އާނަންދަކީ ސޯނަމްގެ ހަޔާތަށް އައި އެންމެ "ބެސްޓް" މީހާ!

ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ވާހަކަ އެއް މީޑިއާ އާއި ހިއްސާ ކުރާ ފަންނާނެއް ނޫނެވެ. ނޫސްވެރިން އެއް ސުވާލެއް ކިތަންމެ ފަހަރަކު ތަކުރާރު ކުރި ނަމަވެސް ސޯނަމް ހަމަ ދެނީ ބީރު ކަންފަތެކެވެ.

އޭނާގެ ލޯބީގެ ދިރިއުޅުމަކީ އެފަދަ އެއް ވާހަކަ އެވެ. ރިޕޯޓުތައް ބުނާގޮތުން ސޯނަމް ލޯބީގެ ގޮތުން އުޅެނީ ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ އާއެވެ. އެއިން އެއްވެސް ރިޕޯޓަކަށް ސޯނަމް ވެސް އާނަންދު ވެސް އެއްބަސްވެފައެއް ނުވެ އެވެ. އަދި ރިޕޯޓުތައް ދޮގުކޮށްފައެއް ވެސް ނުވެ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސް ނުވި ނަމަވެސް، ދެމީހުން އެކުގައި ވަގުތު ހޭދަކުރާކަން ފޮރުވާކަށް ވެސް ނޫޅެ އެވެ. މިހާރު ވެސް އާނަންދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ދެމީހުން ތިބީ ނިއު ޔޯކުގައެވެ.

އާނަންދުގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ސޯނަމް ދީފައިވަނީ ސްޕޯޓްސް ބައިސްކަލެކެވެ. އަދި ކުޅަދާނަ ބައިސްކަލް ސްޕޯޓްސްމަން ނައިޖެލް ސިލްވެސްޓާ އާއި އާނަންދު ވަނީ ބައްދަލު ކުރުވާފައެވެ.

ސޯނަމްގެ ހަދިޔާ ވެގެން ދިޔައީ އާނަންދު އަށް މިހާތަނަށް ލިބުނު އެންމެ "ބެސްޓް" އުފަންދުވަހުގެ ހަދިޔާ އަށެވެ. ހަދިޔާގެ އިތުރުން ސޯނަމް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާނަންދުގެ ކުޑައިރުގެ ފޮޓޯ އަކާ އެކު ޚާއްސަ މެސެޖެއް ވެސް ދީފައެވެ.

ސޯނަމް ބުނެފައި ވަނީ އާނަންދަކީ އޭނާގެ ހަޔާތަށް މިހާތަނަށް އައި އެންމެ "ބެސްޓް" މީހާ ކަމަށެވެ. އަދި އާނަންދު އާއެކު ހޭދަކުރާ ކޮންމެ ދުވަހަކީ އުފަލުން ފުރިގެންވާ ދުވަސްތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯނަމްގެ ޕޯސްޓުގެ ޖަވާބުގައި އާނަންދު ބުނެފައި ވަނީ ސޯނަމް އާމެދު ބުނާނެ އެއްޗެސް ވެސް އޭނާ އަށް ނޭނގި ބަސްހުއްޓިފައިވާ ކަމަށެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސް ނުވި ނަމަވެސް، ފޮޓޯތަކާއި ބަސްތަކުން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހާމަވާ ކަމަށް ގިނަބަޔަކު ގަބޫލު ކުރެ އެވެ.

ސޯނަމް އާއި އާނަންދު ވަރަށް އަވަހަށް އެންގޭޖުވާން އުޅޭ ކަމަށް ދެކެވޭ ޚަބަރުތައް ސޯނަމް ވަނީ ވަރަށް ފަހުން ދޮގުކޮށްފައެވެ. ސޯނަމް ބުނީ އޭނާ އެންގޭޖުވެއްޖެ ނަމަ، ނުވަތަ ކައިވެނި ކުރަން އުޅޭނަމަ އެކަން އަމިއްލަ އަށް ހާމަކުރާނެ ކަމަށެވެ.

comment ކޮމެންޓް