ޞަޙާބީންގެ މަތިވެރިކަން -6

25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

.

ޒާތީގޮތް ނުގެންގުޅުއްވުން

ކީރިތި ޤުރުއާނުގައި އަންގަވައިފައިވެއެވެ. މުސްލިމެއްގެ މަރުމަތީގައި އެމީހެއްގެ މުދަލާމެދު ވަޞިއްޔަތެއް ކުރާނަމަ އެމީހަކު އިތުބާރުހުރި ދެމީހުން ހެކިކޮށް އެ ވަޞިއްޔަތެއް ކުރާހުށިކަމެވެ. މިކަމާބެހޭ ޙުކުމްތައް ބަޔާން ކުރައްވަމުން ވަޙީ ކުރައްވައިފައިވެއެވެ. ހެކި ދިނުމުގެ ވަގުތުގައި ދެހެކީން ހެކިދިނުމުގައި އެއްވެސް މީހެއްގެ ޙައްޤަކަށް ގެއްލުމެއް ދީފިނަމަ އެބަޔަކަށް ވަޞިއްޔަތް ޙައްޤު މީހުންކުރެ މައްޔިތާއާ އެންމެ ގާތް ދެމީހަކު އެދެމީހުންގެ މަޤާމުގައި ޤާއިމުވާނީއެވެ. ދެން އެދެމީހުން މާތްﷲ ގަންދީ ހުވާކޮށްފައި ތިމަންމެންގެ ހެކިބަސް ކުރިން ހެކިދިން ދެމީހުންގެ ހެކިބަހަށްވުރެ ތެދުކަން ބޮޑުކަމަށާއި، ތިމަންމެން ހައްދުފަހަނަޅައި ނުދާކަމަށް ބުނާނީއެވެ.

މިމައްސަލައިގައި އަބީ މިޖްލަޒުގެ ކިބައިން ރިވާވެފައިވެއެވެ. އުބައްޔު ބިން ކަޢުބު ރަޟިޔަﷲ ޢަންހު މި އާޔަތް ކިޔަވައި ވިދާޅުވިއެވެ. އެހިނދު އެއާޔަތުގައި ހިމެނޭ ލަފުޒެއްގެ ޤިރާއަތުގެ ތަފާތާމެދު ޢުމަރުގެފާނާއި އުބައްޔާ ދެބޭކަލުންގެ ޚިޔާލުފުޅު ތަފާތުވިއެވެ. ޢުމަރުގެފާނު އުބައްޔު އާ ދިމާޔަށް ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ހެއްދެވީ އިތުރުފުޅެކެވެ. އުބައްޔު ވިދާޅުވިއެވެ. ކަލޭގެފާނުގެ ދޮގުވެރިކަން އަޅުގަޑަށްވުރެ މާބޮޑެވެ. އެއަޑުފުޅު އިވުމުން މީހަކު އުބައްޔާ މުޚާތަބުކޮށް ބުންޏެވެ. ކަލޭގެފާނު އަމީރުލް މުއުމިނީނަކީ ދޮގުވެރިޔެކޭ ވިދާޅުވަނީތޯއެވެ. އުބައްޔު ވިދާޅުވިއެވެ. އަހަރެން ކަލެޔަށްވުރެ މާބޮޑަށް އަމީރުލް މުއުމިނީނަށް އަދަބު އިޙްތިރާމް އަދާކުރަމެވެ. އެކަމަކު އަހަރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރީ މާތްﷲ ގެ ފޮތް ތެދުކުރުމުގެ މައްސަލައިގައެވެ. މާތްﷲ ގެ ފޮތް ދޮގުކުރުމަކަށް އަހަރެން އަމީރުލް މުއުމިނީންގެ ބަސްފުޅު ތެދެއް ނުކުރާނަމެވެ. ޢުމަރުގެފާނަށް އެވާހަކަފުޅު އިވިވަޑައިގަތުމުން ވިދާޅުވިއެވެ. އެވިދާޅުވީ ތެދުފުޅެކެވެ.

