ވަޅި ހެރުމުން ޒަހަމްވި ޒުވާނާ މަރުވެއްޖެ

ޒަހަމްވި ޒުވާނާ: މެޔަށާއި ކަރަށް ވަޅި ހަރާފައިވޭ-- ސަން ފޮޓޯ/ ކިޔުންތެރިއެއް

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ދިން ވަޅީގެ ހަމަލާގައި ޒަހަމްވި ޒުވާނާ އޭޑީކޭގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ރ. މީދޫ، މުހައްމަދު އަނަސް، 25 އެވެ.

ރ. މީދޫ، މުހައްމަދު އަނަސް: ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހިތުގެ ވިންދު ވަނީ ހުއްޓިފައި-- ފޮޓޯ/ ފޭސްބުކް

އޭނާއަށް ހަމަލާދިން މާރާމާރީ ހިންގާފައި ވަނީ ހަދީބީމަގުގައި ހުންނަ ސައިކަލް ސާވިސް ސެންޓެރެއް ކަމަށްވާ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގިތަނުގެ ތެރޭގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.

މަންޒަރު ދުށް މީހުން ބުނީ ގްރޫޕަކުން ހިންގި އެ މާރާމާރީގައި ޒުވާނާގެ މެޔަށާއި ކަރަށް ވަޅި ހަރާފައިވާ ކަމަށެވެ. ޒަހަމްވި ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހެއެއް ނެތެވެ.

އޭޑީކޭ އިން ބުނީ އެ ޒުވާނާ އޭޑީކޭއަށް ގެނައިއިރު ވެސް ވިންދެއް ނެތް ކަމަށެވެ.

ޒުވާނާގެ ގައިން އޮހޮރުނު ލޭ ބިންމަތީގައި: އޭނާގެ މެޔަށާއި ކަރަށް ވަޅި ހަރާފައިވޭ-- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެ ޒުވާނާއަކީ ކުރިން ލިޓަސް ސާވިސް ސެންޓަރުގައި މަސައްކަތް ކުރި މުވައްޒަފެކެވެ. އޭނާ އެތަނަށް ވަނީ ބަޔަކަށް ފިލަން ވެގެން ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

އޭނާއަށް ހަމަލާދިނީ ދެ މީހަކު ކަމަށާއި އެ މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުންޏެވެ.

ޒަހަމްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ފުލުނުން ވަނީ އެ ސާވިސް ސެންޓަރު ބަންދުކޮށް، އެ ސަރަހައްދުގައި ފޯރިމަރަން ފަށައިފަ އެވެ. އަދި ކުޅިބެލުމަށް ބަޔަކު އެތަނަށް ޖަމާވި އެވެ.

މާރާމާރީއާ ގުޅިގެން ފުލުހުން ހަމައެކަނި މީޑިއާއަށް ހިއްސާކުރި މައުލޫމާތަކީ އެ މާރާމާރީ ހިންގިކަން މިރޭ 9:16ގައި ފުލުހުންނަށް ރިޕޯޓު ކުރި ކަމުގެ ވާހަކަ އެކަންޏެވެ.

ސިލްސިލާ މާރާމާރީތައް މާލޭގައި އިތުވެފައިވާއިރު، މިިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކު ވަނީ ނިޔާވެފަ އެވެ.

comment ކޮމެންޓް