ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން ކަރެކްޝަންގެ އޮފިސަރަކު ހައްޔަރުކޮށްފި

މާފުށިޖަލު: އެތަނަށް މަސްތުވާތަކެތު އެތެރެކުރަން އުޅުނު އޮފިސަރަކު ވަނީ ހައްޔަރުކޮށްފައި --ސަންފައިލް ފޮޓޯ

މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން މަސަތްކަތް ކުރި ޕްރިޒަންގެ އޮފިސަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސަތްކަތްކުރި 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ޕުރިޒަން އޮފިސަރު ހައްޔަރުކޮށްފައިވަނީ އޭނާ ޑިއުޓީއަށް މާފުށީ ޖަލަށް ދިޔަ މަގުމަތީ މަގުމަތިން ހުއްޓުވައި ޗެކް ކުރުމަށް ފަހުގައިއެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ބަންދުކޮށްފައި --- ފޮޓޯ: ޕޮލިސް

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އޭނާ ޗެކްކުރިއިރު ލައިގެންހުރި ފަޓުލޫނުގެ ކަނާއަތްފަރާތު އަރިމަތީ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޓޭޕް އޮޅާފައިއޮތް 5 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތިނަގާ ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މާފުށީ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހްގީގް ކުރަމުން އަންނައިރު އޮފިޝަރުގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރެއް ހައްޔަރުކޮށްފައިވާއިރު ޖަލުތަކަށް މަނާ ތަކެތި ވެއްދުމުގައި އޮފިސަރުން ތަފާތު ގޮތްގޮތަށް އެހީވެދޭ ކަމުގެ ތުހުމަތުތަކެއް އަންނަނީ ކުރެވެމުންކަން ވެސް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް