"ނޯޓީ40"އަކީ ޖާދުއަށް ތަފާތު ތަޖްރިބާއެއް!

ދިވެހި ފިލްމު ނޯޓީ40ގެ ކޮސްޓިއުމް ޑިޒައިނަރަކީ ޖާދުﷲ އިސްމާއީލް (ޖާދު) -- ފޭސްބުކް ފޮޓޯ

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އެފަރާތްތަކުން ކެމެރާގެ ކުރިމައްޗަށް އަރާއިރު ބޭނުންކުރާ ހެދުން ތަކެވެ. ބެލުންތެރިންގެ ލޯތަކުގައި ވަގުތުން އަޅައިގަންނަފަދަ ތަފާތު ހެދުންތަކަކީ ''ކޮސްޓިއުމް ޑިޒައިނަރުން''ގެ މިންނެތް މަސައްކަތާއި ފަންނުވެރިކަމުގެ މިސާލުތަކެވެ.

މިފަހަރު މިއޮތީ ދިވެހި ފިލްމީ އިންޑަސްޓްރީގައި، ފެހުމާއި އަދި ކޮސްޓިއުމް ޑިޒައިންކުރުމުގެ ގޮތުން އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޖާދުﷲ އިސްމާއީލް، ނުވަތަ ގިނަ ބަޔަކު ދަންނަ ''ޖާދު''ގެ އިންޓަވިއުއެވެ.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ "ނޯޓީ 40"ގެ ކާސްޓުންގެ ތެރޭގައި ނުހިމެނުނު ކަމުގައިވީ ނަމަވެސް، މި ފިލްމުގައި ޖާދު ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ކެމެރާގެ ކުރިމަތިން ފެނިގެން ނުދިޔަކަމުގައި ވިޔަސް އޭނާގެ ޒިންމާއަކީ ފަހަރުގައި މިފިލްމުގައި އެންމެ ބޮޑު އެއް ޒިންމާއޭ ބުނެވިދާނެއެވެ. ނޯޓީ 40ގައި ފެނިގެންދާ 18 ތަރީންގެ ހެދުންތަށް ނުވަތަ ފިލްމުގެ ކޮސްޓިއުމްތައް ޑިޒައިން ކުރުމުގެ ބުރަ އަދި ބޮޑު މަސައްކަތް ކޮށްފައިވާ ފަރާތަކީ ޖާދުއެވެ.

"ނޯޓީ 40" އިން ފުރުޞަތު ދިންކަމަށްޓަކައި ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)، އެކްޓަރު އަހްމަދު ސައީދު އަދި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގަށް ޝުކުރު އަދާކުރަމުން ޖާދު ބުނީ މިއީ މިހާތަނަށް އޭނާއަށް މަސައްކަތްކުރަން ލިބުނު އެންމެ ތަފާތު އަދި އެންމެ ގިނަ ކަންތައްތަކެއް ދަސްވި އެއް ޕްރޮޖެކްޓް ކަމަށެވެ.

މިހާ ބޮޑު ފިލްމެއްގައި އެހާ ގިނަ ފަންނާނުންނަށް ހެދުން ފަރުމާ ކުރުމުގައި ދަތިތަކެއް ހުރިތޯ ސުވާލުކުރުމުން އޭނާ ބުނީ، ފިލްމުގައި ހަރަކާތްތެރިވާ ގާތްގަނޑަކަށް އެންމެންގެ ހެދުންތަށް ފަރުމާކުރިއިރު އެކަށީގެންވާ ވަރަކަށް އެކަމަަށް ވަގުތު ހުސްކުރަން ޖެހުނުކަމަށާއި ނަމަވެސް ޑައިރެކްޓަރު ޔޫއްޕެގެ އެހީތެރިކަމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ.

"އަސްލު ޔޫއްޕެގެ އިންސްޓްރަކްޝަން ވަރަށް ޑީޓެއިލްކޮށް ކިޔައިދޭ. ސީންތަކުގައި ހެދުން ތަކުގެ ފީލް އަދި ލުކް ހުންނަން ޖެހޭނީ ކިހިނެއް ކަމާ އެއްޗެހި ވަރަށް ރީއްޗަށް ކިޔައިދޭ،" ފިލްމުގައި ހެދުން ފަރުމާކުރިއިރު ލިބުނު އެހީތެރިކަން ފާހަގަކޮށް ޖާދު ބުންޏެވެ.

ދިވެހި ފިލްމީ ދާއިރާގައި އެތައް ބައިވަރު ވީޑިއޯ ލަވަތަކާއި ފިލްމުތަކުގައި ކޮސްޓިއުމް ޑިޒައިން ކޮށްދިނުމުގެ އިތުރުން ޖާދުއަކީ އެވޯޑް ހަފްލާތަކުގައިވެސް ފަންނާނުންގެ ހެދުންތަށް ފަރުމާކުރުމުށް އެންމެ ޑިމާންޑު އޮންނަ އެއްފަރާތެވެ.

ނެށުމުގެ ކުޅަދާނަ ހުނަރުން ދިވެހިން ސިއްސުވާލި މި ފެހުންތެރިޔާއަކީ ވަރަށް ބިޒީ ޝެޑިއުލެއްގައި، ފެހުމުގެ ދާއިރާ އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ޖާދު ވަނީ މަޝްހޫރު ޑައިރެކްޓަރު މާއެނބޫގެ "ނޭދެން ވަކިވާކަށް" ފިލްމުގައި މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން މިވަގުތު ޖާދު ގެންދަނީ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަދި ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ފާތުމަތު ނަހުލާގެ "ބޮސް"ގެ ކޮސްޓިއުމް ޑިޒައިން ކުރުމުގެ މަސައްކަތުގައި ބުރަކޮށް ހަރަކާތްތެރިވަމުންނެވެ.

ފެހުމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ޖާދު ބުނީ، މިއީ ހިތްވަރާއެކު މަސައްކޮށް މީހުންގެ ފާޑުކިޔުންތަށް ރަނގަޅު ގޮތުގައި އަޑުއަހައި ދައްކައި އެހެންމީހުންގެ މަލާމާތާއި ބޭކާރު ވާހަކަތަކަށް ނުވިސްނައި ކުރިޔަށް ދާން ކެރިއްޖެނަމަ ކާމިޔާބީ އަދި މީހުންގެ ލޯބި ލިބޭނެ މަސައްކަތެއް ކަމެވެ.

ދިވެހި ފިލްމު "ނޯޓީ 40" ގައި ކެމެރާގެ ކުރިމަތިން ޖާދު ފެނިގެން ނުދިޔަ ކަމުގައިވިޔަސް އޭނާ ބުނިގޮތުގައި މިއީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މީގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންގެ ކޮސްޓިއުމުތަކުންވެސް ތަފާތު އެތަށް ރަހަތަކެއް ފެނިގެންދާނެ ކަމަށް ޖާދު ބުންޏެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ، ނޯޓީ40 އޮލިމްޕަހުގެ ސްކްރީނުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.

އޯގަސްޓު ދެވަނަ ދުވަހުން ފެށިގެން ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް