އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލްކޮށްފި

އަލިފާނުގެ ހާދިސާގައި މަޖިލީހުގެ ފާހާނާއަކަށް ގެއްލުންވެފައި-- ފޮޓޯ/ މެމްބަރު މަހުލޫފު

ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ފާހާނާއެއްގެ ތެރޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ތަން އާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ، މާދަމާ ބާއްވަން ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"ތަން އާންމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ބޭނުންވާތީ މާދަމާ 1/8/2017 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވަވާ ގޮތަށް ހަމަޖައްސަވައި..." މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވި މެސެޖުގައިވެ އެވެ.

އަދި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރީހެއް މަޖިލީހުގެ ރައީސް އަންގަވާނެ ކަމަށް ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ޗެނަލް13 އަށް ދިން އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ފާހާނާގެ ފާރުގައި ހަރުކޮށްފައި ހުރި ޓިޝޫ ކަރުދާސް އަޅާފައި ހުރި ޕުލާސްޓިކް އެއްޗެއްގައި ކަމަށާއި އޭތި އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާގައި ފާހާނާގެ ފާރަށާއި ތަށިމުށިތައް ވެސް އަނދާފައި ހުރި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓަކުން ނޫން ކަމަށް ސްޓެލްކޯ އިން ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ ފޮރިންސިކް އިން ވަނީ މައުލޫމާތު ނަގާފައި. ރިޕޯޓެއް އަދި ނުއެއްދެއްވާ. މަޖިލީހުގެ ތެރެއަށް ދުން ވަރަށް ބޮޑަށް އަރާ، ވަރަށް ސާފު ކުރަންޖެހިފައިވާ ހާލަތެއްގައި އޮތީ. ނަމަވެސް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތް،" މޫސަ ވިދާޅުވިއެވެ.

އިރުއޮއްސި 6:00 އެހާކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއީ ބަޔަކު ގަސްތުގައި ކުރިކަމެއްތޯ ސުވާލު ކުރުމުން، ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ދޭހަވާ ގޮތަކަށް މޫސަ ވިދާޅުވީ، ކަރަންޓު ޝޯޓެއް ނޫނިއްޔާ އަލިފާން ރޯވެފައި ހުރި އެއްޗަކީ އަމިއްލަ ޒާތުގައި އަލިފާން ހިފާ ޒާތުގެ އެއްޗެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ އަލިފާނުގެ ހާދިސާ އަކީ ބަޔަކު ގަސްދުކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެ އެއީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ޖެހި މަޅިއެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

"މަޖިލިސް ޖަލްސާ ކެންސަލް. ފާހާނާއިގަ ރޯވިޔަސް ޖަލްސާ ކުރިއަށް ނުގެންދެވޭވަރުގެ ގެއްލުމެއް ނެތް. ކޮބާ ސެކިއުރިޓީ ބަލަންތިބި ވަރުގަދަ އެމްއެންޑީއެފްއާ ޕޮލިސް؟،" މަހުލޫފު ކުރި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް