ވެލާނާ އެއާޕޯޓުގެ ހިއްކި ބިންތައް ޝީޓު ޕައިލް ކުރަން ފަށައިފި

ވެލާނާ އެއާޕޯޓުގެ ހިއްކި ބިންތަކުގައި ޝީޓު ޕައިލް ޖަހަން ފެށުން -- ފޮޓޯ/ އެމްއޭސީއެމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، އެއާޕޯޓުގައި އަލަށް ހިއްކި ބިންތައް ހިފެހެއްޓުމުގެ ގޮތުން ޝީޓު ޕައިލް ޖެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ޝީޓު ޕައިލް ކުރުމަކީ، ހިއްކާފައިވާ ބިންތައް ހިފެހެއްޓުމަށް، ބިމުގެ އަޑިއަށް ދަގަނޑު ޖެހުމެވެ. ޝީޓު ޕައިލް ޖަހަން ފެށުމަށް މިއަދު ވަނީ، ވެލާނާ އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

މި މަސައްކަތް ފެށުމުގެ ކުރިން، މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ވަނީ އަޖުމަ ބެލުމުގެ ގޮތުން ޝީޓު ޕައިލްތަކުގެ ޓެސްޓިންގް މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، އާ ރަންވޭ އެޅުމަށް ހުޅުލޭގެ އިރު އުތުރު ފަޅުން ހިއްކާފައިވާ 650،000 އަކަ މީޓަރުގެ ބިން ރައްކާތެރިކުރުމަށް ގާތްގަނޑަކަށް 3،300 މީޓަރުގެ ޝީޓު ޕައިލް ޖަހާނެއެވެ. އަދި އާ ސީޕްލޭން ޓާމިނަލް އެޅުމަށް ހިއްކި 18،290 އަކަމީޓަރުގެ ބިމުގައި 350 މީޓަރުގެ ޕައިލް، އަދި ސީޕްލޭން މެއިންޓެނަންސް ފެސިލިޓީ ހެދުމަށް ހިއްކި 13،460 އަކަމީޓަރުގެ ބމުގައި 140 މީޓަރުގެ ޝީޓް ޕައިލް ޖަހާނެއެވެ. މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ ޖެޓީ ސަރަހައްދުން ހިއްކި 11،350 އަކަމީޓަރުގެ ބިމުގައި 580 މީޓަރުގެ ޝީޓް ޕައިލް ޖަހާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވެލާނާ އެއާޕޯޓުގައި ހިއްކި ބިމެއްގައި މިއަދު ޝީޓު ޕައިލް ޖަހަނީ -- ފޮޓޯ/ އެމްއޭސީއެލް

ޖުމްލަކޮށް ވެލާނާ އެއާޕޯޓުގައި ހިއްކާފައިވާ ހުރިހާ ސަރަހައްދެއްގައި ގާތްގަނޑަކަށް 4،370 މީޓަރުގެ ޝީޓް ޕައިލިންގް އަދި ކޮންކްރީޓް ކެޕިންގް ބީމް ޖެހޭނެކަމަށް އެމްއޭސީއެލްއިން ލަފާކުރެއެވެ.

ވެލާނާ އެއާޕޯޓުގައި އާ ރަންވޭއެއް އެޅުމަށްޓަކައި ސަރުކާރުން ހަވާލުކުރީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އަށެވެ.

ރަންވޭ އެޅުމަށް ބިން ހިއްކަން ޖެހުނު އިރު، ރަންވޭ އަޅާތީ ސީޕްލޭން އޮޕަރޭޝަންސް ހިނގާ ސަރަހައްދު އެހެން ދިމާލަކަށް ބަދަލުކުރަން ޖެހޭ ކަމުން، ސީޕްލޭން ޓާމިނަލް އެޅުމަށް ވެސް ބިން ހިއްކާފައިވެ އެވެ. މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ ބައިނަލް އަގުވާމީ ޓާމިނަލް އަޅާ ސަރަހައްދު ވެސް ވަނީ ހިއްކައިފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބީޔޫސީޖީން ސަބްކޮންޓްރެކްޓް ކުރީ ދުބާއީގެ ގަލްފް ކޮބްލާއަށެވެ.

ރަންވޭ އެޅުމަށް ހުޅުމާލެއާ ދިމާލުން، ހުޅުލެއަށް 650،000 އަކަމީޓަރުގެ ސަރަހައްދެއް ހިއްކައި، އިތުރުކޮށްފައިވެ އެވެ. އެ މަސައްކަތަށް 4.2 މިލިޔަން ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ފެށި މި މަސައްކަތް، މިއަހަރުގެ ޖޫން 10 އަށް ވަނީ ނިންމައިފައެވެ.

އެއާޕޯޓު ތަރައްގީގެ މަސައްކަތުގެ ދަށުން ވެލާނާ އެއާޕޯޓަށް 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭއެއް އަޅާ އިރު، މިހާރު އެއާޕޯޓުގައި ހުންނަ 3،200 މީޓަރު ދިގު، 45 މީޓަރު ފުޅާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

comment ކޮމެންޓް