ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި ބެޓެރީއެއް ގޮވައިފި

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

އިންޑިއާގެ ކޮޗިންއިން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ލިތިއަމް ބެޓްރީޕެކެއް ގޮވުމުގެ ހާދިސާއެއް ހިނގައިފި އެވެ.

އެހާދިސާ ހިނގީ އިއްޔެ ކަމަށް ސްރީލަންކަން އެއާލައިންސްއިން ބުންޏެވެ.

އެ އެއާލައިނުން ބުނީ އިއްޔެ ޔޫއެލް 166 ފްލައިޓުގައި ގޮވީ ފަސިންޖަރެއްގެ ހޭންޑް ލަގެޖުގެ ތެރޭގައި އޮތް ލިތިއަމް ބެޓްރީ ޕެކަކާއި ދެ މޯބައިލް ފޯނެވެ.

ސްރީލަންކަންއިން ބުނީ، އިއްޔެގެ ފްލައިޓުގައި ފަސިންޖަރުންނަށް ކާބޯތަކެތި ސާރވްކުރި ފަހުން، ފްލއިޓުގެ އޯވަހެޑް ލަގެޖު ބިންއިން ދުން އަރަމުން ދާކަން ފާހަގަކުރެވިގެން ކެބިން ކްރޫއިންނަށް ރިޕޯޓު ކުރެވުނު ކަމަށެވެ. އަދި ކެބިން މެނޭޖަރު އެކަން ފްލައިޓިގެ ކެޕްޓަނަށް ރިޕޯޓު ކުރުމަށް ފަހު، އަލިފާން ނިއްވާ ވަސީލަތްތަކާ އެކު ކެބިން ކްރޫއިން ލަގެޖު ބިން ހުޅުވި ކަމަށް ސްރީލަންކަންއިން ބުންޏެވެ.

"ދުން ނުކުންނަމުން ދިޔަ ދަބަހަށް ކްރޫއިން ވަގުތުން ފަޔާ އެކްސްޓިންގުއިޝާ ޖަހައި، ފަސިންޖަރުންނާ ދުރަށް އެ ދަބަސް ގެންދިޔަ. އޭރު އެ ދަބަހުން ދުން އެރުން އިތުރުވި. ލިތިއަމްގެ ސބަަބުން އަލިފާން ރޯވެދާނެ ކަމަށް ބެލެވޭތީ، އެ ދަބަސް ފެން އެއްޗަކަށް ފައްތައިލި،" އެ އެއާލައިނުން ބުންޏެވެ.

ެއެ ހާދިސާގައި، ފްލައިޓުގައި ތިބި 202 ފަސިންޖަރަކަށް އަދި ކްރޫއިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ސްރީލަންކަން އިން ބުނީ މި ހާދިސާގެ މައުލޫމާތު ވަގުތުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޓްރެފިކް ކޮންޓްރޯލަރުންނާ ހިއްސާ ކުރެވުނު ކަމަށާއި، ފްލައިޓު އެއާޕޯޓުގައި ޖެއްސި ވަގުތު ފަޔާ ފައިޓަރުން އެ ފްލައިޓަށް އެޓެންޑުކުރި ކަމަށެވެ.

"ސްރީލަންކަން އެއާލައިންސްއާއި ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގެއް ފަށާފައި،" ސްރީލަންކަންއިން ބުންޏެވެ.

comment ކޮމެންޓް