މި ޙާދިޘާގައި ޞަޙާބީންގެ އެއްބޭކަލަކު އަނެއް ބޭކަލަކަށް ވަރަށް ވަރުގަދަޔަށް ފާޑުވިދާޅުވިއެވެ. ފާޑުވިދާޅުވުން ރައްދުވީ ބޭކަލަކީ ދައުލަތުގެ އޭރުގެ އެންމެ އިސްވެރިޔާއެވެ. ނަމަވެސް ފާޑުވިދާޅުވި ޞަޙާބީ އެހާ ހަރުކަށިފުޅުކަމާއެކު ފާޑުވިދާޅުވިއިރުވެސް ފާޑުވިދާޅުވުން ރައްދުވި ޞަޙާބީއާމެދު ފާޑުވިދާޅުވި ޞަޙާބީގެ ހިތްޕުޅުގައިވާ ޝަޚްޞީ އިޙްތިރާމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަނެއްކޮޅުން ފާޑުވިދާޅުވުން ރައްދުވި ޞަޙާބީ ނުހަނު މަތީ މަޤާމެއްގައި ހުންނެވުމާއެކުވެސް އެ ހަރުކަށި ފާޑުވިދާޅުވުމާމެދު އެކަލޭގެފާނުގެ ހިތްޕުޅު ނުބައެއް ނުކުރައްވައެވެ.

މިސިފަޔަކީ އިޖްތިމާޢީ ޙަޔާތަށާއި، އިޖްތިމާޢީ އެއްބައިވަންތަކަމަށް ނިހާޔަތަށް ބޭނުން ސިފައެކެވެ. ޙަޤީޤަތަށް ދަންނަވާނަމަ މިސިފަނެތް އެއްވެސް މުޖަތަމަޢަކީ ރަނގަޅު މުޖްތަމަޢަކަށް ނުވާނެއެވެ. އަދި އެ މުޖްތަމަޢެއްގެ ތެރޭގައި އެއްބައިވަންތަކަމެއްވެސް ޤާއިމެއްނުވާނެއެވެ. ނަމަވެސް މި އަގުހުރި ސިފަޔަކީ އިންތިހާ ދަރަޖައިގެ ތަދު އަދި އެހައިމެ ނާދިރު ސިފައެކެވެ. ޖަމާޢަތެއްގެ ފެންވަރަށް ނިސްބަތްކޮށްގެން މިސިފަޔާމެދު ވިސްނާއިރު އިންސާނުންގެ އެނގިފައިވާ ތާރީޚުގައި ރަސޫލާގެ ޞަޙާބީން ފިޔަވައި އެހެން އެއްވެސް ބައެއްގެ ތެރެޔަކުން މިސިފަ ފެނިފައެއްނުވެއެވެ.

އިޖްތިމާޢީ ދިރިއުޅުމުގައި ވަރަށްގިނަ ފަހަރަށް އެކަކު އަނެކަކާ ދެކޮޅަށް ވާހަކަ ދައްކާން ޖެހެއެވެ. އެފަދަ ވަގުތުގައި އެވާހަކަ އެގޮތަށް ދެއްކުން އޮންނަނީ ޙަޔާތުގެ ކޮންމެހެން ބޭނުން ކަމަކަށްވެސް ވެފައެވެ. ނަމަވެސް ވާހަކަ ދައްކާއިރު އެ ވާހަކަ ދައްކާމީހާއަށް މައްސަލައާއި މައްސަލައާ ގުޅޭ މީހާއާ ވަކިން ބެލެވޭގޮތެއް ނުވެއެވެ. އެހެންކަމުން އޭނާ ޙާދިޘާއަކަށް ފާޑުކިޔާއިރު ހުންނަނީ އެޙާދިޘާއާ ގުޅޭ މީހާ ދެކެ ފޫހިވެވިފައެވެ. ނަމަވެސް ރަސޫލާގެ ޞަޙާބީންނަކީ މިގޮތުން ބަލާއިރު ތާރީޚީ އިސްތިސްނާއެކެވެ. ރަސޫލާގެ ޞަޙާބީންގެ ތެރޭގައި ފާޑުވިދާޅުވުމަކީ ޢާންމު އާދައެކެވެ. ނަމަވެސް ފާޑުވިދާޅުވާ ބޭކަލުން ފާޑުވިދާޅުވަނީ އަބަދުވެސް "މައްސަލަ" އަށެވެ. ފާޑުވިދާޅުވުން ރައްދުވާ ފަރާތުގެ ޝަޚްޞިއްޔަތާމެދު އެބޭކަލުން ނަފްރަތުވެވަޑައެއް ނުގަންނަވައެވެ. އަދި އެފަރާތަށް ކުރައްވާ އިޙްތިރާމަކަށްވެސް އެއްވެސް އުނިކަމެއް ނުގެންނަވައެވެ.

