެއްކާ ވެސް މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގާ ދުވަސްވަރެކެވެ. މި ހަފްތާގެ ތެރޭގައި ދެ ޒުވާނުން މަރާލާފައިވާ އިރު ފަސް މާރާމާރީއެއް ވަނީ ހިންގައިފަ އެވެ. އެމާރާމާރީތަކުގައި ހަތް މީހަކު ޒަހަމްކޮށްލާފައިވެ އެވެ.

comment ކޮމެންޓް