ޞަޙާބީންގެ ތެރެއިން ފާޑުކިޔުން ރައްދުވާ ބޭކަލުންވެސް ފާޑުކިޔުން އަޑުއައްސަވައެވެ. ނަމަވެސް އެބޭކަލުން ފާޑުކިޔުމުގެ ބޭރުފުށުގައި ހުންނަ ހަރުކަށިކަން ހަނދާން ނައްތަވައިލައްވައި ފިކުރުފުޅުކުރައްވާން ފައްޓަވަނީ ފާޑުކިޔުނު އަޞްލަކާ މެދުގައެވެ. އެބޭކަލުން ވިސްނައިވަޑައިގަންނަވަނީ އެ ފާޑުކިޔުމަކީ ޤަބޫލުކުރެއްވޭފަދަ ފާޑުކިޔުމެއްތޯ ނުވަތަ ނޫންތޯއެވެ.

ފާޑުކިޔުމުގެ ޒަރީއާއިން ޖަހައިލެވޭ "އެތިފަހަރަކީ" ވަރަށް ހިތި އެތިފަހަރެކެވެ. ތިމާއާ ދެކޮޅަށް ފާޑުކިޔާ އަޑު އިވޭއިރަށް ހިތުގައި އަލިފާން ރޯވާކަހަލައެވެ. ނަމަވެސް މާތްވެގެންވާ ޞަޙާބީން ތިއްބެވީ އެއަށްވުރެ މާ މަތީ ފެންވަރެއްގައެވެ. އެބޭކަލުންނާ ދެކޮޅަށް ކިޔޭ ފާޑުކިޔުންތަކާމެދު ހަމައެކަނި ފިނި ސިކުނޑިފުޅަކުން ވިސްނައިވަޑައިގަންނަވަނީކީ ނޫނެވެ. އަދި ކީއްތޯއެވެ. ފާޑުކިޔާ ފަރާތުގެ އެންމެ ހަރުކަށި ލަފުޡުތަކާމެދުވެސް އެބޭކަލުން ކުޑަވެސް ފަރުވާލެއް ނުބަހައްޓަވައެވެ.

ސަބަބަކީ ޞަޙާބީންގެ ތަޤްވާވެރިކަމެވެ. އެބޭކަލުންގެ އީމާންތެރިކަން އެބޭކަލުންގެ ވިސްނުންފުޅު ޢާންމު ފެންވަރަށްވުރެ މާ މަތީ ފެންވަރަކަށް ވާޞިލުކޮށްފައިވުމެވެ. އެފެންވަރަށް ވާޞިލުވެ ވަޑައިގަތުމަށްފަހު މާއްދީ ކޮންމެ ކަމަކާމެދުވެސް އެބޭކަލުން ބައްލަވައި އުޅުއްވީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. އެބޭކަލުންނަށް މަތިވެރި ޙަޤީޤަތެއްގެ ތެރެއަށް ވަދެވަޑައިގެންނެވިފައި ތިއްބަވާލެއް ބޮޑުކަމުން އެބޭކަލުން ޒާތީ ތާރީފާމެދު އުފާފުޅެއް ނުކުރައްވައެވެ. ޒާތީ ފާޑުކިޔުމާމެދު ކޯފާއިހެއްވެސް ނުކުރައްވައެވެ. އެބޭކަލުން ކޮންމެ ވާހަކަޔާ މެދުވެސް ވިސްނައިވަޑައިގަންނަވަނީ ވާހަކައެއްގެ ނަޒަރުންނެވެ. އެވާހަކައަކީ އެބޭކަލުން ރުހިވަޑައިގަންނަވާ ވާހަކަޔަކަށްވިޔަސްވެހެވެ. ރުހިވަޑައި ނުގަންނަވާ ވާހަކަޔަކަށް ވިޔަސްވެހެވެ. އެބޭކަލުން ކޮންމެ ޙާދިޘާއަކާ މެދުވެސް ބައްލަވަނީ އޭގެ ޙަޤީޤަތަށެވެ. އެއީ އެބޭކަލުންނާ އެއްކޮޅު ވާހަކައެއްތޯ ނުވަތަ އިދިކޮޅު ވާހަކައެއްތޯއެއް ނޫނެވެ.

(ނުނިމޭ)

comment ކޮމެންޓް